މިދިޔަ ޖޫން މަހުގެ ނިޔަލަށް ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް 452.9 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ނެރެފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް ގްރީން ޓެކުހުގެ ގޮތުގައި 29.5 މިލިއަން ޑޮލަރު ލިބިފައިވެ އެވެ. މިދިޔަ އަހަރުގެ މިމުއްދަތުގައި ލިބިފައިވަނީ 29.3 މިލިއަން ޑޮލަރުވަނީ ލިބިފައެވެ. އެހެންކަމުން މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 5.1 އިންސައްތައިގެ އިތުރު އަދަދެކެވެ.

މިއަހަރުގެ ޖޫން މަހު ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބިފައިވަނީ 50.5 މިލިއަން ރުފިޔާވެ. އެހެންނަމަވެސް މިދިޔަ އަހަރުގެ ޖޫންމަހު ގްރީން ޓޭކުހުގެ ގޮތުގައި ދައުލަތަށްވަނީ 54.3 މިލިއަން ރުފިޔާ ލިބިފައެވެ. އެހެންކަމުން މިއަހަރުގެ ޖޫންމަހު ގްރީން ޓެކުހުގެ ގޮތުގައި ލިބުނު ޖުމްލަ އާމްދަނީވަނީ މިދިޔަ އަހަރުގެ މިމުއްދަތާ އަޅާބަލާއިރު 3.4 އިންސައްތައިގެ ދަށްވުމެކެވެ.

މީރާގެ ތަފާސްހިސާބުތަކަށް ބަލާއިރު، ޖޫން މަހު ޑޮލަރުން ދައުލަތަށް ލިބުނު އާމްދަނީގެ ހަ ޕަސެންޓް ހިއްސާ ކުރަނީ ގްރީން ޓެކްސް އެވެ.

ގްރީން ޓެކުހަކީ ދިވެހިރާއްޖޭގައި ހިންގާ ޓޫރިސްޓު ރިޒޯޓުތަކާއި ޓޫރިސްޓު ހޮޓާތަކާއި ޓޫރިސްޓު އުޅަނދުތަކަށް އަންނަ ޓޫރިސްޓުންގެ އަތުން، އެއިން ތަނެއްގައި ނުވަތަ އުޅަނދެއްގައި ހޭދަކުރާ ކޮންމެ ދުވަހަކަށް، މީހަކަށް 6 އެމެރިކާ ޑޮލަރުގެ ރޭޓުން ނެގޭ ޓެކުހެކެވެ.

1 އޮކްޓޫބަރު 2016 އިން ފެށިގެން ޓޫރިސްޓް ގެސްޓްހައުސްތަކުގައި ތިބޭ ޓޫރިސްޓުންގެ އަތުން ވެސް، އެ ތަނުގައި ހޭދަކުރާ ކޮންމެ ދުވަހަކަށް، މީހަކަށް 3 އެމެރިކާ ޑޮލަރުގެ ރޭޓުން، ގްރީން ޓެކްސް ނެގޭނެއެވެ. ދިވެހިންނާއި ރެސިޑެންޓް ޕަރމިޓް އޮންނަ ބިދޭސީން މި ޓެކުހުން އިސްތިސްނާވާނެއެވެ. އެހެންކަމުން މި ފަދަ ފަރާތްތައް އެއްވެސް ޓޫރިސްޓް ރިޒޯޓެއް، ހޮޓަލެއް، އުޅަނދެއް ނުވަތަ ގެސްޓްހައުސްއެއްގައި ތިބިކަމުގައި ވީނަމަވެސް، ގްރީން ޓެކްސް ނަގައިގެންނުވާނެއެވެ.