ރައްޔިތުންގެ މަޖިލީހުގެ މަޑަވެލި ދާއިރާގެ ކުރީގެ މެންބަރު މުއާޒު މުހައްމަދު ރަޝީދު ހުޅުމާލެއިން ފުލެޓު ބައްލަވައިގަތީ އޭނަގެ އަމިއްލަ ފައިސާއިން ކަމަށް ވިދާޅުވެއްޖެއެވެ.

މުއާޒު މިހެން ވިދާޅުވީ އިންޑިއާގެ ކުންފުންޏަކުން ހަދާފައިވާ "ރެނާޓަސް އިތާމުތް" އެޕާޓްމަންޓުން އޭނަ ފުލެޓު ބައްލަވައިގަތް މައްސަލަ އޭސީސީން ބަލަން ފެށުމުން ކުރައްވާފައިވާ ޓުވީޓެއްގައެވެ.

މުއާޒު ވިދާޅުވީ ބީއެމްއެލް މެދުވެރިކޮށް ހުޅުމާލެ ރެނާޓަސްއިން އެޕާޓްމަންޓެއް ގަތުމަށް ޑައުންޕޭމަންޓަށް ބޭނުންވި 583،000 ރުފިޔާގެ ތެރެއިން 450،000 ރުފިޔާ ދައްކާފައިވަނީ ބެންކު މެދުވެރިކޮށް އޭނަގެ އަމިއްލަ ފައިސާއިން ކަމަށެވެ. އަދި ބާކީ 133،000 ރުފިޔާ ދައްކާފައިވަނީ އޭނަގެ ޕެންޝަން ސްކީމުން ކަމަށެވެ.

މުއާޒު ވަނީ އޭނަގެ މައްސަލަ އޭސީސީން ބަލަން ފެށުމުން އެއީ ބިރުދައްކައި އޭނަގެ އަބުރުކަތިލަން ހިނގާ ކަމެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އަދި ވިދާޅުވީ ނުހައްގު މުއްސަނދިކަމެއް، މުދަލެއް އޭނަގެ ނުހުންނާނެ ކަމަށެވެ. އޭސީސީ މެދުވެރިކޮށް ވެސް ބަލަންވީ ކަމަށާއި އަދި ކޮމިޝަންތައް މެދުވެރިކޮށް ވެސް ބަލަންވީ ކަމަށެވެ.