އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ކާފަ ފްރެޑެރިކް ޓްރަމްޕަކީ ގައުމީ ކަންކަމަށް މަކަރާއި ހީލަތް ހެދުމުގެ ސަބަބުން ރަށުން ބޭރުކޮށް ފައްސައިލެވުނު ޚާއިނެއްކަމުގެ ލިޔުމެއް ފެނިއްޖެއެވެ.

ޖަރުމަނީގެ އަރުޝީފަކުން ފެނުނު ދުވަސްވީ ލިޔުމަކުން އެނގޭ ގޮތުގައި ފްރެޑެރިކް ޓްރަމްޕަކީ އަސްކަރީ ޚިދުމަތަށް ފިލުމަށްޓަކައި ދުވަސްކޮޅަކު ބެވޭރިއާ ދޫކޮށް ބޭރުގައި އުޅެއުޅެފައި އެނބުރިއައި މީހެކެވެ. ބެވޭރިއާއަކީ އޭރު ވަކި ރަސްކަމެއް އޮތް ތަނެކެވެ.

މީނާގެ މަކަރާއި ހީލަތްތެރިކަން ފަޅާއެރުމުން ބެވޭރިއާގެ ރަސްކަމުގެ ފަރާތުން ހުކުމްނެރުނީ ތިން ހަފުތާތެރޭގައި ރަށުން ފައްސައި ބޭރުކޮށްލުމަށެވެ. އަމިއްލަޔަށް ނުފައިބައިފިނަމަ ގަދަކަމުންވެސް ފައްސައިލުމަށެވެ.

މި ހުކުމާ ގުޅިގެން ފްރެޑެރިކް ޓްރަމްޕު ރަށްދޫކޮށް ދެން ދިޔައީ އެމެރިކާއަށެވެ. އެތާގައި ފައިސާ ހޯދަން ކުރި މަސައްކަތަކީ ކާބޯތަކެތި ވިއްކުމާއި ރޭގަޑު ނާސިގެއެއް ހިންގުމެވެ. މިކަމުގައި އުޅެއުޅެފައި ދެތިން އަހަރު ފަހުން އަލުން ޖަރުމަނީއަށް ގޮސް ބެވޭރިޔާގެ އަމީރަށް ވަރަށް ޚުޝާމަދުކޮށް ސިޓީލިޔެފައި ސަރުކާރުގެ ނިންމުން ބަދަލުކޮށްދޭތޯ ވަރަށް އާދޭސްކުރިއެވެ. މީނާއަށް ލިބުނު ޖަވާބަކީ ޚާއިނުންނަށް މާފުނުކުރެވޭނޭ ކަމަށާއި ހައްޔަރުކުރުމުގެ ކުރިން އަނެއްކާވެސް އަވަހަށް ފެއްސިގެން ދިއުމަށެވެ.