ދަރިންނަކީ ﷲ ދެއްވާ ނިޢުމަތެކެވެ. އެކަން އަބަދުވެސް ހަނދާން ބަހައްޓަން ޖެހެއެވެ. އެ ދަރިންނަށް ހެޔޮ ގޮތާއި ރަނގަޅު ގޮތް ދަސްކޮށްދޭން ޖެހެއެވެ. ދޮންބައްޕައެއްގެ ހައިސިއްޔަތުން އަހަރެން ކުރަންޖެހޭ އެއް ކަމަކީ އެއީއެވެ. އެއީ އަބަދުވެސް އަހަރެން ހިތުގައި އޮންނަ ކަމެކެވެ. ދޮންކޮއަށް އެ ވަރަށް ނަސޭހަތް ދެވެނީ އެހެންވެއެވެ. އުފަން ދަރިއެއްގެ ގޮތުގައި ބެލެވޭތީއެވެ.

އަހަރެންނާއި އަންހެނުންގެ އެންމެ ބޮޑު ތަފާތަކީ ދެ މީހުންގެ ވިސްނުމެވެ. ދަރިންގެ ކަންކަމާމެދު ވިސްނާ ގޮތެވެ. އަހަރެންނަށް ވިސްނެނީ ދޮންކޮ އުޅެންވާނީ ވަކި އުސޫލުތަކަކާއި ހަމަތަކެއްގެ މަތީންކަމެވެ. އަޅައި އުޅެންވާނީ ވަކި ކަހަލަ ހެދުމެއް ކަމެވެ. މިހާރު އެއީ ވިސްނޭ އުމުރުގެ ބޮޑު ކުއްޖެއްކަމެވެ. ނަމަވެސް އަންހެނުންނަށް އެކަމެއް ގަބޫލެއް ނުކުރެވެއެވެ. އޭނާގެ ކުރިމަތީ ދޮންކޮއަކީ ޅަކުއްޖެކެވެ. ހައްދައިގެން ގެންގުޅޭވަރުގެ ކުޑަކުއްޖެކެވެ.

އޮފީހުން ގެއަށް އައިސް ވަން އިރު ދޮންކޮ އިނީ ސިޓީންރޫމުގައެވެ. ދެ ފައި ވަށްކޮށްގެން ސޯފާގައި ޓީވީ ބަލާށެވެ. މޮޑެފައިވާ ބަތްތަށި އުނގުމަތީ ހުއްޓެވެ. ކައިރީގައި ކުޑަ ކޮފީ ތަށްޓެއް ވެސް ހުއްޓެވެ. މުޅި ގޭތެރެގައި ހުރީ ކޮފީ ވަހާއި ގަރުދިޔަ ވަހެވެ. އަހަރެން ހަމަ ފެނުމާއެކު ދޮންކޮ މޫނު އަނބުރާލިއެވެ. އަހަރެން އެއްޗެކޭ ބުނެފާނެތީ ކަންނޭގެއެވެ.

"ދަރިފުޅާ! ބައްޕަ ބުނަމެންނު ކާން އިންނާނީ މޭޒު ދޮށުގައޭ. ތިގޮތަށް ސޯފާގައި އިނދެ ނުކާށޭ" ސޯފާގައި އިށީނދެ އިސްޓާކީނު ބާލަމުން މަޑުމަޑުން އަހަރެން ބުނީމެވެ.

"އެއްކަލަ ބައްޕަ. ބައްޕައަށް ކޮންމެ ކަމެއްވެސް ފެންނާނީ ގޯސްކޮށް. މިއީ ދެން އެވަރު ކަމެއްތަ؟ އަހަރެންނަކަށް ނޭނގެ އަހަރެން އުޅެންވީ ގޮތެއް. ކާ ގޮތް ކަމުދަނީކީ ނޫން. އަޅައި ހެދުންތައް ކަމުދަނީކީ ނޫން. އުޅޭ ގޮތް ކަމުދަނީކީ ނޫން. ކިހައި ބޮޑު ވެއްޖެ ކަމެއްމީ" ދޮންކޮ އައީ ރުޅިއެވެ. އޭނާގެ އަޑު ދިޔައީ ބާރުވަމުންނެވެ. އެ އަޑަށް ކޮޓަރިތެރެއިން އަންހެނުން ނުކުތެވެ.

"ކިހިނެއްވީ ދަރިފުޅާ! ކޮން ކަމަކާތަ ހިތްހަމަ ނުޖެހިގެން ތި އުޅެނީ" އަހަރެންނަށް ބަލައިލަމުން އަންހެނުން ސުވާލުކުރީ ދަރިފުޅާއެެވެ.

"މަންމަ ބުނާނެ ބައްޕަ ވެސް އަހަރެން ދެކެ ލޯބިވޭ. ބައްޕަ ދެކެ ލޯބިވާށޭ. އަހަރެން ކުރާ ކޮންމެ ކަމެއް ބައްޕައަށް ފެންނަނީ ކުށެއްގެ ގޮތުގައި. އަދި ކުށެއް ކޮށްފިއްޔާ ކިހައިވަރެއް ކުރާނެ. މިތަނުގައި ކާން އިނުމުން ވެސް ބައްޕަ އެ ހުންނަނީ ހިތްހަމަ ނުޖެހިފައި. ދެން މަށަކަށް ނޭނގެ އުޅެންވީ ގޮތެއް" ދަރިފުޅު ފާޅުކުރީ ހިތްހަމަ ނުޖެހުމެވެ. އެ ހިތްހަމަ ނުޖެހުމާއެކު އޭނާ ދިޔައީ ކޮޓަރިއަށެވެ. ހީވީ ދޮރު ވެސް ވައްޓާލިހެންނެވެ.

"ޝިހާބު ގާތުގައި ބުނެފީމެއްނު އެ މަންޖެގެ ކަންކަމާ ނުބެހޭށޭ. އެކަންކަން އަހަރެން ހަމައަކަށް އަޅުވާނަމޭ. އެ މަންޖެ މިއަދު އެ އުޅެނީ ކުޑަކޮށް ބަލިވެ. އަދި އެހުރީ އެއްވެސް އެއްޗެއް އަނގަޔަށް ނުލައި. ދެން މިއަދު ހަތަރުދަމު ހުންނާނީ ހުސްބަނޑާ" އަންހެނުން ކުރީ ޝަކުވާއެވެ. ކުށްވެރި ކުރީ އަހަރެންނެވެ. ދޮންކޮގެ ކަންކަމާ އަޅައިނުލުމަށް އަންހެނުން އަބަދުވެސް ބުނެއެވެ. ނަމަވެސް އަޅައިނުލައި ނުހުރެވެނީއެވެ. ފެންނަ މަންޒަރުތަކުން އެއްޗެކޭ ނުބުނެ ނުހުރެވެނީއެވެ. ދަރިއެއްގެ ގޮތުގައި ދެކެވޭތީ ނަސޭހަތް ދެވެނީއެވެ.

"ޝިރުހާނާ އަބަދުވެސް ބުނަނީ ތިހެން. އެކަމަކު އެ މަންޖެ ރަނގަޅުވާތަނެއް މަށަކަށް ނުފެނޭ. އަދިވެސް އެ ހުންނަނީ އެ ކުރު ހެދުންކޮޅު ލައިގެން ސޯޓުބުރީގައި. ބަލަ މިހާރު އެއީ ކުޑަ ކުއްޖެއް ނޫނޭ ފާޑުފާޑު ހެދުންތައް ލާކަށް. އަހަރެން ހިތަށް އަރާ ޝިރުހާނާއަށް އެ ކަންކަން ނުހުއްޓުވެނީ ކީއްވެބާއޭ؟" އަހަރެން ހިތުގައި ހުރި ޝަކުވާތައް ނެރެ ހާމަކުރަން ފެށީމެވެ.

"ބަލަ އެ މަންޖެ އެގޮތަށް އެ އުޅެނީ ގޭތެރެއަކުނު. ބޭރަށް ދާއިރު މިހާރު އެ ހެދުންތަކެއް ނުލާނެ. އަހަރެން ކުރީ ދުވަހު ވެސް ބުނިން މާ ކުރު އެއްޗެއްހި ލައިގެން ބޭރަށް ނުދާށޭ. އެހެން ނޫނަސް މިހާރުގެ ކުދިން އުޅޭނީ އެކަހަލަ ގޮތަކަށް" އަންހެނުން ދެއްކީ އެހެން ކުދިން އުޅޭ ގޮތެވެ. ނަމަވެސް އެއީ އިސްލާހުވުމަށް އޮތް ހަމައެއްނޫނެވެ. އެކަން އަހަރެން ގަބޫލެއް ނުކުރަމެވެ.

"ތިޔައީ ޝިރުހާނާއަށް ހީވާ ގޮތް. ނިކަން ފޭސްބުކް ޕޭޖު ބަލައިބަލަ. ލާފައި ހުރި ފޮޓޯތައް. ކަނދޮޅުދުލިން ހެދުން ފެހިޔަސް އެއަށްވުރެ ރަނގަޅުވާނެ. ދެން އެ ލިޔެފައި ހުންނަ ވާހަކަތަކޯ؟ އަހަރެން ހަމަ އަޖައިބުވެއްޖެ. އެއްޗެކޭ ބުނީމާ ގޯސް މިވަނީ އަހަރެން. ދޮންކޮއަށް އުޅެވޭ ގޮތެއް ހިތަކަށް ނާރާ" އަހަރެންގެ ހިތްހަމަ ނުޖެހުންތައް ބޭރުކޮށްލީމެވެ.

"ބަލަ ދޮންކޮ އެކަނިތަ އެގޮތަށް އެ އުޅެނީ. ޝިހާބަށް ފެންނާނީ ހަމައެކަނި އެ މަންޖެ. އެހެން މީހުންގެ ދަރިންވެސް އެ އުޅެނީ ހަމަ އެގޮތަށް. އަދި މިއަށް ވުރެ ގޯސްކޮށް. މި މަންޖެވާ ރަނގަޅު. ގައިމު ގެއިން ބޭރަކަށް ދަނީކީ ނޫންވިއްޔާ. ފާޑުފާޑުގެ ފިރިހެނުން ގެއަށް ވައްދައިގެން އުޅެނީކީ ނޫންވިއްޔާ" އަންހެނުން އަޅައިކީ އެހެން ކުދިން އުޅޭގޮތެވެ.

"އެހެން ކުދިން ކޮންމެ ގޮތަކަށް އުޅުނަސް މަށަށް ވަރިހަމަ. މަގޭ ވާހަކައަކީ ދޮންކޮ އުޅެންވާނީ ރަނގަޅަށޭ. މިއަދު ދޫކޮށްލައިފިނަމަ މާދަމާ އުޅޭނީ ތިޔަ ބުނާހެން. ނަރެއްހައި ތަން ދޫކޮށްލައިފިނަމަ ކެނބެއްހައި ތަން ދަމައގަންނާނެ" އިތުރު ޒުވާބަކަށް ނުގޮސް އަހަރެންގެ ވާހަކަ ކުރުކޮށްލީމެވެ. ޝިރުހާނާގެ ވާހަކަތަކުން ކުރިއެރުމެއް ނުލިބޭނެކަން ޔަގީންވާތީއެވެ. އޭނާއަށް ދޮންކޮގެ ކުށެއް ނުފެންނާނެތީއެވެ. އެކަން ގަބޫލު ވެސް ނުކުރެވޭނެތީއެވެ.

"އަހަރެންދެ ދަރި އަހަރެން ބަލާނަން. އެކަމާ ޝިހާބު ނުބެހޭތި. އެ މަންޖެ ޝިހާބުދެކެ ނުރުހުންވަނީ ޝިހާބުވެސް ތި ކަންތައް ކުރާގޮތުން. އެ މަންޖެ ހަމަ ފެންނައިރަށް ތި ދެނީ ނަސޭހަތް. ދައްކަނީ ކުށް. ދުވަހަކުވެސް ރަނގަޅަކަށް ކަމެއް ނުކުރެވޭ. އެހެންވީމާ ހިތްހަމަ ވެސް ނުޖެހޭނެއްނު" އަންހެނުން ދެއްކީ އަހަރެންނަށް ކަންކަން ކުރެވޭ ގޮތުގެ ވާހަކައެވެ. އެއީ ވެސް ތެދެވެ. ގިނަ ފަހަރަށް ކަންތައް ކުރެވެނީ އެހެންނެވެ. އެހެން ވަނީ އަންހެނުން ވެސް އަޅައިނުލާތީއެވެ. ދޮންކޮ ބޭނުން ގޮތަކަށް އުޅެން ދޫކޮށްލާތީއެވެ.

އަންހެނުންގެ ޝަކުވާތަކާހެދި ފަހުން ފަހުން އަހަރެން ދޮންކޮއަކަށް އަޅައެއް ނުލަމެވެ. އޭނާ ކުރާ ކަންކަމަކާ ނުބެހެނެވެ. އޭނާ އުޅޭގޮތެއް ނުބަލަމެވެ. ފެނުނަސް ފެންނަކަމަކަށް ނުހަދަމެވެ. އެގޮތް އަންހެނުންނަށް ވެސް މާ ރަނގަޅުވިއެވެ. ދޮންކޮގެ ކަންކަމާ އަހަރެންނާއި އަންހެނުން ޒުވާބު ކުރާކަށް ވެސް ނުޖެހެއެވެ.

އެއް ރެއެއްގެ ދަންވަރެވެ. ޑިއުޓީ ނންމާ ގެއަށް އައިއިރު ޝިރުހާނާ އިނީ ނުނިދިފައެވެ. އޭނާގެ މޫނުމަތީ ވަނީ ހާސްކަމެވެ. ވީ ކިހިނެއްތޯ އެހުމުން އުޅުނީ ޖަވާބު ނުދޭށެވެ.

"މި އުޅެނީ ދޮންކޮ ގެއަށް ނައިސްގެން. ރޭ ވެސް އައީ ވަރަށް ލަހުން" އަހަރެންގެ މޫނަށް ބަލަހައްޓައިގެން ހުރެ އަންހެނުން ޖަވާބުދިނެވެ. އަހަރެން އަޅައެއް ނުލަމެވެ. ކޮޓަރިއަށް ވަދެ އެއްޗެހި ބަދަލުކޮށްލައިގެން އެނދުގައި އޮށޯތީއެވެ. އިރުތަކެއް ފަހުން ޝިރުހާނާ ކޮޓަރިއަށް ވަނެވެ. އަހަރެން އޮތް އެނދުގައި އައިސް އިށީނެވެ. އެތައް އިރެއް ފަހުން އަހަރެން ވާހަކަދައްކަން ފެށީމެވެ.

"ކޮބާ އަދިވެސް ނާދޭ؟ ކޮން ތާކަށްތަ ދިޔައީ؟" ދޮންކޮގެ ވާހަކަ ނާހަން އޮވެފައި ވެސް އަހަރެން ސުވާލުކުރީމެވެ. އެ ސުވާލާއެކު އަންހެނުންގެ މޫނު އަހަރެންނާ ދިމާއަށް އަނބުރާލިއެވެ. އޭނާގެ ލޮލުގައި ވަނީ ކަރުނައެވެ. އެ މޫނުގައިވަނީ ހާސްކަމާއި ނުތަނަވަސްކަމެވެ. އޭނާއަށް ރޮއިގަނެވުނެވެ. އަހަރެންގެ ގައި ބައްދައިގަނެވުނެވެ.

"ދޮންކޮ އެ އުޅެނީ ރަނގަޅަކަށް ނޫން. އޭނާ އަހަރެންނަކަށް ރަނގަޅެއް ނުކުރެވުނު. ޝިހާބު އަހަރެންނަށް އެހީތެރިވެދީ. އަހަރެންނަށް ކަންކަން ކުރެވުނީ އެންމެ ރަނގަޅަކަށް ނޫން. އަހަރެންނަށް އެހީތެރިވެދީ" އަންހެނުންގެ ލޮލުން ފައިބަމުންދިޔަ ކަރުނަތަކާއެކު އަހަރެންނާ ވާހަކަދައްކަމުން ދިޔައެވެ.

"މިހާރު މާ ލަސްވެއްޖެ. އިއްޔެ ވެސް އަހަރެން ބުނީ އެ ވާހަކަ. ދަރިންގެ ކަންކަން އިއްޔެ ރަނގަޅު ނުކުރެވި މިއަދަކު ނުކުރެވޭނެ. މިއަދު ނުކުރެވި މާދަމާއެއް ނުކުރެވޭނެ. ދޮންކޮދެކެ އަހަރެން ވަރަށް ލޯބިވޭ. އެ މަންޖެ ހަލާކުވެގެން ދާމަންޒަރު ދެކެން އަހަރެން ބޭނުމެއް ނުވި. އެހެންވެ އެ ނަސޭހަތްތައް ދެވުނީ. ކޮންމެ ކޮންމެ ގޮތެއް އަހަރެންނަށް ކަމު ނުދިޔައީ. ނަމަވެސް ..... މިއަދު ވަރަށް ލަސްވެއްޖެ. އަހަރެންނަށް ވެވުނު ކަމެއް އަހަރެން ކޮށްދޭނަން" އަންހެނުންގެ ބުރަކަށީގައި ފިރުމަމުން އަހަރެން ބުނީމެވެ. އަހަރެންގެ ވާހަކަތައް ނުނިމެނީސް އަންހެނުންގެ ފޯނު ރިންގުވިއެވެ. ގުޅަމުން ދިޔައީ ނުދަންނަ ނަންބަރަކުންނެވެ.

ހާސްވެފައި ހުރި އަންހެނުން ފޯނު ނެގިއެވެ. ލިބުނީ ދޮންކޮ ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ޚަބަރެވެ. މަސްތުވާތަކެތީގެ މައްސަލައެއްގައި އޭނާ ހައްޔަރު ކުރި ޚަބަރެވެ. އަންހެނުންނަށް ހަތަރުއުދަރެސް ފެނުޖެހުނުކަހަލައެވެ. އަހަރެންގެ ގައި ބައްދައިގަނެ، އަޑުން އަޑުނަގައި ރޮއިގަތެވެ. އެކަމަކު މާލަސްވެއްޖެއެވެ. ވަގުތު ފާއިތުވެއްޖެއެވެ. މިދުވަސް އަންނާނެކަން އަހަރެންގެ ހިތް މާކުރިންވެސް ބުންޏެވެ. މި ވޭނީ ހިތާމައިގައި އަންހެނުން ދަށުވާނެކަން އަހަރެންގެ ސިކުނޑި ބުނަމުންދާތާ ކިތަންމެ ދުވަހެކެވެ. އެ ދުވަސް އައީއެވެ. މުޅި ދިރިއުޅުމަށް އަސަރުކުރީއެވެ.

ކުރެވުނު ތުހުމަތުން ދޮންކޮ ސަލާމަތްވިއެވެ. އެ މައްސަލައިގައި އޭނާގެ ބައިވެރިވުމެއް ނެތްކަން ކޯޓުގެ މަރުހަލާއިން ހާމަވިއެވެ. އެކަމާ އެންމެ ބޮޑަށް އުފާވީ އަހަރެންގެ އަންހެނުންނެވެ. އަހަރެންވެސް އުފާވިއެވެ. ދޮންކޮ ވެސް އުފާވިއެވެ. ލިބުނު ފުރުޞަތު ބޭނުންކޮށް ދޮންކޮއަށް އަހަރެން ވިސްނައި ދިނީމެވެ. އުޅެވުނު ގޮތާމެދު ފިކުރު ކުރުމަށް ބާރު އެޅީމެވެ. ދުނިޔެއަކީ ހިނދުކޮޅެއްކަން ހަނދާން ކޮށްދިނީމެވެ.

އަހަރެންނާއި އަންހެނުންގެ މަސައްކަތުން ދޮންކޮ ބަދަލުވިއެވެ. އޭނާގެ ކުރީގެ އުޅުން ދޫކޮށްލިއެވެ. ކުރީގެ ވިސްނުން ބަދަލުކުރިއެވެ. އަހަރެން ވެސް ހިތްހަމަ ޖެހޭ ކަހަލަ މީހަކަށް ދޮންކޮވިއެވެ. މިއަދު ދޮންކޮ ވެސް އެކަމާ އުފާކުރެއެވެ. އެބަދަލާމެދު ފަޚުރުވެރިވެއެވެ.

(ނިމުނީ)