މިއަހަރު ނިމުމުގެ ކުރިން ސަރުކާރުގެ މަސްކުންފުނި މިފްކޯއަކީ ގެއްލުން ނުވެ ހިންގާ ކުންފުންޏަކަށް ހެދޭނެ ކަމުގައި ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދުމަށް ސަރުކާރުން ކުރިޔަށްގެންދާ ޖަޒީރާ ހޮޅުއަށި ސިލްސިލާގެ ތިންވަނަ ބައްދަލުވުން ފައްޓަވައި ދެެއްވުމުގެ ގޮތުން ދެއްކެވި ވާހަކަފުޅުގައެވެ.

ގދ ތިނަދޫ ބަނދަރު ސަރަހައްދުގައި މިރޭ ބޭއްވި ޖަޒީރާ ހޮޅުއަށި ބައްދަލުވުން އަމާޒުކޮށްފައި ވަނީ މަސްވެރިކަމުގެ ދާއިރާއަށެވެ. މިގޮތުން މަައުޟޫއެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ‏މަސްވެރިކަމުގެ ނަފާ އިތުރުކުރުން މިމައުޟޫއެވެ.

މިބައްދަލުވުމުގައި ރައީސް ޞާލިޙް ވިދާޅުވީ، ރާއްޖެއަށް ބާނާ މަހުގެ ތެރެއިން އެންމެންގެ ގިނަ މަސްބާނާ އަތޮޅަކީ ހުވަދުއަތޮޅުކަމަށެވެ. އަދި މިއަތޮޅަކީ ހީވާގި މަސްވެރިންތަކެއް ތިބި ރަށެއްކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ޞާލިޙް ވިދާޅުވީ، މަސްވެރިކަމުން ލިބޭ ނަފާ އިތުރުކުރުމަށް ކުރެވެން އޮތް އެންމެ މުހިއްމުކަމަކީ، ސަރުކާރުގެ މަސްކުންފުނި މިފްކޯއަކީ ގެއްލުން ނުވާ ކުންފުންޏެއްކަމުގައި ހެދުން ކަމަށެވެ. އަދި މިހާރު އެމަސައްކަތް ދަނީ ކުރިއަށް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޞާލިޙް ވިދާޅުވީ، މިފްކޯއަށް ފައިދާއެއް ލިބޭ ހަމައެކަނި ތަނަކީ، ފެލިވަރު ކޭނިންގ ފެކްޓަރީން ކަމަށެވެ. އަދި ކޫއްޑޫއާއި ކަނޑުއޮތްގިރިއަކީ ގެއްލުމުގައި ހިންގާތަންތަން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޞާލިޙް ވިދާޅުވީ، މިފްކޯއަށް 40000 ޓަނުގެ މަސްގަނެވޭ އިރު އޭގެތެރެއިން ދަޅުގައި ބަންދު ކުރެވެނީ އެންމެ 30 އިންސައްތައަށް ކަމަށެވެ. އަދި ދުނިޔޭގެ ބާޒަރުގައިވެސް އެންމެބޮޑު މަންފާއެއް ލިބެނީ ޕްރޮސެސްކުރި މަހުންކަމުގައިވާތީ އެކަމަށް މަސައްކަތް ކުރަންޖެހިފައިވާ ކަމުގައި ވިދާޅުވިއެވެ.

ޖަޒީރާ ހޮޅުއަށީގައި މިރޭ ޚިޔާލުފާޅުކުރި ފަރާތްތަކުން ވަނީ މަސްއޮޑި ފަހަރު ބަންނަން އެތެރެކުރާތަކެތި ޑިއުޓީ ކަނޑާލުމަކީ މުހިއްމުކަމެއް ކަމާއި އަދި އައިސް ޕްލާންޓްތައް ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމަކީ މުހިއްމުކަމެއްކަން ފާހަގަކޮށްފައެވެ.