ދިވެހިރާއްޖޭގައި ބާއްވާ އެންމެ ބޮޑު އަދި ބައިނަލްއަޤްވާމީ ގޮތުން އެކްރެޑިޓްކޮށްފައިވާ ހަމައެކަނި ދުވުމުގެ އިވެންޓްކަމުގައިވާ ދިރާގު މޯލްޑިވްސް ރޯޑް ރޭސް ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހު ބާއްވަން ނިންމައިފި އެވެ.

ދިރާގުން ބުނީ، 5 އަކާއި 10 ކިލޯމީޓަރުގެ ދެ ކެޓަގަރީއަކުން ދުވުމަށް ހަމަޖެހިފައިވާ ރޭސް މިއަހަރުވެސް ބޭއްވުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭގައި ކަަމަށެވެ. އަދި މިއަހަރުގެ ރޭހުގެވެސް ޝިޔާރަކީ ކުޑަކުދިންގެ ހައްގުތައް ހިމާޔަތްކޮށް ރައްކާތެރިކުރުން ކަމަށާއި ކުޑަކުދިންގެ ހައްގުތައް ހިމާޔަތްކުރުމުގެ މަސައްކަތުގައި އުޅޭ މަދަނީ އެކި ޖަމިއްޔާތަކާއި އެންޖީއޯތައް މިއިވެންޓުގައި ބައިވެރިވެ އިވެންޓުގައި ރަޖިސްޓްރީ ކުރުމަށް ވަނީ މިއަދުން ފެށިގެން މިމަހުގެ 20 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައި ކަމަށް ދިރާގުން މައުލުމާތު ދެއެވެ.

ދިރާގުން ބުނީ، މިރޭހުގައި ރަޖިސްޓްރީ ކުރާ ޖަމިއްޔާތައް ގައިޑްލައިނާއެއްގޮތަށް ދިރާގު ރޯޑް ރޭހުގެ ވެބްސައިޓުގައިޝާއިއުކުރެވޭނެ ކަމަށައި އަދި ހުރިހާ ދުވުންތެރިންވެސް ވެބްސައިޓްގައި ޝާއިއުވެފައިވާ ޖަމިއްޔާތަކުގެ ތެރެއިން އެމީހެއްގެ ދުވުން ހާއްސަކުރާނީ ކޮން ޖަމިޔާއަކަށްކަން ކަނޑައަޅާނެ ކަމަށެވެ. އަދި މިގޮތުން އެންމެ ގިނަ ދުވުންތެރިން ހިޔާރުކުރާ 5 ޖަމިއްޔާއަކަށް ޖުމްލަ 200،000 ރުފިޔާ ހަދިޔާކުރާނެ ކަމަށް ވެސް ދިރާގުން މައުލޫމާތު ދެއެވެ.

ދުޅަހެޔޮކަމާއި ރަނގަޅު ސިއްހަތު އަދި އާއިލީ ގުޅުން ބަދަހި ކުރުމާއި ރަހްމަތްތެރިކަން އާލާވާ ގޮތަށް ދިރާގު ރޯޑް ރޭހަކީ ހުރިހާ އުމުރުފުރައަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ އިވެންޓެއް ކަމަށްވާއިރު ދުވުންތެރިންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކޮންމެ ކެޓަގަރީ އަކަށްވެސް ބައިވެރިވެވޭނެ އެންމެ ކުޑަ އުމުރުފުރާތަށް ވަނީ ކަނޑައަޅާފައި ކަމަށް ދިރާގުން މައުލޫމާތު ދެއެވެ.

މީގެ އިތުރުން ދިރާގުން ބުނީ، މިރޭ ހުގައި 5 ކޮލޯމީޓަރުގެ ކެޓަގަރީގައި ބައިވެރިވުމަށް ސެޕްޓެމްބަރު އެއް ވަނަ ދުވަހަށް 7 އަހަރު ފުރިފައިވާ ކުއްޖަކަށް ވާނެ ޖެހޭ ކަމަށައި އަދި 10 ކިލޯމީޓަރުގެ ކެޓަގަރީގައި ބައިވެރިވުމަށް ސެޕްޓެމްބަރު އެއް ވަނަ ދުވަހަށް 16 އަހަރު ފުރިފައިވާން ޖެހޭނެ ކަމަށެވެ.

2007 ވަނަ އަހަރުގައި ދިރާގުން ތައާރަފްކުރި ރޯޑް ރޭސް ޖެހިޖެހިގެން ބާއްވާ މިއީ 13 ވަނައަހަރެވެ. ދިރާގު މޯލްޑިވްސް ރޯޑް ރޭހަކީ މިގޮތުން ގިނަ ބަޔަކު ޝައުގުވެރިވާ ދުރާލާ އިންތިޒާރުކުރާ އަދި ރާއްޖޭގެ އެންމެ ބޮޑު ދުވުމުގެ އިވެންޓެވެ.