ތައިލެންޑްގައި އޮތް އަސްކަރީ ވެރިކަން ރަސްމީގޮތުން ނިމުމަކަށް އަތުވެއްޖެ ކަމަށް، އިހަށްދުވަހު ބޭއްވި އާންމު އިންތިޚާބު ކާމިޔާބުކުރައްވައި ބޮޑުވަޒީރުކަމުގެ ދެވަނަ ދައުރަކަށް ވަޑައިގެންނެވި އަސްކަރީ ބޮޑުވަޒީރު ޕްރަޔުތު ޗަން-އޮޗާ އިޢްލާން ކުރައްވައިފިއެވެ.

ޕްރަޔުތު ހޯމަދުވަހު ވަނީ، ތައިލެންޑްގައިއޮތް އަސްކަރީ ވެރިކަމުގެ އެންމެ އިސް ވެރިޔާގެ މަގާމުން އޭނާ މިހާރު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ. އަދި ތައިލެންޑް ސަރުކާރުން ދެން ހިނގާނީ އާދައިގެެ ޑިމޮކްރަޓިކް ގައުމެއްގެ ގޮތުގައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އަސްކަރީ ވެރިކަން ރަސްމީގޮތުން ނިމުމަކަށް އަތުވެއްޖެ ކަމަށް ޕްރަޔުތު އިޢްލާން ކުރެއްވި ނަމަވެސް، ތައިލެންޑްގެ ބޮޑުވަޒީރުކަމުގައި ހުންނަވާނީ އޭނާއެވެ. ޕްރަޔުތަށް ސަރުކާރު ހިންގެވުމުގައި ތާއީދު ދެނީ، ތައިލެންޑް ޕާލަމެންޓްގައި ހިމެނޭ އަސްކަރީންނަށް ތާއީދުކުރާ ޕާޓީތަކުންނެވެ.

ޕާލަމެންޓްގެ މަތިގޭގައި ގިނައިން ތިއްބެވީ އަސްކަރީން އައްޔަން ކޮށްފައިވާ މެމްބަރުންނެވެ. އެއީ، އަސްކަރީ ވެރިކަމުގެ ފަރާތުން ހަދާފައިވާ ގާނޫނުއަސާސީގެ ދަށުން ކޮށްފައިވާ ކަމެކެވެ. މިކަމާ ދެކޮޅު ފަރާތްތަކުން ބުނަނީ، މިއީ ޑިމޮކްރަސީ ނެތިކޮށް، އަސްކަރީންގެ ސިޔާސީ ދައުރު ކުޅުމަށް ގާނޫނުއަސާސީއަށް ބަދަލު ގެނެސްގެންކޮށްފައިވާ ކަމެއްކަމަށެވެ.

ޓިވީ މެދުވެރިކޮށް ގައުމާ މުޚާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ބޮޑުވަޒީރު ޕްރަޔުތު ޗަން-އޮޗާ ވިދާޅުވީ، އަސްކަރީ ވެރިކަމުގެ ސަބަބުން ތައިލެންޑްގެ ގިނަ ރޮނގުތަކުން ކާމިޔާބީ ހާސިލްކުރެވިފައިވާ ކަމަށެވެ. ގަވާއިދާ ޚިލާފަށް މަސްވެރިކަން ކުރުން ހުއްޓުވި، އިންސާނީ ވަގުފާރި ހުއްޓުވި، ފަރުބަދައިގެ ހޮހަޅައިގައި ތާށިވި 12 ފިރިހެން ކުދިންގެ ފުޓްބޯޅަ ޓީމާއި، އެކުދިންގެ ކޯޗުވެސް ސަލާމަތް ކުރެވުނީ އަސްކަރީ ވެރިކަމުގެ ސަބަބުން ކަމަށް ވިދާޅުވިއެވެ.

ޕްރަޔުތު ޗަން-އޮޗާއަކީ ތައިލެންޑް ސިފައިން ކުރީގެ ވެރިޔާއެވެ. އޭނާ ވެރިކަމަށް ވަޑައިގެންނެވީ 2014 ވަނަ އަހަރު ގެންނެވި އަސްކަރީ އިންގިލާބަކަށްފަހުއެވެ.

ޕްރަޔުތު ވިދާޅުވީ، އިންގިލާބު ގެންނާން ޖެހުނީ، އޭރުއޮތް ސަރުކާރާ ދެކޮޅަށް އާންމުން ހަމަސްވަންދެން މަގުތަކުގައި މުޒާހަރާ ކުރަމުންދިއުމާއި، ނުރައްކާތެރި ކުރިމަތިލުންތައް ހިނގަމުން ދިއުމުގެ ސަބަބުން ގައުމު ހަމަމަގަށް އަޅުވަން ކަމަށެވެ.

މިދިޔަ މާޗްމަހުގެ 24 ވަނަ ދުވަހު ބޭއްވި އާންމު އިންތިޚާބުގެ ފަހުން ކަންކަން މިހާރު އާދައިގެ ހާލަތަށް ބަދަލުވަމުންދާ ކަމަށާއި، ތައިލެންޑަކީ މިހާރު ގާނޫނީ ވެރިކަމެއް ހިނގާ، އިންތިޚާބު ކުރެވިފައިވާ ޕާލަމެންޓެއް އޮތް، ފުރިހަމަ ޑިމޮކްރަޓިކް ދައުލަތެއް ކަމަށްވެސް ބޮޑުވަޒީރު ވިދާޅުވިއެވެ.