ޖުމްހޫރީ ޕާޓީއަކީ ވަކި ސިޔާސަތުތަކެއްގެ މައްޗަށް ހިންގާ މިނިވަން ސިޔާސީ ޕާޓީއެއް ކަމަށް ޖުމްހޫރީ ޕާޓިން ބުނެފި އެވެ.

ޖުމްހޫރީ ޕާޓީން މިހެން ބުނެފައި މިވަނީ އެޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ސްޕެޝަލް އެޑްވައިޒަރު އަދި ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލް ރޭ ވީޓީވީގެ ފަސްމަންޒަރު ޕްރޮގްރާމުގައި ދެއްކެވި ވާހަކަތަކަށް ރައްދުދެއްވަމުންނެވެ.

ޑރ. ޖަމީލް ވިދާޅުވީ ޕީޕީއެމާ ގުޅިގެން އެޕާޓީ ވަރުގަދަ ކުރުމަށް އެހީތެރިވާން ޖޭޕީން އުޅޭ ކަމަށްއަދި ޖޭޕީއަކީ ޕީޕީއެމް ފިކުރުގެ ޕާޓީއެއް ކަމަށެވެ.

މިވާހަކަތަކަށް ރައްދުދެއްވާ ޖޭޕީގެ ސެކްރެޓަރީ ޖެނެރަލް ހުސައިން ރަޝީދު ވިދާޅުވީ ޖުމްހޫރީ ޕާޓީ އަދިވެސް އޮތީ ސަރުކާރުގައި ހިންގާ ކޯލިޝަން ޕާޓުނަރެއްގެ ގޮތުގައި ކަމަށެވެ. ގާނޫނީ އިމުގެ ތެރެއިން ކުރިއަށްދާނަމަ މިސަރުކާރާ އެކު ޖޭޕީ އަބަދުވެސް ދެމިތިބޭނެ ކަމުގައިވެސް ހުސައިން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިސަރުކާރު ވުޖޫދަށް އައީ ޖޭޕީ ހިމެނޭ ގޮތަށް އެކުލަވާލި ކޯލިޝަނެއްގެ ތެރެއިން ކަމަށާއި އެ ނިންމުމަށް ޖޭޕީން އެއްވެސް ބަދަލެއް ގެނެސްފައި ނުވާ ކަމަށެވެ. އަދި ޖޭޕީން ކަމެއް ނިންމާނަމަ ނިންމާނީ ޕާޓީގެ ކައުންސިލުގެ މަޝްވަރާގެ މަތިން ކަމަށާ ސަރުކާރާ ވަކިވުމުގެ އެއްވެސް މަޝްވަރާއެއް ޖޭޕީގެ ކައުންސިލްގައި ކުރަމުން ނުދާ ކަމަށެވެ.

ހުސައިން ވިދާޅުވީ ޖޭޕީއާ ގުޅޭގޮތުން ޑރ ޖަމީލް ދެއްކެވި ވާހަކަތަކަކީ އެމަނިކުފާނުގެ އަމިއްލަފުޅު ޚިޔާލުތަކެއް ކަމަށް ގަބޫލުކުރެވޭ ކަމަށާ އެއީ ޖޭޕީގެ ނިންމުމެއް ނޫން ކަމަށެވެ. ޕާޓީގެ ފިކުރަށް ވާނީ ޕާޓީގެ އަސާސީ ގަވާއިދުގެ ދަށުން އެޕާޓީއެއް ޕްރޮމޯޓްކުރާ ފިކުރު ކަމަށާ ޖޭޕީގެ ސްޓޭންޑް ވަރަށް ސާފު ކަމަށްވެސް ވިދާޅުވި އެވެ.

ހުސައިން ވިދާޅުވީ ޖުމްހޫރީ ޕާޓީ މިހާރުވެސް މިއޮތީ ސަރުކާރުގެ ބައިވެރިއެއްގެ ގޮތުގައި ކަމާށާ ސަރުކާރަށް ދެވެން އޮތް އެއްބާރުލުމެއް ޖޭޕީން ދޭނެ ކަމަށެވެ. ޖުމްހޫރީ ޕާޓީން އަބަދުވެސް މަސައްކަތްކުރަނީ ގައުމުގެ ހަމަޖެހުމަށް ކަމަށާ ޖުމްހޫރީ ޕާޓީ ކުރިންވެސް އޮތީ އަދި މިހާރުވެސް މިއޮތީ އިސްލާހީ ފިކުރާ އެކު ކަމަށްވެސް ހުސައިން ވަނީ ވިދާޅުވެފަ އެވެ.

ވީޓީވީގެ ފަސްމަންޒަރު ޕްރޮގްރާމުގައި ޑރ ޖަމީލް ވިދާޅުވީ އެމަނިކުފާނަކީ އެއްގޮތަކަށްވެސް އެމްޑީޕީގެ ފިކުރުގެ ބޭފުޅެއް ނޫން ކަމަށާ އެމަނިކުފާނު ނިސްބަތްވަނީ ޕީޕީއެމް ފިކުރަށް ކަމަށެވެ. އަދި ޖޭޕީ ވެސް އޮތީ އެފިކުރުގެ ތެރޭގައި ކަމަށްވެސް ވިދާޅުވި އެވެ. ސަރުކާރު ޖަވާބުދާރީ ކުރުވުމަށް އިދިކޮޅު ޕާޓީއެއް އޮންނަން ޖެހޭ ކަމަށާ އެފުރުސަތު އޮތީ ޕީޕީއެމަށް ކަމަށްވެސް ޑރ. ޖަމީލް ވަނީ ވިދާޅުވެފަ އެވެ.