ވިއެޓްނާމްގެ ހެނޯއީގައި މިހާރު ކުރިއަށްދާ އޭޝިއަން ވޮލީބޯލް ކޮންފެޑެރޭޝަން (އޭވީސީ)ގެ 23 އަހަރުން ދަށުގެ އަންހެން ވޮލީބޯޅަ މުބާރާތުގައި ރާއްޖެ ކުޅުނު ދެވަނަ މެޗުން ބަލިވެ މުބާރާތާ އަލްވަދާއު ކިޔައިފި އެވެ.

މުބާރާތުގެ ދެވަނަ މެޗުގައި ރާއްޖެ ބަލިވީ މުބާރާތް ބާއްވާ ވިއެޓްނާމް އަތުން ސީދާ ތިން ސެޓުންނެވެ. މެޗުގެ ސެޓުތައް ވިއެޓްނާމް ކާމިޔާބުކޮށްފައިވަނީ 25-1 ، 25-2 އަދި 25-1 އިންނެވެ. ވިއެޓްނާމަކީ ވޮލީގައި މި ސަރަހައްދުގެ ބޮޑު ބާރެކެވެ. މި މެޗުގައި އެންމެ ބޮޑު ތަފާތަކަށް ފެނިގެން ދިޔައީ ވިއެޓްނާމްގެ އިސްކޮޅުން ދިގު ކުޅުންތެރިންނެވެ. ރާއްޖެއަށް މި މެޗުގައި މާބޮޑު ކަމެއް ނުކުރެވެއެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި ރާއްޖެ ވާދަކުރީ ނިއުޒިލޭންޑާ އެވެ. މި މެޗުން ރާއްޖެ ބަލިވި މެޗުގެ ސެޓުތައް ނިއުޒީލޭންޑް ގެންދިޔައީ 25-10 ، 25-15، އަދި 25-06 އިންނެވެ.

މި މެޗުގެ ދެވަނަ ސެޓުގައި 15 ޕޮއިންޓް ސްކޯކުރުން ވެގެންގޮސްފައި ވަނީ ބޭރުގެ ބޮޑު މުބާރާތެއްގައި ޖޫނިއާ ޓީމު މިހާތަނަށް ނެރުނު އެންމެ ރަނގަޅު ނަތީޖާއަށެވެ. ޖުމްލަ 13 ގައުމަކުން ބައިވެރިވެގެން ކުރިއަށްގެންދާ މި މުބާރާތް ބާއްވަނީ ހަތަރު ގްރޫޕަކަށް ބަހާލައިގެންނެވެ.

ރާއްޖެ ލައްވާލާފައިވަނީ ގްރޫޕް އޭ ގައެެވެ. މި ގްރޫޕުގައި ރާއްޖެއާއެކު ހިމެނޭ ގައުމުތަކަކީ ނިއުޒިލޭންޑްގެ އިތުރަށް މުބާރާތް ބާއްވާ ވިއެޓްނާމެވެ. ގްރޫޕް ބީ ގައި ހިމެނޭ ގައުމުތަކަކީ ތައިލޭންޑާއި އޮސްޓްރޭލިއާގެ އިތުރަށް އުތުރު ކޮރެއާ އެވެ. ގްރޫޕް ސީގައި ހިމެނެނީ ޗައިނީސް ޓައިޕޭ އާއި އިންޑިއާގެ އިތުރަށް ޗައިނާ އެވެ. އަދި ގްރޫޕް ޑީގައި ހިމެނެނީ ކަޒަކިސްތާނާއި ހޮންގްކޮން، ސްރީލަންކާ އަދި މަކާއޯ އެެވެ.