ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން ހުޅުމާލޭގައި ޕަމްޕް ސްޓޭޝަނެއް ހުޅުވައިފި އެވެ.

ހުޅުމާލޭ އިޒީ ފިއުލް 3 ގައި ބޭއްވި ރަސްމިއްޔާތުގައި މި ޕަމްޕް ސްޓޭޝަން ރަސްމީކޮށް ހުޅުއްވައިދެއްވާފައިވަނީ ހުޅުމާލޭ ދާއިރާގެ މެމްބަރު އަލީ ނިޔާޒެވެ.

ހުޅުމާލޭގައި ހުޅުވި މި ޕަމްޕް ސްޓޭޝަނަކީ އޮޑި ދޯނިފަހަރާއި ލޯންޗުތަކާއި އެހެނިހެން ކަނޑު އުޅަނދުތަކަށް ތެޔޮ ފޯރުކޮށްދިނުމަށް ހުޅުވި ތަނެއް ކަމަށް އެފްއެސްއެމުން މައުލޫމާތުދެ އެވެ.

މި ރަސްމިއްޔާތުގައި އެފްއެސްއެމްގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ޤަސަމްއާއި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ ހުސެއިން އަމްރުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ހުޅުމާލޭ އީޒީ ފިއުލް 3 އާ ދިމާލުން ޖެޓީ ކައިރީގައި ހުޅުވި މި ޕަމްޕް ސްޓޭޝަނަކީ ކަނޑު އުޅަނދުތަކަށް މާލޭގައި ތެލުގެ ޚިދުމަތްދެމުންގެންދާ ޕަމްޕް ސްޓޭޝަންއަށް ލޯޑު ބޮޑުވުމާއި ގުޅިގެން ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް ލުއިފަސޭހަ ކުރުމަށްޓަކައި ގާއިމުކޮށްފައިވާ ސްޓޭޝަނެކެވެ.

އެފްއެސްއެމްގެ ސޭލްސް އެންޑް މާކެޓިން ޖެނަރަލް މެނޭޖަރ މުހައްމަދު ސަޢީދު ވިދާޅުވީ މާލޭގައި ތަރައްޤީކޮށްފައިވާ ޕަމްޕް ސްޓޭޝަނަކީ އާންމުގޮތެއްގައިވެސް ވަރަށް ލޯޑު ބޮޑު ސްޓޭޝަނެއްކަމުން ދޯނި ފަހަރާއި ލޯންޗު ފަހަރަށް ތެޔޮ އެޅުމުގައި ގިނަ ވަގުތު ހޭދަވާ ކަމަށެވެ. އެހެންކަމުން ހުޅުމާލޭގައި ތަރައްގީކޮށްފައިވާ ޕަމްޕް ސްޓޭޝަންއާއެކު މި މައްސަލަ ހައްލުވެގެންދާނެކަމަށް ސައީދު ވިދާޅުވިއެވެ.

އަދި މާލޭގެ ޓީޖެޓީއަކީ ވަރަށް ކޮންޖެސްޓެޑް ތަނެއް ކަމަށާއި އެތަނުގައި ބައުޒަރެއް ބާއްވައިގެން ދޯނިފަހަރުތަކާއި ލޯންޗުފަހަރުތަކަށް ޚިދުމަތްދެމުންދާއިރު އޭގެ ބަދަލުގައި ހުޅުމާލޭގައި ހުޅުވާފައިވާ ޕަމްޕް މެދުވެރިކޮށް ސީދާ އެތަނުން ދޯނިތަކާއި ލޯންޗުފަހަރުތަކަށް ޚިދުމަތްދެވޭނެ ކަމަށް ސައީދު ވިދާޅުވި އެވެ.

އެފްއެސްއެމުން ބުނީ ހުޅުމާލޭގައި ހުޅުވާފައިވާ ޕަމްޕް ސްޓޭޝަންއާއިއެކު މާލޭގެ ޕަމްޕް ސްޓޭޝަނުން ވެސް އާންމުންނަށް ޚިދުމަތް ދެމުންގެންދާނެ ކަމަށެވެ. އަދި އަލަށް ހުޅުވި ސްޓޭޝަންއާއިއެކު އެފްއެސްއެމުން ދޯނި ފަހަރުތަކަށް ދޭ ތެލުގެ ޚިދުމަތް ރަނގަޅުވެގެންދާނެ ކަމަށެވެ. އަދި އަލަށް ހުޅުވި ޕަމްޕް ސްޓޭޝަނުގެ ސްޓޯރޭޖް ކުޑަވުމުގެ ސަބަބުން އެޗްޑީސީއާއި ވާހަކަދައްކައިގެން އިތުރު ސްޓޯރޭޖެއް ޕަމްޕް ސްޓޭޝަންގެ ކައިރީގައި ބެހެއްޓުމުގެ މަސައްކަތްކުރަމުންދާ ކަމަށް އެފްއެސްއެމުން ވަނީ ބުނެފަ އެވެ.

އެފްއެސްއެމުން ބުނީ ކުރިއަށްއޮތް ތަނުގައި ވެސް އިތުރު ޕަމްޕް ސްޓޭޝަންތައް ހެދުމަށް ސަރުކާރާއެކު މަޝްވަރާކުރަމުންދާ ކަމަށެވެ.