ވާރެ ނުވެހި ގިނަދުވަސްވުމާއި، ހޫނުގަދަވުމުގެ ސަބަބުން އިސްރާއީލުގެ އެކި ސަރަހައްދުތަކުގައި ވަރުގަދައަށް އަލިފާން ރޯވެ އަނދަމުން އެބަދެއެވެ.

އަލިފާނުގެ ސަބަބުން އެތައް ގެއަކާއި، އެތައް ވެހިކަލެއް އަނދާފައި ވާއިރު، އަލިފާނުގެ ސަބަބުން ފިހިގެން އެތައްބަޔަކު ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން ގެންދާ ކަމަށްވެސް އިސްރާއީލުން ބުނެއެވެ.

އަލިފާނުގެ އަސަރުކޮށްގެން 124 މީހަކަށް އިއްޔެ އެކަނިވެސް ފަރުވާ ދީފައިވެއެވެ. ބައެއް މީހުންނަށް ފަރުވާ ދީފައިވަނީ ކުދި އަނިޔާ ވެގެންނާއި، ދުމުގެ އަސަރުކޮށްގެން ނޭވާލާން އުނދަގޫ ވެގެންނާއި، އަނބުރައިގަނެގެން ވެއްޓުމުގެ ސަބަބުންނެވެ.

އަލިފާންގަނޑުތައް ފެތުރިގެން އަންނާތީ އިސްރާއީލުގެ ދެކުނުގެ ސަރަހައްދުތަކުން އެތައްހާސް ގެއަކުން މީހުން ހުސްކޮށްފައިވާ ކަމަށާއި، އެތައް ހައިވޭއަކާއި، މަގެއްވެސް މިހާރު ބަންދުކޮށްފައިވާ ކަމަށްވެއެވެ.

އިސްރާއީލުން ހިފާފައިވާ ގުދުސްގައި އަލިފާން ރޯވެފައިވަނީ އިސްރާއީލުން ހަދައިގެންއުޅޭ މަލްހާ ޓެކްނޯލޮޖީ ޕާކްގެ ބޭރުގައެވެ. އެ ޕާކްގައި ވެހިކަލްތައް ޕާކްކުރާ ސަރަހައްދުގައި ރޯވި އަލިފާނުގެ ސަބަބުން އެ ސަރަހައްދުން ދިހަ ވަރަކަށް ކާރު އަނދާފައިވެއެވެ.

އިސްރާއީލުގެ އުތުރުގައި އަރަބީން ދިރިއުޅޭ އަރާރާ ނަމަކަށްކިޔާ އަވަށަކުންވެސް އެތައް ސަތޭކަ އާއިލާއެއް ވަނީ ރައްކާތެރި ހިސާބުތަކަށް ގެންގޮސްފައެވެ. އިސްރާއީލުގެ އުތުރުގެ އަވަށެއް ކަމަށްވާ ކަޓްޒީރުން 119 އާއިލާ ވަނީ ރައްކާތެރި ހިސާބުތަކަށް ގެންގޮސްފައެވެ.

އެންމެބޮޑު އަލިފާންގަނޑެއް ރޯވެފައިވަނީ، އިސްރާއީލުގެ މެދުތެރޭ ރަށެއް ކަމަށްވާ އޫރް ޔަހޫދާގައެވެ. އެ ރަށުން އެތައް ގެއެއް އަނދައި އަޅިޔަށް ވެފައިވާ ކަމަށް، ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން ބުނެއެވެ.

އިސްރާއީލުން ގަދަބާރުން ހިފާފައިވާ ހުޅަނގު އައްސޭރީގައި ހަދާފައިވާ ޔަހޫދީ އަބާދީއެއް ކަމަށްވާ ޝަވެއި ޝޮމްރޮންގައި އަލިފާން ރޯވެ އެތައް ގެއަކާއި، އެތައް އިމާރާތަކާއި، ކޮމާޝަލް އިމާރާތެއްވެސް އަނދާފައިވާ ކަމަށް އިސްރާއީލުގެ މީޑިއާއިން ބުނެފައިވެއެވެ. އެ އަބާދީގައި އަލިފާން ރޯވެ އަނދަން ފެށުމާއެކު އެންމެން ވަނީ ސަލާމަތް ހޯދައިގެން އަވަށުން ނުކުމެގެން ގޮސްފައެވެ.

އިސްރާއީލުގެ އެކި ހިސާބުތަކުގައި މީގެކުރިންވެސް ވަރުގަދައަށް އަލިފާން ރޯވެ، އެތައް އޭކަރެއްގެ ދަނޑުބިންތައް އަނދައި، ބޮޑެތި އެތައް ގެއްލުންތަކެއް ލިބިފައި ވެއެވެ.

މި އަހަރުގެ ކުރީކޮޅު ހިނގި އަލިފާނުގެ ހާދިސާތަކާ ގުޅިގެން، އިސްރާއީލު އަނދައި ހުލިވެދާނެ ކަމަށް ބުނެ އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ ދުނިޔޭގެ އެހީއަށްވެސް އެދުނެވެ.

އަލިފާނުގެ ހާދިސާތައް ހިނގާ ކޮންމެ ފަހަރަކު ފެން އުފުލާ ބޮޑެތި މަތިންދާ ބޯޓްތަކާއި މީހުން ފޮނުވައިގެން އަލިފާން ނިއްވައި އިސްރާއީލު ސަލާމަތް ކޮށްދެނީ އެމެެރިކާއާއި، ޔޫރަޕްގެ ގައުމުތަކުންނެވެ.