ދިވެހިރާއްޖޭގެ މަސްވެރިންނަށް ޤާނޫނީ ރައްކާތެރިކަމާއި މާލީ ރައްކާތެރިކަން ކަށަވަރުކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވީ، މިރޭ ގދ. ތިނަދޫގައި ކުރިއަށްދާ ޖަޒީރާ ހޮޅުއަށީގައި ރައްޔިތުންނާއި މުހާތަބުކުރައްވާ ވާހަކަފުޅުދައްކަވަމުންނެވެ.

ޖަޒީރާ ހޮޅުއަށީގެ ބައިވެރިންނާއި މުހާތަބުކުރައްވައި ރައީސް ވިދާޅުވީ، ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގެ ތެރޭގައި މަސްވެރިންނަށް ހާއްސަކޮށް ގިނަ ވަޢުދުތަކެއް ވެވަޑައިގެންނެވި ކަމަށެވެ. އޭގެތެރޭގައި މަސްވެރިކަން ތަރައްގީކުރުން ހިމެނޭ ކަމަށާއި އަދި އެ ވައުދު ފުއްދުމުގެ މަސައްކަތް ކުރައްވަމުންގެންދަވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރާއްޖެއަށް ބާނާ މަސް އިތުރުކޮށް އަދި މަހަށް ލިބޭ އަގު އިތުރުކުރެވޭނެ ގޮތްތައް އެބަހުރިކަމަށް ވިދާޅުވެ ރައީސް ވިދާޅުވީ މަސްވެރިންނަށް ޤާނޫނީ ރައްކާތެރިކަމާއި، މާލީ އެހީތެރިކަން އަދި ފަންނީ އެހީތެރިކަން ހޯދައިދިނުމަށް މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި މިރޭ ބޭއްވޭ ހޮޅުއަށީގެ އެންމެ މުހިންމު ބޭނުމަކީވެސް މަސްވަރިކަމުގެ ސިނާޢަތު ތަރައްޤީކުރުމަށް ބޭނުންވާ ސިޔާސަތު އެކުލަވާލުމުގައި މަސްވެރިންގެ ހިޔާލާއި މަޝްވަރާ ހޯދުން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.