"އަހަންނަށް ކިޔަނީ ނިޔާޒް، މަށަކީ ރަނޑެއް"

"ރަނޑު" ފިރިހެން ކުއްޖަކަށް އާއިލާއާއި މުޖްތަމައުން ދިމާވާ އެކިއެކި ކަންތައްތައް ދައްކުވައިދޭ ގޮތަށް ވާހަކަ ލިޔުންތެރިޔާ އަހުމަދު އިގްބާލް (އައިކިޔު) ލިޔެފައިވާ "އެހެނަސް ހަމަ ލޯބިވެޔޭ" މި ވާހަކައިގެ މައްޗަށް އުފައްދާފައިވާ ވެބް ސީރީޒްގެ ފުރަތަމަ ޓީޒާ ދައްކާލުމާއެކު މި ސީރީޒް ވެގެންދިޔައީ ގިނަ ބަޔަކު އިންތިޒާރު ކުރި އެއްޗަކަށެވެ.

އެކްޓަރު އަދި ޑައިރެކްޓަރު ރަވީ ފާރޫގު ޑައިރެކްޓްކޮށްފައިވާ މި ވެބް ސީރީޒް ޕްރިމިއާ ކޮށްފައި ވަނީ މިމަހުގެ 16 ވަނަ ދުވަހުގައެވެ. ޕްރިމިއާ ކުރިތާ 24 ގަޑިއިރު ތެރޭ 10،000 މީހުން ސްޓްރީމްކޮށް މި ސީރީޒްއަށް ވަނީ ބޮޑު ތަރުހީބެއް ލިބިފައެވެ.

ބައިސްކޯފުން ދައްކާ މި ސީރީސް މިހިނގާ ޖުލައި މަހުގެ ޕްރައިމިއާކޮށްފައިވާއިރު ފަސް އެޕިސޯޑް ވަނީ އޮލިމްޕަހުގައި ހޮވާލެވުނު އޯޑިއެންސްއަކަށް ދައްކާފަ އެެވެ. އަދި މިހާރު ކޮންމެ އަންގާރަ ދުވަހެއްގެ ރޭ 9:00ގައި ބައިސްކޯފް މެދުވެރިކޮށް މި ސީރީޒްގެ އައު އެޕިސޯޑެއް ބެލުންތެރިންނަށް ފެންނާނެއެވެ.

މި ސީރީޒްގައި "ރަނޑު" ފިރިހެން ކުއްޖަކަށް އާއިލާއާއި މުޖްތަމައުން ދިމާވާ އެކިއެކި ކަންތައްތައް ދައްކާއިރު ކުޑައިރުއްސުރެ ޖިންސީ ގޯނާ އާއި ގެވެށި އަނިޔާގެ ޝިކާރައަކަށްވެ، ޒަވާޖީ ހަޔާތެއް ފެށުމަށްވެސް މުޖްތަމައުގެ ތެރެއިން ދިމާވާ އިޖުތިމާއީ މައްސަލަތަކުގެ ސަބަބުން ފިރިހެނަކަށް ކުރިމަތިވާ ހާދިސާތަކެއް ވެބްސީރީޒްގައި ކިޔާދެއެެވެ.

މިހާރު ޕްރިމިއާކޮށްފައިވާ ފަސް އެޕިސޯޑުގައި ސީރީޒްގެ ލީޑް އެކްޓަރ މުހައްމަދު ވިޝާލްގެ އެކްޓިން ވަރަށް ފުރިހަަަމައަށް ފެނިގެންދެއެވެެ. ވިޝާލްގެ އިތުރުން ފާތުމަތު ޝަރާ އާދަމްގެ އެކްޓިންވެސް ވަރަށް ފާހަގަކޮށްލެވެއެވެ. އަދި މުހިންމު ރޯލަކުން އެކްޓްރެސް ޝީލާ ނަޖީބު އާއި މުހައްމަދު މަނިކުވެސް ފެނިގެންދާނެއެވެ. މީގެ އިތުރުން އައިމިނަތު ޝަމާނާ، އައިމިނަތު ސިލްނާ، މަރިޔަމް ވަހީދާ، އަހުމަދު މަސީޙު، އަހުމަދު ޝާރިފް، މުޙައްމަދު ޔާމިން އަލީ އަދި އަލީ އުސާމް، މުޙައްމަދު ޔުނާން، އަލީ ނަދީޙް ވެސް މިވެބްސީރީޒް އިން ފެނިގެންދެއެެވެ.

އީ ފިލްމީ ދާއިރާއަށް މުޅިން އަލަށް ނިކުންނަ ގިނަ ތަރިންތަކެއް ހިމަނައިގެން ރަވީ އުފައްދާފައިވާ ވެބްސީރީޒެއް ނަމަވެސް، މިހާތަނަށް ފެނުނު 5 އެޕިސޯޑުން މިއީ އައު ތަރިންތަކެއްކަމުގެ އިހުސާސެއް ނުކުރެވެއެވެ. އޮލިންޕަހުން "އެހެނަސް" ބެލި ގިނަ ބަޔަކުވެސް ވަނީ އެކަން ފާހަގަކޮށްފައެވެ. ޚާއްސަކޮށް ވިޝާލްގެ ފަރާތުން ހަގީގަތާއި ވަރަށް ގާތްކުރާގޮތަށް ގިނަ މަންޒަރުތަކުގައި އެކްޓިން ފެނިފައިވެއެވެ.

އިގްބާލްގެ އައިކިއު ޕްރޮޑަކްޝަނާއި އާރްޓޫއެންޑްޒީ ޕްރޮޑަކްޝަން އަދި އާރް ސްކްއާޑް ސްޓޫޑިއޯ ގުޅިގެން "އެހެނަސް" ބެލުންތެރިންނަށް ގެނެސްދޭން ނިންމާފައިވަނީ ދެ ސީޒަނެއްގެ ގޮތުގައެވެ. އެގޮތުން ކޮންމެ ސީޒަނެއްގައި 10 އެޕިސޯޑް ހިމެނޭނެއެވެ. މި ސީޜީޒްގެ ދެވަނަ ސީޒަން މިއަހަރު ފަހު ކޮޅު ފެނިގެން ދާނެ ކަމަށްވެސް އެޓީމުން ބުނެއެވެ.