ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމެޓީގެ އަމާޒަކަށް ވާނީ ވަކީލުން ކުރާ ކަންކަން ހުއްޓުވުން ނޫން ކަމަށާއި ވަކީލުންގެ މަސައްކަތްތަކަށް ފަހިވާ ގޮތަށް ކަންކަން ކުރުން ކަމަށް ބާ ކައުންސިލްގެ ރައީސް އަލްއުސްތާޒު މައުމޫން ހަމީދު ވިދާޅުވެއްޖެއެވެ.

ވީޓީވީން ގެނެސްދޭ "ނަވާރަބައްތަރީސް" ޕްރޮގްރާމްގައި ބާ ކައުންސިލާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން މައުމޫން ހަމީދު ވިދާޅުވީ މަސައްކަތް ކުރައްވާނީ ވަކީލުންނަށް ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށް އެހީތެރިވުމަށް ކަމަށެވެ. ވަކީލުން ދޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް މޮނީޓަރ ކުރުމުގައި ގެންގުޅުއްވާނެ ވިސްނުންފުޅާ ގުޅޭގޮތުން ވާހަކަދައްކަވަމުން މައުމޫން ހަމީދު ވިދާޅުވީ ވަކީލުން ދޭ ޚިދުމަތަކީ އިޚުލާސްތެރިކަމާއެކު ދޭ ރަނގަޅު ޚިދުމަތެއްނަމަ އެކަމަށް ހުރަހެއް އޮވެގެން ނުވާނެ ކަމަށާއި އަދި މުވައްކިލަށްވެސް އެމީހާއަށް އެލިބިދެނީ ރަނގަޅު ޚިދުމަތްކަން އެނގެންވާނެ ކަމަށެވެ. މައުމޫން ހަމީދު ވިދާޅުވީ ވަކީލުންގެ ލައިސަންސް އާކުރުންފަދަ ކަންކަމުން ހުރިހާ ވަކީލުންނަކީ އެންމެ ރަނގަޅަށް މަސައްކަތް ކުރާ ފަރާތްތައްކަން ކަށަވަރުކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމުގައެވެ. އަދި ވަކީލުންނަށް ރަނގަޅު ތަޢުލީމްގެ ފުރުސަތު ފަހިކޮށްދޭން ބޭނުންފުޅުވާ ކަމަށް މައުމޫން ހަމީދު ވިދާޅުވިއެވެ.

" އެބޭފުޅުންނަށް އިތުރަށް ތައުލީމް ހާސިލްކުުރުމަށް، މަސައްކަތުގެ ދާއިރާގައި އުޅުއްވަމުން އެބޭފުޅުން އިތުރަށް ހުނަރުތައް އިތުރުކުރައްވަމުން ގެންދިޔުމަށްވެސް އަޅުގަނޑުމެން ފަހިކޮށްދޭން ބޭނުންވޭ. އަޅުގަނޑުމެންގެ އަމާޒަކަށް ވާނީ އަބަދުވެސް ހުރިހާ ބޭފުޅުންނަށް އިތުރު ފުރުސަތުތަކެއް ހޯދައިދިނުން. އެެއްވެސް ހާލަތެއްގައި ބާ ކައުންސިލްގެ އެކްސޯގެ އަމާޒަކަށް ނުވާނެ ކަންތައްތަކެއް ހުއްޓުމަށް ގެންނާކަށް. އެބޭފުޅުން ކުރައްވާ މަސައްކަތްތަކަށް ހުރަސްއަޅާކަށް ވިސްނުމެއް ނުހުންނާނެ." މައުމޫން ހަމީދު ވިދާޅުވިއެވެ.

މީގެ އިތުރުން މިދާއިރާގައި މަސައްކަތް ކުރާ އަދި މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް އަމާޒުކޮށް މިދާއިރާއާއި ބެހޭ އިލްމީ ފޮތްތަކާއި ރިސަރޗް ވަސީލަތްތައް ފަސޭހައިން ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް އިސްކަންދެއްވާނެ ކަމަށް މައުމޫން ހަމީދު ވިދާޅުވިއެވެ. އެގޮތުން ލޯ ލައިބްރަރީއެއްގެ ޒަރީޢާއިން އެ މައުލޫމާތުތައް ފަސޭހައިން ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް މަސައްކަތް ކުރައްވާނެ ކަަމަށާއި އެގޮތަށް ކަންތައް ވުމުން ވަކީލުންގެ މަސައްކަތްތައް އަދި މިދާއިރާ ވަރަށް ބޮޑަށް ކުރިއަރައިގެންދާނެ ކަމަށް މައުމޫން ހަމީދު ވިދާޅުވިއެވެ.