އިންޑިއާއިން ހަނދަށް އުޅަނދެއް ފޮނުވާލަން ކުރަމުންދިޔަ މަސައްކަތް މިވަގުތަށް ހުއްޓާލައިފިއެވެ.

ހަނދަށް އުޅަނދެއް ފޮނުވާލުމުގެ މަސައްކަތް އިންޑިއާއިން މަޑުޖައްސާލީ "ޗަންދްރަޔާން-2" ގެ ނަމުން ނަންދީފައިވާ އުޅަނދު އިއްޔެ އުދުއްސާލަން ގަޑިއިރަކަށްވުރެ ކުޑަތަން ވެފައި ވަނިކޮށެވެ. އެ އުޅަނދު އުދުއްސާލުން ފަސްކުރީ ޓެކްނިކަލް މައްސަލައެއް ދިމާވެގެން ކަމަށް އިންޑިއާގެ ސްޕޭސް އޭޖެންސީން ބުނެފައިވެއެވެ.

މިއީ، އިންޑިއާއިން ހަނދަށް އުޅަނދެއް ފޮނުވާލަން މަސައްކަތްކުރާ ދެވަނަ ފަހަރެވެ.

އިންޑިއާއިން މަސައްކަތް ކުރަމުންދަނީ ހަނދަށް އުޅަނދެއް ފޮނުވުމުގެ ގާބިލްކަން ލިބިފައިވާ ދުނިޔޭގެ ހަތަރުވަނަ ގައުމަށްވުމަށެވެ. މީގެކުރިން ހަނދަށް އުޅަނދު ފޮނުވާފައިވާ ގައުމުތަކަކީ ރަޝިޔާ، އެމެރިކާ އަދި ޗައިނާއިންނެވެ.

ޗަންދްރަޔާން-2 އުދުއްސާލުން މަޑުޖައްސާލީ، ސަޓިޝް ދަވަން ސްޕޭސް ސެންޓަރުން އެ އުޅަނދު އުދުއްސާލަން 56 މިނެޓް، 24 ސިކުންތަށް ވީފަހުންނެވެ.

އިންޑިއާގެ ސްޕޭސް ރިސާޗް އޮގައިޒޭޝަން (އައިއެސްއާރްއޯ) އިން ކުރި ޓްވީޓެއްގައި ބުނެފައިވަނީ، ޖައްވީ އުޅަނދު އުދުއްސާލަން ބޭނުންކުރި ވެހިކަލްގެ ނިޒާމުން ފަހުވަގުތު ޓެކްނިކަލް މައްސަލައެއް ފެނުނީ ކަމަށެވެ. އެކަން ފާހަގަ ކުރެވުމުން ރައްކާތެރި ފިޔަވަޅެއްގެގޮތުން އުދުއްސާލުން ފަސްކުރީ ކަމަށާއި، ޗަންދްރަޔާން-2 ދެން އުދުއްސާލާނެ ދުވަހެއް ފަހުން ހާމަ ކުރާނެ ކަމަށް ބުނެފައިވެއެވެ.

އިންޑިއާގެ އަންދްރަ ޕްރަދޭޝް ކައިރީގައި އޮންނަ ރަށެއްގައި ގާއިމްކޮށްފައިވާ ސްޕޭސް ސެންޓަރުން ޖައްވީ އުޅަނދު އުދުއްސާލަން ތައްޔާރުވުމާ ގުޅިގެން މުޅި އިންޑިއާ އޮތީ އެކަމަށް ސަމާލުކަން ދީގެންނެވެ. އަދި ދުނިޔޭގެ ނަޒަރުވެސް ހުއްޓިފައިއޮތީ އިންޑިއާއަށެވެ.

ސަބަބަކީ، އިންޑިއާއިން ހަނދަށް އުޅަނދެއް އުދުއްސާލަން ނިންމި ދުވަހަކީ، އެމެރިކާގެ ނީލް އާމްސްޓްރޯންގް، ހަނދުގައި ފައި ބީއްސައި، ހަނދުގައި ހިނގިތާ 50 އަހަރު ފުރުމުގެ ފަސްދުވަސް ކުރިން ކަމަށްވާތީއެވެ.

ޗަންދްރަޔާން-2 އުޅަނދު އުދުއްސާލުމުގެ މަސައްކަތްތަކަށް އިންޑިއާއިންވަނީ 140 މިލިއަން އެމެރިކާ ޑޮލަރު ޚަރަދުކޮށްފައެވެ. މިއީ ވަރަށް ކުޑަ އަގެއް ކަމަށް އިންޑިއާއިން ވަނީ ބުނެފައެވެ.

1960 އާއި 1970 ގެ އަހަރުތަކުގައި އެމެރިކާއިން ޖައްވީ އުޅަނދުތައް ހަނދަށް ފޮނުވިއިރު 25 ބިލިއަން އެމެރިކާ ޑޮލަރު ޚަރަދުކޮށްފައިވެއެވެ. އެއީ، މިހާރުގެ ފައިސާގެ އަގުން ބަލާނަމަ ސަތޭކަ ބިލިއަނަށްވުރެ ގިނަ ޑޮލަރުގެ އަގެކެވެ.

އިންޑިއާއިން އުފެއްދި އަގުހެޔޮ އުޅަނދު އިއްޔެ އުދުއްސާލެވުނު ނަމަވެސް، އެ އުޅަނދު ހަނދަށް ތިރިކުރަން ތާވަލް ކޮށްފައިވަނީ ސެޕްޓެމްބަރުމަހުގެ 6 ވަނަ ދުވަހުއެވެ.