ވަކާންޑާއަކީ މާވެލް ކޮމިކް ޔުނިވާސްގެ ފިލްމުތަކުގައި ދައްކުވައިދޭ ޚިޔާލީ ގައުމެކެވެ. އެ ގައުމަށް ޚާއްސަ "ސުޕަހީރޯ" އަކީ ބްލެކް ޕެންތަރއެވެ. މިއީ ޚިޔާލީ ކެރެކްޓާއެއް ނަމަވެސް ސައިންޓިސްޓުން ގަބޫލުކުރާ ގޮތުގައި ބްލެކް ޕެންތަރ ރަމްޒުކޮށްދޭ ދިރުމެއް ކަނޑުގެ އަޑީން މިވަނީ ފެނިފަ އެވެ. މިއީ ކަނޑުގެ 260 ފޫޓު އަޑީގައި ފޮރުވިފައިވާ ފަރުތަކެއްގެ ތެރޭގައި ދިރިއުޅޭ ދަނބު ކުލައިގެ ކުޑަ މަހެކެވެ.

މީގެ ކުރީން ހޯދިފައި ނުވާ މި މަހަކީ ފުނުގައި ހެދޭ ފަރުތައް ކަމަށްވާ "ޓްވައިލައިޓް ޒޯން" ފަރުތަކުގައި ދިރިއުޅޭ މަހެކެވެ. މި ވައްތަރުގެ މަހެއް ފެނިފައި މިވަނީ އިންޑިއާ ކަނޑުގެ ސަރަހައްދެއް ކަމަށްވާ ޓެންޒެނީއާގެ އައްސޭރި ފަށުންނެވެ.

މި ވައްތަރުގެ މަހަށް އާންމު ގޮތެއްގައި ކިޔަނީ "ފެއާރީ ވްރޭސް"އެވެ. ނަމަވެސް އަލަށް ފެނުނު މަހުގައި ހުންނަ ދަނބު ކުލައިގެ ދިހުމެއްގެ ސަބަބުން މި މަހަށް "ވައިބްރޭނިއަމް ފެއާރީ ވްރޭސް" އަދި "ވަކާންޑާ"ގެ ނަން ދީފައިވެ އެވެ.

މި ވައްތަރުގެ މަސް ހޯދިފައިވަނީ އެމެރިކާގެ ކެލިފޯނިއާ އެކެޑަމީ އޮފް ސައިންސުން ހިންގާ ހޯޕް ފޯ ރީފް ޕްރޮގްރާމްގެ ދަށުން ކުރަމުންދިޔަ ދިރާސާތަކެއްގެ ތެރެއިންނެވެ.

މި ޕްރޮގްރާމަކީ ފަރުތަކާއި ފަރުތަކުގައި ދިރިއުޅޭ ދިރުންތައް ރައްކާތެރިކޮށް އާލާކުރެވޭނެ ގޮތްތައް ހޯދުމުގެ މަގުސަދުގައި ހިންގާ ޕްރޮގްރާމެކެވެ. "ވަކާންޑާ" ވައްތަރުގެ މަސް މީގެ ކުރިން ހޯދިފައި ނުވަނީ މި ވައްތަރުގެ މަހަކީ އާންމު ގޮތެއްގައި ޑައިވް ކުރުމުގެ ހުއްދަ އޮންނަ މިނަށްވުރެ ފުނުގައި ހެދޭ ފަރުތަކުގައި ދިރިއުޅޭ މަހަކަށް ވާތީ އެވެ.

"ޓްވައިލައިޓް ޒޯން" ފަރުތައް ހެދެނީ ކަނޑުގެ 200 އާއި 500 ފޫޓާއި ދެމެދުގެ ފުންމިނެއްގަ އެވެ. މި މަހަށް "ވައިބްރޭނިއަމް ފެއާރީ ވްރޭސް" އަދި "ވަކާންޑާ"ގެ ނަން ދީފައިވަނީ މާވެލްގެ ފިލްމުތަކުގައި ފެންނަ ގޮތަށް ވަކާންޑާއަކީ ފޮރުވިފައިވާ ގައުމަކަށްވެފައި، މި ވައްތަރުގެ މަސް ދިރިއުޅޭ ފަރުތަކަކީވެސް ފޮރުވިފައިވާ ތަނަކަށްވުމާއި، އަދި މީގެ އިތުރުން މި މަހުން ފެންނަ އާދަޔާއި ޚިލާފަށް ރީތި ދަނބު ކުލައިގެ ދިހުމުގެ ސަބަބުންނެވެ.