ޑާކްރެއިން އެންޓަޓެއިންމަންޓުން މިއަހަރު ގެނެސްދިން ދެވަނަ ފިލްމު "މާމުއި"ގެ ހައުސްފުލް ޝޯތައް އޮލިންޕަހުގައި ދައްކަމުންދާއިރު، މިމަހުގެ 18 އަދި 19 މި ދެދުވަހު ފިލްމުގެ ވަދާއީ ޝޯތައް ދެއްކުމަށް ނިންމާ، ވަދާއީ ޝޯތަކުގެ ޓިކެޓް ވިއްކަން ފަށައިފިއެވެ.

މިމަހުގެ 1ވަނަ ދުވަހުގެ ރެއިން ފެށިގެން ހައުސްފުލް ޝޯތައް ދައްކަމުންދާއިރު، "މާމުއި" ބެލި ހުރިހާ ބެލުންތެރިން ވަނީ ފިލްމާއިމެދު ހިތްހަމަޖެހުން ފާޅުކޮށްފައެވެ.

ޑާކްރެއިންއިން އުފެއްދި އެންމެ އަގުބޮޑު މި ފިލްމަކީ ފަހުގެ ތާރީޚެއްގައި މިހާ ބޮޑު ކާސްޓަކާއިއެކު އުފައްދާފައިވާ ފުރަަތަމަ ފިލްމެވެ.

އަހަރުގެ ބޮޑު ފިލްމުކަމަށް ކުރިންވެސް ބެލެވުނު "މާމުއި" ހަގީގަތުގައިވެސް ވެގެން މިދިޔައީ މިއަހަރުގެ ބޮޑު ފިލްމަށެވެ. ބެލުންތެރިންގެ ކޮމެންޓްތަކުން އެކަން ޔަގީންކުރެވެއެވެ.

ވީނިއުސްއަށް މައުލޫމާތު ދެއްވަމުން "މާމުއި"ގެ ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) ބުނީ ފިލްމަށް ބެލުންތެރިންގެ ފަރާތުން ލިބުނީ ވަރަށްވެސް ބޮޑު ތަރުހީބެއްކަމަށެވެ. އަދި ހައުސްފުލް ޝޯތަކަށްފަހު، "މާމުއި"ގެ ވަދާއީ ޝޯތަކުގެ ޓިކެޓް ވިއްކަން ފެށީ އޮލިންޕަސް ލިބިފައިވާ މުއްދަތު ހަމަވަމުންދާތީކަމަށެވެ.

"މިހާރުގެވެސް ވަދާއީ ޝޯތަކުގެ ޓިކެޓްތައް ވަަރަށް ބާރަށް ދަނީ ވިކެމުން. އެހެންވީމަ ފިލްމު ނުބަލާ ތިއްބެވި ބޭފުޅުން 18 އަދި 19 މި ދެދުވަހަށް ޓިކެޓް ބައްލަވައިގަނެގެން ފިލްމު ބަލާލަން އަޅުގަނޑު އެދެން." މޮގާ ބުންޏެވެ.

"މާމުއި"ގެ ފޮނިފޮނި ކާމިޔާބަށްފަހު، އަތޮޅުތެރޭގައި ފިލްމު ދެއްކުމުގެ ތައްޔާރީތައް ޑާކްރެއިންއިން ވަނީ ފަށާފައެވެ. ނަމަވެސް ޝްވެކްގައި "މާމުއި" އެޅުވުމަށް ހަމަޖެހިފައިނުވާކަމަށް މޮގާ ވަނީ ބުނެފައެވެ.

މާމުއި ފިލްމުގެ ކާސްޓުންގެ ތެރޭގައި ހިމެނެނީ އިސްމާއިލް ޖުމެއިހް (ޖުމާ)، މަރިޔަމް އައްޒަ، ޖުމައްޔިލް ނިމާލް (ޖުމަލް)، މަރިޔަމް މަޖުދާ (މަޖޫ)، ޝީލާ ނަޖީބު، ހަމްދާން ފާރޫގް، އިބްރާހިމް އަމާން ހުސެއިން، އަލީ ޝަލްލީލް، އަހްމަދު ސުނީ އަދި އައިޝަތު ޔާދާ، މާރިއާ ތްރޭސާ، އައިމިނަތު ނޫރާ، އަހުމަދު ޝާކިރު (ޝާއްކޮ އައްމަޑޭ)، ނުޒުހަތު ޝުއެއިބު، މުހައްމަދު ފައިސަލް، އަބުދުﷲ ޝާފިއު (ފުބޫ)، އަދި އާދަމް ރިޒްވީ އެވެ.