މަސްވެރިޔާ ކާޑު ހޯދުމަށް މިހާތަނަށް 200 އަށް ވުރެ ގިނަ މަސްވެރިން ހުށަހަޅާފައިވާ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފިއެވެ.

މަސްވެރިންނަށް ލުއި ފަސޭހަށް ކޮށްދިނުމަށް އުފައްދާފައިވާ މި ކާޑާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ފިޝަރީޒް މިނިސްޓްރީގެ ސީނިއަރ ފުޑް ޓެކްނޮލޮޖިސްޓް، ހަސަން އަފްޒަލް ވިދާޅުވީ މިހަތަނަށް މި ކާޑު ޕްރޮމޯޓު ކުރުމަށް ބޮޑަށް މަސައްކަތް ކުރެވިފައިވަނީ އާންމުކޮށް ކަޅުބިލަ މަހުގެ މަސްވެރިކަން ކުރާ ފަރާތްތަކަށް ކަމަށެވެ. އެގޮތުން ބޮޑަށް ޕްރޮމޯޓު ކުރެވިފައިވަނީ ދެކުނުގެ އަތޮޅުތަކަށް ކަމަށް އަފްޒަލް ވިދާޅުވިއެވެ.

އެހެންނަމަވެސް އުތުރުގެ އަތޮޅުތަކަށްވެސް މި ކާޑު ޕްރޮމޯޓު ކުރމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަން ފާހަގަ ކުރައްވައި އަފްޒަލް ވިދާޅުވީ މާލެ ކައިރީ އަތޮޅުތަކުގެ ތެރެއިން ކަންނެލި މަސްވެރިކަން ކުރާ ފަރާތްތަކަށް މި ކާޑު ޕްރޮމޯޓު ކުރުމުގެ މަސައްކަތް ބީއެމްއެލުން މިހާރު ކުރަމުންދާ ކަމަށެވެ.

އަފްޒަލް ވިދާޅުވީ މަސްވެރިކަން ކުރާ ފަރާތްތަކުގެ ތެރޭގައި ބެންކިން ސިސްތަމުގައި ނުހިމެނޭ ގިނަ މަސްވެރިން ތިބި ކަމަށެވެ. އަދި މީގެ ސަބަބުން ބެންކު މެދުވެރިކޮށް މަސްވެރިންނަށް ލިބެން ޖެހޭ ގިނަ ހިދުމަތްތަކަކުން މަހުރޫމްވެފައިވާ ކަމަށެވެ. އެގޮތުން ބައެއް ލީނުތަކުގައި ޕެންޝަން ސްކީމުގައި ބައިވެރިވުމުގެ ފުރުސަތު ގެއްލޭ ކަމަށެވެ.

އެހެންނަމަވެސް މި ސަރުކާރުން ތައާރަފުކޮށްފައިވާ މަސްވެރިޔާ ކާޑު ފަދަ ކާޑެއް ބޭނުންކުރަން ފެށުމުން ލޯންތައް ފަސޭހައިން ލިބުމާއި، ޕެންޝަން ސްކީމްގައި ބައިވެރިވުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށްވެސް އަފްޒަލް ވަނީ ވިދާޅުވެފައެވެ.

މިދިޔަ ފެބްރުއަރީމަހުގެ ތެރޭގައި ކޫއްޑޫގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ތައާރަފުކޮށްދެއްވި މި ކާޑާއި ޑިޖިޓަލް ވޮލެޓްއަކީ މަސްވެރިން ވިއްކާ މަހަށް ވަގުތުން ފައިސާ ލިބޭ ވަސީލަތެކެވެ. އެގޮތުން މަސްވެރިން އަތުން މަސް ގަންނަ ކުންފުނިތަކަށް މި ޑިޖިޓަލް ވޮލެޓާއެކު ހިމެނޭ އޮންލައިން ޕޯޓަލް މެދުވެރިކޮށް މަސްދޯނިތަކަށް ފައިސާ ދެއްކޭނެއެވެ. މަސްދޯނިތަކަށް ބޭނުންވާ ތެލާއި އައިސް ގަތުމުގެ އިތުރަށް ފަޅުވެރިންނަށް ލިބެންޖެހޭ ފައިސާވެސް ފަޅުވެރިންގެ މަސްވެރިޔާ ކާޑަށް ފޮނުވާލުމުގެ ފަސޭހަ މި ކާޑު މެދުވެރިކޮށް ވެގެންދެއެވެ.

މި ކާޑު ޕީއޯއެސް އޭޓީއެމް އަދި ކޭޝް އެޖެންޓް ހިދުމަތް ހޯދުމަށްވެސް ބޭނުންކުރެވޭނެއެވެ. އަދި ރާއްޖެއިން ބޭރުގައާއި އޮންލައިން ވިޔަފާރިތަކަށްވެސް މި ކާޑު ބޭނުން ކުރެވޭނެ ކަމަށް ބީއެމްއެލުން ވަނީ ބުނެފައެވެ.