ގަތަރުގައި 2022 ވަނަ އަހަރު ބާއްވާ ވޯލްޑް ކަޕާއި 2023 ވަނަ އަހަރު ޗައިނާގައި ބާއްވާ އޭޝިއަން ކަޕްގެ ކޮލިފައިންގައި ރާއްޖެ ވަރުގަދަ ގްރޫޕެއްގައި ލައްވާލައިފި އެވެ.

ކޮލިފައިންގައި ރާއްޖެ ބައްދަލުކުރަން ޖެހޭ ގައުމުތަކަކީ ޗައިނާ، ފިލިޕީންސް، ސީރިއާ އަދި ގުއާމް އެވެ. މި ޓީމުތަކާއި ބައްދަލުކުރަން ޖެހޭކަން އެނގިގެން ދިޔައީ މިއަދު މެލޭޝިއާގެ ކުއާލަލަމްޕޫރުގައި ކުރިއަށް ދިޔަ ގުރުއަތުލުމުގަ އެވެ.

ކުރިއެކޭ އެއްގޮތަށް މި މުބާރާތްވެސް ކުރިއަށްދާނީ ޖޮއިންޓް ކޮލިފިކޭޝަންގެ ގޮތުގަ އެވެ. އެގޮތުން އޭޝިއާ ބައްރުގެ 40 ގައުމު 8 ގްރޫޕަކަށް ބަހާލައިގެން ކުރިއަށްދާ ކޮލިފައިންގެ ތިންވަނަ ބުރުން ޖާގަ ލިބޭނީ ކޮންމެ ގްރޫޕަކުންވެސް އެއްވަނަ ލިބޭ ޓީމަކަށެވެ. އަދި އެއްވަނަ ލިބޭ ޓީމު އޭޝިއަން ކަޕަށް ކޮލިފައިވާނެ އެވެ. މީގެއިތުރުން އެންމެ ރަނގަޅު ނަތީޖާ ނެރޭ ހަތަރު ގައުމަށްވެސް ވޯލްޑްކަޕް ކޮލިފައިންގެ ތިންވަނަ ބުރުން ޖާގަ ލިބޭނެ އެވެ.