ފިލްމީ ތަރި އަބުދުﷲ މުއާޒް ފުރަތަމަ ފަހަރަށް ޑައިރެކްޓް ކުރާ ފީޗާ ފިލްމް "ލީނާ" ޕްރިމިއާކުުރުމަށް ދެން އޮތީ މަދު ދުވަސްކޮޅެކެވެ. "ލީނާ" ކޮބައިތޯ ސުވާލުކުރި ފަރާތްތަކަށް އަންނަ އަންގާރަ ދުވަހުގެ ރޭ ޖަވާބު ލިބިގެންދާނެއެވެ.

އަންގާރަ ދުވަހުގެ ރޭ 9:00ގައި އޮލިންޕަހުގައި ބާއްވާ ޚާއްސަ ރަސްމިއްޔާތެއްގައި "ލީނާ" ޕްރިމިއާކުުރުމަށް ދަނީ ތައްޔާރުވަމުންނެވެ.

"ލީނާ" ޕްރިމިއާކުުރުމަށް ވަގުތު ކުޑަ ތަންވަމުންދާއިރު، ފިލްމާއިމެދު ކަންބޮޑުވުން ފާޅުކުރާ ބަޔަކުވެސް އެބަތިއްބެވެ. އަދި މުއާގެ އަލަތު ޑައިރެކްޝަން "ބޮއިކޮޓް"ކުރުމަށްވެސް އެބަޔަކު ދަނީ ގޮވާލަމުންނެވެ.

އެފަރާތްތަކުގެ ކަންބޮޑުވުންތަކާއި ގުޅޭގޮތުން ވީޓީވީގެ "މެހެމާންސަރާ"ގައި ވާހަކަދައްކަވަމުން އަބްދުﷲ މުއާޒު ބުނީ "ލީނާ"ގައި އެއްވެސް ބަޔަކު ކަންބޮޑުވާންޖެހޭ ކަމެއް ހިމެނިފައިނުވާނެކަމަށެވެ. އަދި މިއީ އެއްވެސް މީހެއްގެ ހިތަށް ދަތިކުރާނެ މަންޒަރެއް ހިމެނިފައިވާނެ ފިލްމެއް ނޫންކަމަށްވެސް މުއާޒު ވަނީ ބުނެފައެވެ.

މުއާޒު ބުނީ "ލީނާ"އިން ލިއްބައިދޭނީ އުފާކަމަށާ "ލީނާ"އަކީ އިބްރަތްތެރި މެސެޖްތަކެއް ދޭނެ ފިލްމެއްކަމަށެވެ. އެހެންކަމުން މި ފިލްމު "ބޮއިކޮޓް"ކުރުމަށް ގޮވާލަންޖެހޭ ސަބަބެއް ނެތްކަމަށް މުއާ ވަނީ ބުނެފައެވެ.

"ހުރިހާ ބޭފުޅުންވެސް ފިލްމު ބަލާށޭ. އެއަށްފަހު ޖަޖުކުރާށޭ." ވަރަށް އިތުބާރާއެކު މުއާ ބުނަނީ މިހެންނެވެ.

މުއާ ބުނީ ފިލްމު ބޮއިކޮޓްކުރުމަށް ގޮވާލަނީ މީގެ ކުރިން އާންމުކޮށް ދިވެހި ފިލްމުވެސް ބަލާ އުޅޭ ބައެއްހެން ހީނުވާކަމަށާ އޭނާގެ މެސެޖަކީ "ލީނާ"އިން ދިވެހި ފިލްމު ބަލަން ފެށުންކަމަށެވެ. އަދި ލީނާގެ ޓިކެޓެއް ގަނެގެން ފިލްމު ބަލާލަން އޮލިންޕަހަށް އެފަދަ ފަރާތްތައް ދިއުމަކީ ވަރަށް ބޮޑު އެދުމެއްކަމަށް މުއާ ވަނީ ބުނެފައެވެ.

"އެންމެ ފުރަތަމަ ބަލަންވީވެސް އެ ފަރާތްތައް. (ބޮއިކޮޓްކުރަން ގޮވާލާ މީހުން). އެ ފަރާތްތަކަކީ އެހާބޮޑަށް ދިވެހި ފިލްމު، މިއިން ދުވަހަކު ބަލާފަވެސް ތިބި ބައެއް ނޫންހެން އަޅުގަނޑަށް ހީވަނީ. އެ ފަރާތްތަކަށް އަޅުގަނޑުގެ މެސެޖަކީ ތި ބޭފުޅުން މި ފިލްމު ބަލާށޭ. ޚާއްސަކޮށް "ލީނާ" ބަލާށޭ. ދިވެހި ސިނަމާއަށް ވަންނަން ފަށާށޭ. އަދި ދިވެހި ފިލްމު އިޝްތިހާރުކުރުމުގައި އެހީތެރިވެދެއްވާށޭ." މުއާ ބުންޏެވެ.