ޓީވީ ޕްރޮޑިއުސަރު އިލްޔާސް ވަހީދުގެ ފުރަތަމަ ފީޗާ ފިލްމު "ބަވަތި" ސެޕްޓެންބަރުމަހުގެ 2ވަނަ ދުވަހު ރިލީޒްކުރުމަށް ނިންމާފައިވާއިރު، ފިލްމުގެ އޮފިޝަލް ޓްރެއިލާ ސޯޝަލް މީޑިއާ މެދުވެރިކޮށް އާންމުންނަށް ދައްކާލައިިފިއެވެ.

މިރޭ 8:30ގައި "ބަވަތި"ގެ އޮފިޝަލް ޓްރެއިލާ އާންމުންނަށް ދައްކާލާފައިވާއިރު، "ބަވަތި"ގެ އޮފިޝަލް ޓްރެއިލާ މިމަހުގެ 1ވަނަ ދުވަހުގެ ރެއިން ފެށިގެން އޮލިންޕަހުގައިވެސް "މާމުއި" ދައްކަން ފެށުމުގެ ކުރިން ދިޔައީ ދައްކަމުންނެވެ.

"ބަވަތި"ގެ އޮފިޝަލް ޓްރެއިލާ އާންމުންނަށް ދައްކާލާފައިވާއިރު، ޓްރެއިލާއިން ފިލްމުގައި ހުންނާނެ ރިހުން ވަރަށް ރަނގަޅަށް ބުނެދެއެވެ. ޚާއްސަކޮށް ފިލްމުގައި އެންމެ މުހިންމު ރޯލުން ފެނިގެންދާ ނުޒޫގެ ހަޔާތުގެ އަދިރިކަން ޓްރެއިލާއިން ދައްކައިދެއެވެ.

ހަޔާތުގެ ބައިވެރިޔާއާއި ދިމާވުމުގެ ކުރިންވެސް ނުޒޫއަކީ ރަށުގެ ތެރެއަށް "ބަދުނާމުވެފައި"ހުރި މީހެކެވެ. ޓްރެއިލާކޮޅު ފެށިގެންދަނީވެސް ނުޒޫ އެހެން ބުނެލާ އަޑުކޮޅުންނެވެެ. ރަށުތެރެއަށް އެ ދަރި "ބަދުނާމް"ވުމުގެ ފަހަތުގައި ހުރީ މަންމައެވެ. އެއީ ކިހިނެއްވާނެކަމެއް ހެއްޔެވެ؟

އަނެއްކޮޅުން ނުޒޫއަށް މީހެއްގެ ފަރާތުން އަނިޔާތަކާއި ކުރިމަތިލާންޖެހޭކަންވެސް ޓްރެއިލާއިން ބުނެދެއެވެ. އަދި ބަލިއެދުގައިވާ މީހެއްގެ ދިރިއުޅުމާ، ނުޒޫއާއިވެސް ގުޅުމެއްވާކަން އެނގެއެވެ.

"މަށާ އިންނަންވީނު. މިރަށުގެ މީހުން ދައްކާ ވާހަކަތައް އަޑުއަހާކަށް ހުންނާކަށް ނުޖެހޭނެ. މަދާނީ ޝެހޭ ގޮވައިގެން. ޝެހޭ އަބަދުވެސް އުފަލުގައި ބަހައްޓާނަން" ނުޒޫއަށް ނިސްބަތްކޮށް އޭނާގެ ހަޔާތުގެ ބައިވެރިޔާ ބުނެލާ މި ވާހަކަތަކުން ނުޒޫގެ ހަޔާތަށް އުފާވެރިކަން އާދެއެވެ.