މިލިޔުމާ ގުޅޭ ފުރަތަމަ ބައި

ސިވިލް ކޯޓުގެ ނަންބަރު 1124/Cv-C/2014 ޤަޟިއްޔާގައި ބެލި މައްސަލައިގައި 348 މިލިއަން ރުފިޔާ ދިވެހި ދައުލަތުން ދީބާޖާއަށް، 23 އޮކްޓޯބަރ 2014 އިން ފެށިގެން މީލާދީ ހަމަސް ދުވަހުގެ ތެރޭގައި ދެއްކުމަށް ޙުކުމް ކުރެއްވިއެވެ. ދައުލަތުން އެމައްސަލަ އިސްތިއުނާފު ކުރާނެކަމަށް ވަގުތުން ހާމަކުރިއެވެ. ނަމަވެސް ޢާންމުންނަށް ފެނިގެން ދިޔައީ އެކަމަށް މާބޮޑު ސަމާލުކަމެއް ނުދެވުނު ތަނެވެ. 2014 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ 23 ވަނަ ދުވަހު ޙުކުމްކުރި މައްސަލަ، ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކޮށް ރެޖިސްޓްރީ ކޮށްފައިވަނީ 22 ޖުލައި 2015 ގައެވެ. އެއީ، ނުވަމަހެއްހާ ދުވަސް ފަހެވެ.

ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 42 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ މާލޭގައި ޤާއިމްވެފައިވާ ދަށު ކޯޓަކުން ކުރާ ޙުކުމެއްނަމަ އެ ޙުކުމް ކުރި ދުވަހާއި، މުއްދަތު ހަމަވާ ދުވަހާއި، އެ ދެމެދުގައިވާ ބަންދު ދުވަސްތައް ނުހިމަނައި 90 ދުވަހުގެ ތެރޭގައި އެ މައްސަލައެއް އިސްތިއުނާފުކުރަން ބޭނުންވާނަމަ އިސްތިއުނާފު ކުރަން ހުށަހަޅަން ވާނެކަމަށެވެ. މި މާއްދާއިން ދައުލަތުން ބަންޑާރަ ނާއިބު ހުށަހަޅާ ދަޢުވާތަކަށް އިސްތިސްނާއެއް ދީފައެއް ނުވެއެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2015/06/SC (27 ޖެނުއަރީ 2015) ސަރކިއުލާ އިން އިސްތިއުނާފު ކުރުމުގެ މުއްދަތު ވަނީ 90 ދުވަހުން 10 ދުވަހަށް ކުޑަ ކުރައްވާފައެވެ.

ނަމަވެސް 90 ދުވަސް ކަމަށް ޤާނޫނެއްގައި ކަނޑައަޅާފައިއޮތް މުއްދަތެއް 10 ދުވަހަށް، ޤާނޫނެއް މާނަކުރުމުގެ ތެރެއިން ބަދަލުކުރުމަކީ، ޤާނޫނީ އިމުގެ ތެރެއިން ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުން ކަމަށްވިޔަސް ކުރެއްވިދާނެ ކަމެއްކަމަކަށް ޤާނޫނީ ދާއިރާގެ ޢިލްމުވެރިން ޤަބޫލެއް ނުކުރައްވައެވެ. އިސްތިއުނާފުގެ މުއްދަތު ކޮންމެ ގޮތަކަށް އޮތްނަމަވެސް ދީބާޖާގެ މައްސަލަ އިސްތިއުނާފު ކުރުމުގައި ވަރަށް ބޮޑު އިހުމާލެއް ބަންޑާރަނާއިބުގެ ފަރާތްޕުޅުން ފެނިގެންވަނީ ގޮސްފައެވެ. ނަމަވެސް ޖަވާބުދާރީވުމާއި ޖަވާބުދާރީ ކުރުމުގެ ނިޒާމު ޤާނޫނުތަކުގައި ކިތަންމެ ރަނގަޅަކަށް ލިޔެފައިހުއްޓަސް ދައުލަތުގެ ކަމާބެހޭ ހުރިހާ ދިމާއަކުންވެސް އެކަމުގައި ފެނިފައިވަނީ ލޯމަރާލާފައެވެ.

ސިވިލްކޯޓުން ނިންމި ދީބާޖާއާބެހޭ މައްސަލަ ހައިކޯޓަށް އިސްތިއުނާފު ކުރުމަށް ދައުލަތުން ހުށަހެޅުމުން، އެކޯޓުގެ ނަންބަރު 2015/HC-A/271 ޤަޟިއްޔާގެ ޙުކުމުން، ހައިކޯޓުގައި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާޤުން 26 ޖޫން 2018 ގައި ސިވިލް ކޯޓުގެ ޙުކުމްވަނީ ބާޠިލުކުރައްވާފައެވެ.