އިންޑިއާގެ ޓެމިލްނާޑޫ ސްޓޭޓްގެ ސްކޫލްތަކުގައި ކިޔަވާ ދަރިވަރުން ގޭގައި ގަސްއިންދައި ހައްދާ ބަލަހައްޓާނަމަ، އެފަދަ ކުދިން ސްކޫލްގައި ކިޔަވާ ކޮންމެ މާއްދާއަކަށް އިމްތިހާނުގައި އިތުރަށް ދެމާކްސް ދޭން ނިންމައިފިއެވެ.

މިކަން އިޢްލާންކުރީ ޓެމިލްނާޑޫ ސްޓޭޓްގެ މިނިސްޓަރ ފޮރ ސްކޫލް އެޑިއުކޭޝަން ކޭއޭ ސެންގޮޓައިޔާންއެވެ.

އޭނާ ވިދާޅުވީ، ޓެމިލްނާޑޫ ސްޓޭޓްގައި މިއަހަރު 5 މިލިއަން ކިޔަވާކުދިން އެބަތިބި ކަމަށާއި، އެހެންކަމުން އެކުދިން ގަސްއިންދަން ފަށައިފިނަމަ ތިމާވެށްޓަށް އޭގެ ހެޔޮ އަސަރު ވަރަށް ބޮޑަށް ކުރާނޭ ކަމަށެވެ. އޭގެ ފައިދާވެސް ޓެމިލްނާޑޫ ސްޓޭޓަށް ކުރާނޭ ކަމަށެވެ.

ގަސް އިންދައި ހައްދާ ކިޔަވާ ކުދިންނަށް އިމްތިހާނުގައި ކޮންމެ މާއްދާއަކަށް ދެމާކްސް ދޭގޮތަށް، ޓެމިލްނާޑޫ ސްޓޭޓްގެ މިނިސްޓަރ ފޮރ ސްކޫލް އެޑިއުކޭޝަން އެންމެ ފުރަތަމަ އިޢްލާން ކުރެއްވީ މިއަހަރުގެ ފެބްރުއަރީމަހުއެވެ. ނަމަވެސް، އެ ސްޓޭޓްގެ ތައުލީމީ ދާއިރާގެ އިދާރާތަކުން އެކަމާ ގުޅޭގޮތުން އޮޅުންބޮޅު މައުލޫމާތު ދިނުމުގެ ސަބަބުން ސްކޫލްތަކުގައި އަދި އެކަން ނުފެށޭ ކަމަށްވެއެވެ.

ސްކޫލްތަކުގެ ޕްރިންސިޕަލުންނާއި، ޓީޗަރުންނަށްވެސް މިކަން ކުރިއަށްދާނޭ ގޮތުގެ ރަނގަޅު މައުލޫމާތު ނުލިބޭތީ، ގަސް އިންދުމުގެ ކަންކަން އަދި ވަނީ ފަށައިގަނެވޭގޮތް ނުވެފައެވެ.

އެހެން ނަމަވެސް، މިނިސްޓަރ އޭކޭ ސެންގޮޓައިޔާން ވިދާޅުވީ، އެ މަޝްރޫއު ކުރިއަށްދާނޭ ކަމަށެވެ. ވަރަށް އަވަހަށް އެކަން ފަށްޓަވާނޭ ކަމަށެވެ.

ގަސް އިންދުމުގެ މި މަސައްކަތް ފެށުމުގެ އިތުރުން، ޓެމިލްނާޑޫ ސަރުކާރުން މިހާރުވަނީ، ޓެމިލް ނާޑޫ ސްޓޭޓްގައި ސަރުކާރުން ހިންގާ ހުރިހާ ސްކޫލެއްގެ ކުދިންނަށް އަންނަ އަހަރުން ފެށިގެން ބޫޓާއި އިސްޓާކީނު ހިލޭ ދިނުމަށް ނިންމާފައެވެ. އެއީ، ސްކޫލްތަކުގެ ގްރޭޑް 6 އިން ފެށިގެން 12 އާ ދެމެދުގެ ގްރޭޑްތަކުގެ ކުދިންނަށެވެ.

ޓެމިލް ނާޑޫ ސަރުކާރުން، ސަރުކާރު ސްކޫލްތަކުގެ ދަރިވަރުންނަށް މިހާރު ހިލޭ ދެމުންގެންދަނީ ޗައްޕަލް ނުވަތަ ފައިވާނެވެ. ނަމަވެސް އަހްނަ އަހަރުން ފެށިގެން ދޭނީ ބޫޓާއި އިސްޓާކީނުކަމަށް ސްކޫލް އެޑިއުކޭޝަން މިނިސްޓަރ އޭކޭ ސެންގޮޓައިޔާން ވިދާޅުވިއެވެ.

ޓެމިލް ނާޑޫ ސްޓޭޓް ސަރުކާރުން މިހާރުވެސް ގެންދަނީ ސްކޫލް ކުދިންނަށް ވަރަށް ގިނަ ވެލްފެއަރ ސްކީމްތައް ހިންގަމުން،ނެވެ. އޭގެ ތެރޭގައި، ކިޔަވާ ކުދިންނަށް ހިލޭ ލެޕްޓޮޕް ދިނުމުގެ ސްކީމެއްވެސް ހިމެނެއެވެ.

ޓެމިލް ނާޑޫ ސްޓޭޓަކީ އިންޑިއާގެ އެންމެ އަބާދީބޮޑު އެއް ސްޓޭޓެވެ. ހަމަ އެއާއެކު ޓެމިލް ނާޑޫއަކީ އިންޑިއާގެ އެންމެ ފަގީރު ސްޓޭޓްތަކުގެ ތެރެއިން ސްޓޭޓެކެވެ.