ދިވެހިރާއްޖޭގައި އަދުލު އިންސާފު ގާއިމްކޮށްދީ ރައްޔިތުންނަށް ބޭނުންވާ ގާނޫނީ އެހީތެރިކަމާއި ގާނޫނީ ރައްކާތެރިކަން ފޯރުކޮށްދިނުމަށް އެންމެ އިސް ވާޖިބެއް އަދާކުރާ އެއް ބަޔަކީ ގާނޫނީ ވަކީލުންނެވެ. ނަމަވެސް އެ ވަކީލުންނަށްވެސް މަސައްކަތުގެ މާހައުލުގައި ތަފާތު ގޮންޖެހުންތައް ދިމާވަމުންދާ ކަމީ ޒަމާނުއްސުރެ ވަކީލުން ކުރަމުން ގެންދާ ޝަކުވާ އެކެވެ. މިފަދަ ޝަކުވާތަކަށް ލިބިގެން ދިޔަ ހައްލަކީ ނުވަތަ އުއްމީދަކީ މުޅިން އަލަށް ވުޖޫދުވި ބާ ކައުންސިލެވެ.

ބާ ކައުންސިލް އުފެއްދީ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހްމީ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި "ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ބިލް" މިދިޔަ ޖޫން މަހުގެ 25 ވަނަ ދުވަހު މަޖިލީހުން ފާސްކޮށް މިދިޔަ ޖޫން މަހުގެ 27 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް އެ ބިލް ތަސްދީގުކުރައްވާ، ގެޒެޓް ކުރުމާ އެކު ގާނޫނެއްގެ ގޮތުގައި އަމަލުކުރަން ފެށުމުންނެވެ. ނިމިގެން ދިޔަ 18 ވަނަ މަޖިލީހަށް ވެސް އިމްތިޔާޒު މިބިލް ހުށަހެޅުއްވި އެވެ. ނަމަވެސް އެ މަޖިލީހުގެ ދައުރު ނިމިގެން ދިޔައީ ގާނޫނީ ފަންނުގެ ބިލް މަޖިލީހުގެ ކޮމިޓީ މަރުހަލާގައި އޮއްވަ އެވެ.