ފެނަކަ ކޯޕަރޭޝަނަށް ބޮޑު އަގުގައި ތެޔޮ ވިއްކި ކުންފުންޏެއްގައި ފޮނަދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުއްރަހީމް އަބްދުﷲގެ ހިއްސާ އޮންނަ ކަމަށް ބުނާ ވާހަކަތައް އޭނަ ދޮގުކުރައްވައިފިއެވެ.

އިިދިކޮޅު ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީއެންސީގެ ރައީސް އަދި ފޮނަދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ފެނަކަ ކޯޕަރޭޝަނަށް ތެލުގެ ހަމަ އަގަށްވުރެން ތިންގުނަ ބޮޑު އަގުގައި ތެޔޮ ވިއްކާފައިވާ ކަމަށް ބުނާ ކުންފުނީގައި އޭނާގެ މަސްލަހަތެެއްވާ ކަމަށް ބުނާ ވާހަކައަކީ ހަގީގަތެއް ނޫން ކަމަށާއި އެކުންފުނީގައި އޭނާގެ އެއްވެސް މަސްލަހަތެއް ނޯންނާނެ ކަމަށެވެ.

އަދި އެއީ ސަރުކާރުގެ ކުންފުނިތައް އެދެވޭ ގޮތެއްގައި ނުހިންގި ކުންފުނިތަކުން ގެއްލުންވާ ފެށުމުން ދައްކާ ވާހަކަތަކެއް ކަމަށް ވެސް ވިދާޅުވިއެވެ.

"އެންމެ ފުރަތަމަ ކަމަކަށް އަޅުގަނޑުގެ ހިއްސާ އޮންނަ ކުންފުންޏަކުން ފެނަކަ އާއި އެކު އެއްވެސް މުއާމަލާތެއް ހިންގާފައެއް ނޯންނާނެ. އެއީ ކަނޑައެޅިގެން އިތުރުފުޅެއް. ދެން އަނެއް ކަމަކީ ފެނަކައިގެ އޭރުގެ އެމްޑީ ތި ވިދާޅުވާ ވިޔަފާރިއެއް ހިނގި އިރުގެ އެމްޑީ ވިދާޅުވެފަ އެބައޮތް ކަނޑައެޅިގެން ދޮގު ވާހަކައެއް. އެ ބޭފުޅުން ވިދާޅުވީ އަޅުގަނޑާ ރިޔާޒު އާ ހިއްސާވާ ކުންފުންޏެކޭ، އެކަމަކު އެއީ ކަނޑައެޅިގެން ދޮގެއް. ދެން އަނެއް ކަމަކީ އަޅުގަނޑަށް ލިބިފައިވާ މައުލޫމާތު ކުށްކަމުގައި ނުވާނަމަ، 12.45.ރ އަށް އެންމެ އަގު ބޮޑުކޮށް ތެޔޮ އަޅާފައި އޮތީ. އޭރު އެސްޓީއޯގައި ތެލުގެ އަގު އުޅެނީ 11 ރުފިޔާ ލާރިކޮޅެއްގަ" އަބްދުއްރަޙީމް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް ކޮމިޓީ (އެސްއޯއީ ކޮމިޓީ) ގައި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑައިރެކްޓަރު އަހުމަދު ސައީދު މުހައްމަދު ވިދާޅުވެފައިވަނީ ކުރީގެ ދެމެމްބަރުންގެ ދެ ކުންފުނިން ފެނަކައަށް ޑީސަލް ވިއްކީ 28ރ. އަށް ލީޓަރެއްގެ ރޭޓުން ކަމަށެވެ. އަދި އެ ދެކުންފުނިން ބޮޑު އަގުގައި ތެޔޮ ވިއްކީ ފިއުސް ސަޕްލައިސް މޯލްޑިވްސް އިން 6.58.ރ އަށް ގަނެގެން ކަމަށެވެ. އެކަމަކު ހަމަ އޭރު އެފްއެސްއެމް އިން ފެނަކަޔަށް ތެޔޮ ވިއްކާފައި ވަނީ 8.25.ރ އަށް ކަމަށް ވެސް ކޮމެޓީގައި ސައީދު ވަނީ ވިދާޅުވެފައެވެ.

އަބްދުއްރަހީމް ވިދާޅުވީ ސަރުކާރު ނުހިންގެން ފެށުމުން މިހާރު ސަރުކާރުން ކުޅެމުން ދަނީ ޑްރާމާއެއް ކަމަށެވެ. އެގޮތުން މި ސަރުކާރުގައި ތިބީ އެމީހުން ބޭނުންވާ މަގުސަދު ހާސިލްކުރުމަށް ދޮގުހަދަން ޖެހުނަސް ޖެހިލުންވާނެ ބައެއް ނޫން ކަމަށް ވިދާޅުވެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ.