ވާހަކަ ލިޔުންތެރިޔާ އަހުމަދު އިޤްބާލް (އައިކިޔު) ލިޔެފައިވާ އަސަރުގަދަ ވާހަކަ "އެހެނަސް ހަމަ ލޯބިވެޔޭ.." މި ވާހަކައަށް އުފައްދާފައިވާ ވެބްސީރީޒް "އެހެނަސް"ގެ ފުރަތަމަ ފަސް އެޕިސޯޑް އިއްޔެ ވަނީ އޮލިންޕަހުގައި ދައްކާލާފައެވެ.

ދައުވަތު އެރުވިގެން ވަޑައިގެންނެވި ބައެއް ބޭފުޅުންނާއި، ލިމިޑެޓް އަދަދަކަށް ވިއްކި ޓިކެޓް ގެނެގެން އޮލިންޕަހުން އިއްޔެ މި ވެބްސީރީޒްގެ ފަސް އެޕިސޯޑް ބެލި ގިނަ މީހުން ވަނީ "އެހެނަސް" އާއިމެދު ހިތްހަމަޖެހުން ފާޅުކޮށްފައެވެ. ވަކިން ޚާއްސަކޮށް މިއީ ދިވެހި މުޖްތަމައުގައިވެސް ވަރަށް ބޮޑުވެފައިވާ މައްސަލައަކަށް ބިނާކޮށް އުފައްދާފައިވާ ވެބްސީރީޒްއަކަށްވުމުން އެކަން ގިނަ ބަޔަކު ވަނީ ފާހަގަކޮށްފައެވެ.

ކުޅަދާނަ އެކްޓަރު އަދި ޑައިރެކްޓަރު ރަވީ ފާރޫގު ޑައިރެކްޓްކޮށްފައިވާ "އެހެނަސް" މިއީ "ރަނޑު" ފިރިހެން ކުއްޖަކަށް އާއިލާއާއި މުޖްތަމައުން ދިމާވާ އެކިއެކި ކަންތައްތައް ދައްކުވައިދޭ ވެބްސީރީޒެކެވެ. އަދި ކުޑައިރުއްސުރެ ޖިންސީ ގޯނާ އާއި ގެވެށި އަނިޔާގެ ޝިކާރައަކަށްވެ، ޖަވާޒީ ހަޔާތެއް ފެށުމަށްވެސް މުޖްތަމައުގެ ތެރެއިން ދިމާވާ އިޖުތިމާއީ މައްސަލަތަކުގެ ސަބަބުން ފިރިހެނަކަށް ކުރިމަތިވާ ހާދިސާތަކެއްވެސް ކިޔައިދޭ ވަރަށް އަސަރު ގަދަ ވެބްސީރީޒެކެވެ.

"އެހެނަސް"ގެ ފުރަތަމަ ފަސް އެޕިސޯޑް އޮލިންޕަހުގައި ދައްކާފައިވާއިރު، ރެއިން ފެށިގެން ކޮންމެ ހަފްތާއަކު އެއް ރޭ ބައިސްކޯފް މެދުވެރިކޮށް "އެހެނަސް"ގެ އައު އެޕިސޯޑެއް ފެނިގެންދާނެއެވެ.

މިސީރީޒްގެ ލީޑް ރޯލުން ފެނިގެންދަނީ މުޙައްމަދު ވިޝާލް (ރޯމަން) އާއި ފާތުމަތު ޝަރާ އާދަމް އެވެ. މީގެ އިތުރުން މުހިންމު ރޯލަކުން ކުޅަދާނަ އެކްޓްރެސް ޝީލާ ނަޖީބު އާއި މުހައްމަދު މަނިކުވެސް ފެނިގެންދާނެއެވެ. މީގެ އިތުރުން އައިމިނަތު ޝަމާނާ، އައިމިނަތު ސިލްނާ، މަރިޔަމް ވަހީދާ (ޔަމް)، އަހުމަދު މަސީޙު، އަހުމަދު ޝާރިފް، މުޙައްމަދު ޔާމިން އަލީ އަދި އަލީ އުސާމް، މުޙައްމަދު ޔުނާން، އަލީ ނަދީޙް (ޗައްނަ) ވެސް މިވެބްސީރީޒް އިން ފެނިގެންދާނެއެވެ.

މިއީ ފިލްމީ ދާއިރާއަށް މުޅިން އަލަށް ނިކުންނަ ގިނަ ތަރިންތަކެއް ހިމަނައިގެން ރަވީ އުފައްދާފައިވާ ވެބްސީރީޒެއް ނަމަވެސް، މިހާތަނަށް ފެނުނު 5 އެޕިސޯޑުން މިއީ އައު ތަރިންތަކެއްކަމުގެ އިހުސާސެއް ނުކުރެވެއެވެ. ތަރިންގެ އެކްޓިންގ ޖުމްލަކޮށް ވަރަށް ރަނގަޅެވެ. ތަރިންގެ ފަރާތުން ރަނގަޅު އެކްޓިންއެއް ގެނެސްދިނުމަށް ޑައިރެކްޓަރެއްގެ ހައިސިއްޔަތުން ރަވީކޮށްފައިވާ މަސައްކަތަށް ޝުކުރު ހައްގެވެ. އޮލިންޕަހުން "އެހެނަސް" ބެލި ގިނަ ބަޔަކުވެސް ވަނީ އެކަން ފާހަގަކޮށްފައެވެ.

ޖުމްލަކޮށް ބަލާނަމަ ހުރިހާ އެކްޓަރުންގެ ފަރާތުން ރަނގަޅު އެކްޓިންއެއް ފެނިގެންދިޔައިރު، ފިލްމުގައި މުހިންމު ރޯލްތަކުން ފެނުނު ވިޝާލް، ޝަރާގެ އެކްޓިން ވަރަށް ރަނގަޅުކަމުގައި ބުނަންޖެހެއެވެ. ޚާއްސަކޮށް ވިޝާލްގެ ފަރާތުން ހަގީގަތާއި ވަރަށް ގާތްކުރާގޮތަށް ގިނަ މަންޒަރުތަކުގައި އެކްޓިން ފެނިފައިވެއެވެ.