ދިހަވަނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގެ ފުޓްބޯޅަ އިވެންޓުގައި ދިވެހިރާއްޖެ ކުޅުނު ފުރަތަމަ މެޗުން 4-0 އިން ރީޔޫނިއަން އަތުން ބަލިވެއްޖެ އެވެ.

މިއަދުގެ މެޗުން ރާއްޖެ ބަލިވިއިރު، ރީޔޫނިއަން އަތުން މިހާތަނަށް ރާއްޖެއަށް މޮޅެއް ހޯދިފައެއް ނުވެއެވެ. ކޮންފެޑެރޭޝަން އޮފް އެފްރިކަން ފުޓްބޯލް ގައި ރީޔޫނިއަން ހިމެނުނު ނަމަވެސް، އެގައުމަކީ ފިފާގެ އެސޯސިއޭޓް މެމްބަރު ގައުމެކެވެ. އެހެންކަމުން އެ ގައުމަށް ފީފާ ވޯލްޑް ކަޕްގެ ކޮލިފައިންގެ އިތުރުން އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ކޮލިފައިންގައިވެސް ނުކުޅެވެއެވެ.

އޮގެސްޓޭ ވޮލެއަރ ސްޓޭޑިއަމްގައި ކުޅުނު މެޗުގެ ކުރީކޮޅު ރާއްޖޭގެ ޓީމުން ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. މި މުބާރާތާ ރާއްޖެއިން ޒުވާން ޓީމަކާއެކު ކުރިމަތިލިއިރު، މެޗުގެ ކުރީކޮޅު ޓީމުން ވަނީ ގިނަ ޕާސްތަކެއް ޖަހައި، މެދުތެރޭގައި ރަނގަޅު ކުޅުމެއް ދައްކާފައެވެ.

އެކަމަކު ފުރަތަމަ ހާފުގައި ރީޔޫނިއަންއިން ވަނީ ލީޑު ނަގާފައެވެ. މެޗުގެ 31 ވަނަ މިނެޓުގައި އެޓީމުގެ އިމިރާ ކަރިމް ނަގައިދިން ހުރަސް ގޯލުގެ ތެރެއަށް ފޮނުވާލީ ވަރްދަޕިން އަންޖީ އެވެ. އަދި އޭގެ ދެ މިނެޓު ފަހުން ރީޔޫނިއަންއިން ވަނީ ލީޑު ފުޅާކޮށްފައެވެ. މި ގޯލް އަސޫމަނީ ނަގައިދިން ހުރަހަކުން ޖެހީ ކެޕްޓަން ފޮންޓެއިން އެވެ.

ދެވަނަ ހާފުގައި ނާއިޒް ހަސަން (ދާދު) ވަނީ ރަނގަޅު ހަމަލާއެއް އުފައްދާފައެވެ. އެކަމަކު އޭނާ ފޮނުވާލި ހިލޭޖެހުން ރީޔޫނިއަންގެ ގޯލްކީޕަރު ވަނީ ދިފާއުކޮށްފައެވެ. މެޗުގެ 63 ވަނަ މިނެޓުގައި ރީޔޫނިއަން އިން ވަނީ އެޓީމުގެ ތިންވަނަ ގޯލް ޖަހާފައެވެ. ރާއްޖޭގެ ގޯލްކީޕަރު މުހައްމަދު ފައިސަލް ހެދި ގޯހެއްގެ ފައިދާ ނަގާ މި ގޯލް ރީޔޫނިއަންއަށް ކާމިޔާބުކޮށްދިނީ ސާޕެޑޮން މަތިއު އެވެ. އަދި އޭގެ ފަސް މިނެޓު ފަހުން ރީޔޫނިއަންގެ ކެޕްޓަން ފޮންޓެއިން ވަނީ އެޓީމުގެ ހަތަރުވަނަ ގޯލް ޖަހާފައެވެ.

ފުރަތަމަ މެޗުން ރާއްޖެ ބަލިވިއިރު، އައިއޯއައިޖީގެ ފުޓްބޯޅަ އިވެންޓުގައި ރާއްޖެ ހިމެނޭ ގްރޫޕްގައި ދެން ހިމެނެނީ ރީޔޫނިއަންގެ އިތުރުން މަޔޯޓް އާއި ކޮމޮރޯސް އެވެ. ފުޓްބޯޅަ އިވެންޓުގައި ރާއްޖެ ދެން މެޗެއް ކުޅޭނީ އަންނަ ހޮނިހިރު ދުވަހު އެވެ. އެ ދުވަހު ރާއްޖެ ނުކުންނާނީ ކޮމޮރޯސްއާ ދެކޮޅަށެވެ.