ގާނޫނީ ވަކީލުންގެ މަސައްކަތްތައް ރެގިއުލޭޓް ކުރުމަށް ރާއްޖޭގައި އުފައްދާ ފުރަތަމަ ބާ ކައުންސިލުގެ ރައީސް ކަމުގެ މަގާމަށް މަޝްހޫރު ގާނޫނީ ވަކީލް މައުމޫން ހަމީދު އިންތިޚާބުވެވަޑައިގެންފިއެވެ.

ބާ ކައުންސިލްގެ ރައީސްކަމަށް މައުމޫން އިންތިޚާބުވެވަޑައިގެންފައިވަނީ މިއަދު މާލެއާއި އައްޑޫ ސިޓީގައި ކުރިއަށްދިޔަ އެ ކައުންސިލްގެ އިންތިޚާބުގައި ވޯޓުން ކުރި ހޯއްދަވައިގެންނެވެ.

މި އިންތިޚާބުގައި ބާ ކައުންސިލްގެ ރައީސްކަމަށް މައުމޫން ހަމީދާއި ވާދަކުރައްވާފައިވަނީ ކުރީގެ ބަންޑާރަނާއިބް އަލްއުސްތާޒު ހުސްނުއްސުއޫދެވެ.

މިއަދު މާލެއާއި އައްޑޫ ސިޓީގައި ކުރިއަށްދިޔަ ބާ ކައުންސިލް އިންތިހާބުގެ ވޯޓް ގުނަން ފަށާފައިވަނީ މިއަދު ހަވީރު 5:30ގައެވެ. އިންތިހާބުގައި ވޯޓުލުމަށް ތިން ވޯޓު ފޮށްޓެއް ބެހެއްޓިއެވެ.

ވޯޓުފޮށި ބަހައްޓާފައިވަނީ އައްޑޫގައި ހުންނަ ޝަރަފުއްދީން ސުކޫލުގައި އެއްފޮށި، މާލޭގައި ހުންނަ އިންތިހާބީ މައި މަރުކަޒު، ބާ ޖަމާލުއްދީގައި ދެ ފޮށިއެވެ.

މިހާތަނަށް ސާފުކުރެވުނު ނަތީޖާއިން މައުމޫން ހަމީދު ވަނީ 267 ވޯޓް ހޯއްދަވާފައެވެ. ސުއޫދަށް ލިބިވަޑައިގެންފައިވަނީ 200 ވޯޓެވެ.

ސުއޫދުވެސް ވަނީ އިންތިޚާބުން މައުމޫން ކުރި ހޯއްދަވާފައިވާކަމަށް ވިދާޅުވެ، ޓްވިޓާ މެދުވެރިކުރައްވާ މައުމޫނަށް މަރުހަބާ ވިދާޅުވެފައެވެ.