ރައްޔިތުންގެ މަޖިލީހުގެ 4 މެންބަރަކު، ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ)އާއި ގުޅިވަޑައިގަތުމަށް ވާހަކަދައްކަވަމުން ގެންދަވާކަމަށް އެޕާޓީގެ ލީޑަރު މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ވީޓީވީގެ ފަސްމަންޒަރު ޕްރަގްރާމްގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ، ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ޑީއާރުޕީއާއި ގުޅިވަޑައިގަތުމަށް ނިންމެވުމަކީ އެޕާޓީއަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްކަމަށެވެ. އަދި ޖާބިރާއެކު މަޖިލީހުގެ ދެ މެންބަރަކު އެޕާޓީއާއި ގުޅިވަޑައިގަންނަވާނެކަމަށް ޖާބިރު ވިދާޅުވެފައިވާކަމަށް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ މިހާތަނަށް މަޖިލީހުގެ 4 މެންބަރަކު ޑީއާރުޕީއާއި ގުޅިވަޑައިގަތުމުގެ ވިސްނުންފުޅުގައި ޕާޓީގެ ލީޑާރޝިޕްގެ ބޭފުޅުންނާއި މަޝްވަރާކުރައްވާފައިވާކަމަށެވެ. އެހެންކަމުން ކުރިއަށް އޮތްތާ ރައްޔިތުންގެ މަޖިލީހުގައި ޑީއާރުޕީ ތަމްސީލްވާނެކަމުގެ ވަރަށް ބޮޑު އުންމީދެއް އެބައޮތްކަމަށް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ މިހާތަނަށް ޑީއާރުޕީއާއި ގުޅިވަޑައިގަތުމުގެ ޝައުގުވެރިކަމުގައި މަޝްވަރާކުރެވި މެންބަރުންގެ ތެރޭގައި އެމްޑީޕީގެ މެންބަރުންވެސް ހިމެނޭކަމަށެވެ. އަދި އެ މައުލޫމާތު ހާމަކުރައްވަންޖެހިވަޑައިގަތުމުން ހާމަކުރައްވާނެކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

"ސިޔާސީ ބޭފުޅުން ވަރަށް ގިނަ ވާހަކަތައް ދައްކާނެ. އެހެންނަމަވެސް އަޅުގަނޑު މި ދެންނެވީ 4 މެންބަރަކު އަޅުގަނޑުމެންނާއި މިހާރުވެސް އެބަ ވާހަކަދައްކަވާ. އެހެންވީމަ އެކަން ހަގީގަތަކަށްވާނެކަމަށް މި ދެކެނީ." ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ މިހާތަނަށް ޑީއާރުޕީއާއި ގުޅިވަޑައިގަތުމުގެ ޝައުގުވެރިކަމުގައި ވަރަށް ގިނަ ސިޔާސީ ބޭފުޅުން މަޝްވަރާކުރައްވާފައިވާކަމަށެވެ. ނަމަވެސް އެއިން އެއްވެސް ބޭފުޅެއް ދެއްކެވި ވާހަކައެއްގައި ހަގީގީ ކުލަ ޖެހިފައިނުވާކަމަށެވެ.

ނަޝީދު ވިދާޅުވީ ހުރިހާ ބޭފުޅުންނާއި ޖާބިރާ ވަރަށް ތަފާތުކަމަށާ ޖާބިރު ޝައުގުވެރިކަން ފާޅުކުރެއްވި ހިސާބުން ފެށިގެން ޑީއާރުޕީ ކުރިއަށް ގެންދިއުމުގެ އަމަލީ މަސައްކަތް ފައްޓަވާފައިވާކަމަށެވެ. އެހެންކަމުން ޖާބިރާއެކު ޑީއާރުޕީއަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަން ކަށަވަރުކުރައްވާކަމަށް ނަޝީދު ވިދާޅުވިއެވެ.

ޖާބިރު ވަނީ ވަރަށް އަވަހަށް ޑީއާރުޕީއާއި ގުޅިވަޑައިގަންނަވާނެކަމަށާ އަދި އޭނާގެ ލީޑާޝިޕްގައި ޑީއާރުޕީގެ މެންބަރުންގެ އަދަދު 10،000 އިތުރުކުރައްވާނެކަމަށް ވިދާޅުވެފައެވެ. އަދި ޑީއާރުޕީގައި 10ވަރަކަށް މެންބަރުން ހިމެނޭ ޕީޖީ ގުރޫޕެއް އޮންނާނެކަމަށާ 2023ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު އަންނައިރު އެޕާޓީ ވެގެންދާނީ ވަރުގަދަ ޕާޓީއަކަށްކަމަށްވެސް ޖާބިރު ވަނީ ވިދާޅުވެފައެވެ.