ކޮންމެ މީހެއްގެ ވަޒީފާވެސް ގެއްލިދާނެކަމުގެ ބިރު އޮވެދާނެ ކަމަށް މިނިސްޓަރ އޮފް ކޮމިޔުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެ އެވެ.

ވޯލްޑް ޔޫތު ސްކިލްސް ޑޭ ފާހަކަކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައި މަލީހް ވިދާޅުވީ ޓެކްނޮލްޖީއާއެކު ޒަމާން ބަދަލުވާ ދުވަސްވަރެއްގައި ކޮންމެ މީހެއްގެ ވަޒީފާވެސް ބިރުވެރިކަމެއްގައި އޮވެދާނެ ކަމަށާއި އެކަމަކު އެއީ ކަންބޮޑުވާންޖެހޭ ކަމެއް ނޫން ކަމަށެވެ.

ޓެކްނޮލޮޖީއާއެކު ތަަރައްގީވަމުން އަންނަ ވަރަކަށް ފިޒިކަލް އެޕިއަރަންސަކީ މުހިންމު އެއްޗަކަށް ނުވާނެ ކަމަށާއި ކުރީ ޒަމާނުގައި ފައިސާ ބަލައިގަތުމާއި ހިސާބުކިތާބު ބެލެހެއްޓުމަށް މީހުން ތިބިކަމުގައިވިޔަސް މިހާރު އޭގެ ބަދަލުގައި އޭޓީއެމް ދަނީ އެހިދުމަތް ދެމުން ކަމަށް މަލީހް ވިދާޅުވި އެވެ. ވަޒީފާ ގެއްލުމުގެ ބިރު ހީވާން ފެށުމުން އެކަމާ ހާސްވެ ކަންބޮޑުވުމުގެ ބަދަލުގައި އެމީހަކު އަލުން ތަމްރީނު ވާނީ ކަމަށް މަލީހު ވަނީ ވިދާޅުވެފަ އެވެ.

ދިވެހިން ދެކެނީ އަބަދުވެސް ވަރަށް އުންމީދީ ހުވަފެންތަކެއް ކަމަށާއި އެކަން އޮންނަންވާނީވެސް އެހެން ކަމަށް މަލީހު ވިދާޅުވި އެވެ. އެއާ އެއްގޮތަށް މީހުން ޖެހޭނީ ބަދަލުވާން ކަމަށް މަލީހު ވަނީ ވިދާޅުވެފަ އެވެ.

"ރާއްޖޭގައި ވޮލަންޓަރީ އަންއެމްޕްލޯއީމަންޓް ނުވަތަ ކަނޑައެޅިގެން ވަޒީފާއަށް ދާން ބޭނުންނުވާ ޒުވާނުން އެބައުޅޭ. އަޅުގަނޑު މިބުނަނީ ސަރުކާރުގެ ވަޒީފާއެއް ނުވަތަ ރިސޯޓެއްގައިވެސް މަސައްކަތް ކުރަން ބޭނުން ނުވަންޏާ އަމިއްލަ އުފެއްދުންތެރި މަސައްކަތެއް ކުރައްވާށޭ! ކޮންމެ މީހަކީވެސް ގައުމުގެ ޖީޑީޕީއަށް ހިއްސާ ނުވާ މީހެއް ކަމުގައި ވާނަމަ ދާން ބޭނުންވާ މިސްރާބުގައި ތަރއްގީއާ ހަމައަށް ވާސިލް ނުވެވޭނެ!" މަލީހު ވިދާޅުވި އެވެ.

ކުއްޖާ ދާން ބޭނުން ނުވާ ވަޒީފާއަށް ގަދަކަމުން ފޮނުވުން ކޮންމެހެން މުހިންމު ނޫންކަންވެސް މަލީހުވަނީ ވިދާޅުވެފަ އެވެ. މިރަސްމިއްޔާތުގައި މަލީހު ވަނީ ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމާއި އެމްޕްލޯއިމަންޓް ސެކްޓަރ ކައުންސިލް އިފްތިތާހްކޮށްދެއްވާފަ އެވެ.

މި ޕްރޮގްރާމާއި ކައުންސިލަކީ ޒުވާނުންނަށް ވަރަށް ބޭނުންތެރި ދެކަންތައްކަން ފާހަގަކުރައްވައި މަލީހު ވަނީ މިފަދަ ޕްރޮގްރާމްތައް މީގެ ކުރިންވެސް ހިންގަމުންދާ ރިސޯޓުތަކަށް ތައުރީފް ކުރައްވާފަ އެވެ. އަދި ގައުމީ ފެންވަރެއްގައި މިފަދަ ޕްރޮގްރާމެއް ބޭއްވުމަށް އެހީވެދެއްވާ ހުރިހާ ބޭފުޅުންނަށް ވަނީ ޝުކުރު އަދާކުރައްވާފަ،،