ރަޝިޔާގެ ކުޑަ ކުންފުންޏަކުން އުފެއްދި ފޭސް އެޕްގެ ބޭނުންކޮށްގެން މީހުން އެމީހުންގެ މުސްކުޅި ފޮޓޯތައް ފޭސްބުކް ޕްރޮފައިލަށްލުން އާއްމުވެ މައްސަލަ ގޯސްވެއްޖެއެވެ.

ރާއްޖޭގައިވެސް ފޭސްބުކް ބޭނުންކުރާ ފަރާތްތަކުގެ މެދުގައި މިއެޕް ވައިގައި ހިފައި، މުސްކުޅިވުމުން ތިމާ ހުންނާނެ ގޮތާއި އެހެން މީހުން ހުންނަގޮތް ފެންނަ ފޮޓޯތައް ދަނީ އަޕްލޯޑު ކުރަމުންނެވެ. މި ފޯރީގައި ޖެހިފައިވާ ދިވެހިންގެ ތެރޭގައި އެކި ދާއިރާތަކުން މަޝްހޫރު މޫނުތަކާއި އާއްމުންވެސް ހިމެނެއެވެ.

ފޭސް އެޕަކީ، މީހާގެ އުމުުރުގެ އެކި ހިސާބުތަކުގައި ހުންނާނެ ސިފަ ދައްކުވައިދޭ ފޮޓޯތައް އުފެއްދޭގޮތަށް ފަރުމާކޮށްފައިވާ އެޕްލިކޭޝަނެކެވެ. މިއެޕްލިކޭޝަން ބޭނުންކޮށްގެން ފޮޓޯތައް އަޕްލޯޑް ކުރަމުން ދިޔުމާއި، ފޭސްއެޕްގެ އިޤުރާރާމެދު އެމެރިކާ އާއި އިނގިރޭސި ވިލާތުގައިވެސް ވަނީ މައްސަލަ ބޮޑުވެފައެވެ.

އެމެރިކާގެ އެތައް މިލިޔަން ބަޔަކު ރަޝިއާގެ މިއެޕް ބޭނުން ކުރަމުންދާއިރު، އެއީ ޤައުމީ ސަލާމަަތަށާއި، އަމިއްލަ ސަލާމަތައްވެސް ރައްކާތެރި ކަމެއް ނޫންކަމުގައި ބުނެ، އެމެރިކާގެ ސެނެޓަރަކު ވަނީ އެފްބީއައި އިން އެކަން ތަހުޤީޤު ކުރުމަށްވެސް ގޮވާލާފައެވެ.

އަދި ފޭސްއެޕް ބޭނުންކުރާ ފަރާތްތަކުން އެ އެޕްލިކޭޝަންގައި ބޭނުންކުރާ ފޮޓޯ، ނުހަމަގޮތުގައި ބޭނުންކުރުމަށާއި، މީހުންގެ ޒާތީ މައުލޫމާތު އެއްކޮށް ބޭނުން ކުރުމަށް މަގުފަހިވާކަމަށް ކުރެވޭ ތުހުމަތުތައް ރަޝިއާގެ ޕީޓަރސްބާގުގައި ޤާއިމްވެފައިވާ ފޭސްއެޕް އުފެއްދި ކުންފުނި ވަޔަލެސް ލެބްއިން ވަނީ ދޮގުކޮށްފައެވެ.

އެކުންފުނިން ބުނެފައި ވަނީ އެ އެޕްލިކޭޝަން ބޭނުންކުރާ ފަރާތްތަކުގެ ޒާތީ މައުލޫމާތާއި ފޮޓޯތައް ދާއިމީގޮތެއްގައި ރައްކާ ނުކުރާ ކަމަށެވެ. މިގޮތުން ފޭސްއެޕްގައި އެޑިޓް ކުރުމަށް އަޕްލޯޑުކުރާ ފޮޓޯ 48 ގަޑިއިރުގެ ތެރޭގައި އެއެޕާއި ގުޅިފައިވާ ސާވާތަކުން ޑިލީޓްވަމުން ދާނެ ކަމުގައިވެސް އެކުންފުނިން ވަނީ ބުނެފައެވެ.

މީގެ އިތުރުން ފޭސްއެޕް ބޭނުންކޮށްގެން ފޮޓޯ އެޑިޓްކުރުމަށް ސެލެކްޓްކުރާ ފޮޓޯ ނޫނަސްް، އެފޯނެއް ނުވަތަ ޕީސީއެއްގެ ގެލަރީ އާއި ކެެމެރާރޯލްގައި ހުންނަ ހުރިހާ ފޮޓޯއަކާއި ޑާޓާތައް ފޭސްއެޕްގެ ސާވާއަށް ކޮޕީކުރާ ކަމަށް ކުރާ ތުހުމަތުތައްވެސް އެކުންފުނިން ދޮގުކޮށްފައި ވެއެވެ.

ފޭސް އެޕްގެ "ޓާމްސް އެންޑް ކޮންޑިޝަން" ނުވަތަ އެޕްލިކޭޝަން ބޭނުން ކުރުމުގެ އިޤުރާރުގައި އެ އެޕްގައި ބޭނުންކުރާ ޑާޓާތަކާބެހޭ ގޮތުން ކޯޓަށް މައްސަލައެއް ނުވައްދާނެ ކަމުގައި އެއްބަސްވާންޖެހޭ ގޮތަށް އޮތް އޮތުމަކީވެސް ކަންބޮޑުވުމެއްކަން ފޭސްއެޕާއި ދެކޮޅު ފަރާތްތަކުން ފާހަގަކޮށްފައި ވެއެވެ.