އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށް ނެގި ގައުމީ ސީނިއާ ފުޓުބޯޅަ ޓީމުގައި މިފަހަރު ޒުވާން ގިނަ ކުޅުންތެރިންތަކެއް ހިމަނައިފިއެވެ.

މިފަހަރު ސްކޮޑުގައި އެންމެ ފާހަގަކޮށްލެވޭ ބޮޑު ބަދަލަކީ ކެޕްޓަން އަކްރަމް އަބްދުލް ޢަނީ ޓީމުގައި ނުހިމެނުމެވެ. މި ސްކޮޑުގައި ހިމެނޭ އެންމެ އުމުރުން ދޮށީ ދެ ކުޅުންތެރިންނަކީ ކްލަބް އީގަލްސްގެ އަލީ ފާސިރު (ސެންޓޭ) އާއި ދަ ގްރާންޑޭގެ ގޯލްކީޕަރު މުހައްމަދު ފައިސަލް އެވެ.

ޒުވާން ސްކޮޑަކަށް މިފަހަރު އިސްކަންދީފައިވާއިރު މިފަހަރު ސްކޮޑުން އަލަށް ޖާގަ ހޯދި ކުޅުންތެރިންނަކީ ކުލަބް އީގަލްސްގެ ހުނަރުވެރި ކުޅުންތެރިޔާ ހައިޝަމް ހަސަން އާއި ށ. ފޯކައިދޫ ޓީމުގެ މުހައްމަދު ޖައިލަމް (އޮގީ) އެވެ.

ސްކޮޑުގައި މިފަހަރު އެންމެ ގިނައިން ހިމެނެނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުގެ ކުޅުންތެރިންނެވެ. އެގޮތުން އެ ޓީމުގެ ހަތް ކުޅުންތެރިން މިފަހަރު ސްކޮޑަށް ވަނީ ނަގާފައެވެ. އެއީ ހުސައިން ނިހާނާއި އިބްރާހީމް ވަހީދު ހަސަން (އިއްބެ) އާއި ހަމްޒާ މުހައްމަދު (ހަމްޕު) އާއި ހަސަން ނާއިޒް (ދާދު) އިބްރާހީމް މަހުދީ ހުސައިން (ފޭދޫ އިއްބެ)ގެ އިތުރުން ކީޕަރު ހުސައިން ޝަރީފާއި މުޖުތާޒް މުހައްމަދެވެ.

ޓީމުގައި ހިމެނުނު ނަމަވެސް އަނިޔާއާއި ގުޅިގެން ސަމޫހް އަލީ އަށް ވަނީ ޓީމުން ޖާގަ ގެއްލިފަ އެވެ. އޭނާގެ އިތުރުން މިފަހަރުގެ ސްކޮޑުން ޖާގަ ގެއްލުނު ބައެއް ކުޅުންތެރިންގެ ތެރޭގައި ފާހަގަކޮށްލެވޭ ބައެއް ކުޅުންތެރިންނަކީ އަހުމަދު އިމާޒް (އާއްކޮ) އާއި މުހައްމަދު އާރިފް (ބަކާ) އެވެ.

މި ސްކޮޑުގައި ހިމެނޭ އިތުރު ކުޅުންތެރިންގެ ތެރޭގައި ކުލަބް އީގަލްސްގެ ރިޒްވާން ފާހަގަކޮށްލެވެއެވެ. މިއަހަރުގެ ސީޒަނުގައިވެސް ރިޒްވާން ދަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ.

އައިއޯއައިޖީ ރަސްމީކޮށް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހުގައެވެ. ނަމަވެސް ގޭމްސް ފެށުމުގެ ކުރިން ފުޓުބޯޅަ އިވެންޓު ފެށުމަށް ހަމަޖެހިފައިވުމާއެކު ފުޓްބޯޅަ ޓީމު މޮރިޝަސް އަށް ދާން މާދަމާ ފުރާނެ ކަމަށް އެފްއޭއެމުން މައުލޫމާތުދެއެވެ.