ވިއެޓްނާމްގެ ހެނޯއީގައި މިހާރު ކުރިޔަށްދާ އޭޝިއަން ވޮލީބޯލް ކޮންފެޑެރޭޝަން (އޭވީސީ) ގެ 23 އަހަރުންދަށުގެ ވޮލީބޯޅަ މުބާރާތުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި ނިއުޒީލޭންޑް އަތުން ސީދާ ތިން ސެޓުން ރާއްޖޭގެ ޓީމް ބަލިވެއްޖެ އެވެ.

މުބާރާތުގެ ފުރަތަމަ މެޗުން ރާއްޖެ ބަލިވި މެޗުގެ ސެޓުތައް ނިއުޒީލޭންޑް ގެންދިޔައީ 25-10 ، 25-15، އަދި 25-06 އިންނެވެ. މި މެޗުގެ ދެވަނަ ސެޓުގައި 15 ޕޮއިންޓް ސްކޯކުރުން ވެގެންގޮސްފައި ވަނީ ބޭރުގެ ބޮޑު މުބާރާތެއްގައި ޖޫނިއާ ޓީމު މިހާތަނަށް ނެރުނު އެންމެ ރަނގަޅު ނަތީޖާ އަށެވެ. ނިއުޒިލޭންޑަކީ ސަރަހައްދީގޮތުން ބަލާއިރު ވޮލީގައި ވަރުގަދަ ގައުމެކެވެ.

ޖުމްލަ 13 ގައުމަކުން ބައިވެގެން ކުރިއަށްގެންދާ މި މުބާރާތް ބާއްވަނީ ހަތަރު ގްރޫޕަކަށް ބަހާލައިގެންނެވެ. ރާއްޖެ ލައްވާލާފައިވަނީ ގްރޫޕް އޭ ގައެވެ. މި ގްރޫޕުގައި ރާއްޖެއާއެކު ހިމެނޭ ގައުމުތަކަކީ ނިއުޒީލޭންޑްގެ އިތުރަށް މުބާރާތް ބާއްވާ ވިއެޓްނާމެވެ.

ގްރޫޕް ބީ ގައި ހިމެނޭ ގައުމުތަކަކީ ތައިލޭންޑާއި އޮސްޓްރޭލިއާގެ އިތުރަށް އުތުރު ކޮރެއާ އެވެ. ގްރޫޕް ސީގައި ހިމެނެނީ ޗައިނީސް ޓައިޕޭ އާއި އިންޑިއާގެ އިތުރަށް ޗައިނާ އެވެ. އަދި ގްޜޫޕް ޑީގައި ހިމެނެނީ ކަޒަކިސްތާނާއި ހޮންގްކޮންގ، ސްރީލަންކާ އަދި މަކާއޯ އެވެ.

މި މުބާރާތުގައި ރާއްޖެ ކުޅޭ ދެވަނަ މެޗުގައި ހޯމަދުވަހު ބައްދަލުކުރާނީ ވިއެޓްނާމް އާއެވެ.