ރާއްޖޭގެ ކަނޑުފަޅުގެ މަސްވެރިިކަމުގެ ސިނާއަތު ކުރިއަރުވަން ޤައުމީ ޕްލޭނެއް އެކުލަވާލައިގެން މަސްވެރިކަމުގެ ޤާނޫނަށް އިސްލާހުގެނައުމަށް މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު އުމަރު ގޮވާލައްވައިފިއެވެ.

މެންބަރު އާދަމް ޝަރީފު މިހެން ވިދާޅުވީ، ބޭރުގެ މަސްބޯޓު ފަހަރު ދިވެހި މަސްކަނޑުތަކުގައި މަސްވެރިކަންކުރުން ހުއްޓުވުމަށް ހޯރަފުށީދާއިގެ މެންބަރު އަހުމަދު ސަލީމް ހުށަހެޅުއްވި ޤަރާރަށް ބަހުސްކުރައްވަމުންނެވެ.

މި ޤަރާރަށް ބަހުސްކުރައްވަމުން މެންބަރު އާދަމް ޝަރީފު އުމަރު ވިދާޅުވީ، މަސްވެރިކަން ތަރައްގީކުރާނަމަ ޤައުމީ ޕްލޭނެއް އެކުލަވާލުން މުހިންމު ކަމަށެވެ. އަދި

ތަފާތު 4، 5 ޤަރާރުތައް ހުށަހަޅައިގެން ކުރިއަށްދިއުމަކީ މަސްވެރިންނަށް ލިބެން އޮންނަ އިނާޔަތާއި ހަމައަގު ހޯދަދީ އަދި މުޅި ސިނާއަތުގެ ކުރިއެރުމަށް ދައްކާ ބަހަނާއެއް ކަމަށެވެ.

ނަމަވެސް އޭގެ ބަދަލުގައި މަސްވެރިކަމުގެ ޤާނޫނު އިސްލާހުކޮށް މަސްވެރިންނަށް ރަނގަޅު ފައިދާތަކެއް ހޯދަދިނުމަށް އެމްޑީޕީގެ ސުޕަރ މެޖޯރިޓީން މަސައްކަތް ކުރުމަކީ މުހިންމު ކަމެއް ކަމަށް އާދަމް ޝަރީފު ވިދާޅުވިއެވެ. އަދި މަސްވެރިކަމަކީ ރާއްޖޭގެ ސިޔާދަށް ނުރައްކާވެދާނެ ފަދަ ގޮތަކަށް ހުށަހަޅައިގެން ކުރިއަށްގެންދިއުމުގެ ބަދަލުގައި، މުޅި ޤާނޫނަށް އިސްލާހު ހުށަހަޅައިގެން ކުރިއަށްދިއުމަށް އެމްޑީޕީގެ މެންބަރުންގެ ކިބައިން އެދިވަޑައިގަންނަވާ ކަމަށްވެސް އާދަމް ޝަރީފު ވިދާޅުވިއެވެ.

އާދަމް ޝަރީފުގެ އެވާހަކަތަކާއި ގުޅިގެން ރިޔާސަތުން ވަނީ، އޯގަސްޓް މަހުގެ ތެރޭގައި މަސްވެރިކަމުގެ ޤާނޫނަށް ބޮޑެތި ފަސް އިސްލާހު ގެނެވިގެންދާނެ ކަމަށް އެމްޑީޕީގެ ޕީޖީ ގުރޫޕުން މައުލޫމާތުދީފައިވާ ކަމަށެވެ. އެގޮތުން ވަކި 5 ޤަރާރެއްގެ ގޮތުގައި ހުށަހަޅާފައި ވަނީ ޤާނޫނަށް ގެންނަ މައިގަނޑު ފަސް ބަދަލުކަމަށް، އެމްޑީޕީން މައުލޫމާތުދީފައިވާ ކަމަށްވެސް އެމްޑީޕީގެ ރައީސް އަދި، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވިއެވެ.

މި ޤަރާރުގެ ބަހުސް މަރުހަލާ ނިންމަވާލައްވަމުން ޤަރާރު ހުށަހެޅުއްވި މެންބަރު ހޯރަފުށީދާއިގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވީ، މަސްވެރިކަމާއި ގުޅޭ ޤަރާރުތައް ހުށަހެޅީ މަސްވެރިންގެ ކަންބޮޑުވުންތައް ހުރިގޮތް ބެލުމަށްފަހުގައި ކަމަށެވެ. އެގޮތުން ސަރުކާރުން ވަޢުދުތަކެއްވެ ވައުދުތައް ފުއްދުމަށް އެކަންކަން ވަކިވަކި ޤަރާރުތަކެއްގެ ގޮތުގައި ހުށަހަޅައި، އެއަށް ބިލްތަކެއް ފަރުމާކުރެވިގެންދާނެކަމަށެވެ. އަދިއެއަށްފަހު އެކްޝަން ޕްލޭނެއް އެކުލަވާލައި މަސްވެރިކަމުގެ ސިނާއަތު ކުރިއަރުވަން މަޖިލީހުގެ ތެރެއިން މަސައްކަތްކޮށް އެކަން ނިންމާނެކަމަށް މެންބަރު ސަލީމް ވިދާޅުވިއެވެ.

މަސްވެރިކަމާއި ގުޅުންހުރި ޤަރާރުތަކުގެ ތެރޭގައި ހިމެނެނީ އިންޑިޔާ ކަނޑުގައި ބޮޑު ދާ އެޅުން ހުއްޓުވާ ދެމެހެއްޓެނިވި މަސްވެރިކަން ކުރުމަށް ގޮވާލާ ގަރާރާއި، ރަށު ކައުންސިލާއި އަދި އަމިއްލަ ފަރާތްތަކާއި ގުޅިގެން ރަށްރަށުގައި ގޭދޮށު މަސް ފެކްޓަރީ ޤާއިމްކުރުމާ ގުޅޭގޮތުންވެސް ޤަރާރާއި، ބޭރުގެ މަސް ބޯޓުތައް ރާއްޖެ އައިސް ދިވެހި މަސްވެރިންގެ އަތުން މަސްގަތުމަށް ހުއްދަ ދިނުމަށް ހުށަހަޅާފައިވާ ޤަރާރެވެ.

މީގެ އިތުރަށް ދިވެހިން މަސްވެރިކަންކުރާ ސަރަހައްދުތަކެއް ފާހަގަކޮށް އޮފްޝޯ ޕްލެޓްފޯމް ގާއިމުކުރުމާގުޅޭގޮތުން ހުށަހަޅާ ޤަރާރާއި، އިންޑިއާ ކަނޑުގައި ބޮޑުދާއެޅުން ހުއްޓުވައި ދެމެހެއްޓެނިވި މަސްވެރިކަން ކުރުމަށް ގޮވާލާ ހުށަހަޅާ ޤަރާރެއްވެސް މަޖިލީހަށް ސަރުކާރުގެ ފަރާތުން ވަނީ ހުށަހަޅުއްވާފައެވެ.