މިއަހަރު ވެސް ރާއްޖެއިން ހައްޖަށް ދާ މީހުން ފުރުމާއި އެނބުރި އައުމުގައި އެއާޕޯޓަށް ކުރާ ހުރިހާ ދަތުރުތަކުގެ އިންތިޒާމްތައް ސަރުކާރުން ހަމަޖައްސައިދޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

ރާއްޖެއިން ހައްޖަށް ދާ ހައްޖުވެރިންގެ ފުރުމުގެ އިންތިޒާމުތަކުގެ އެންމެފަހުގެ މައުލޫމާތު މީޑިއާތަކާ ހިއްސާކުރުމަށް އިސްލާމިކް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝާފިއު އަލީ ވިދާޅުވީ މިއަހަރު ހައްޖަށްދާ މީހުން ހައްޖަށް ދިއުމަށްޓަކައި އެއާޕޯޓަށް ދިއުމުގެ ހުރިހާ އިންތިޒާމްތަކެއް ސަރުކާރުން ހަމަޖައްސައިދޭނެ ކަމަށެވެ. އެގޮތުން ހައްޖާޖީންނާއިއެކު އެއާޕޯޓަށް ދާ އާއިލާގެ މީހުންނާއި ރައްޓެހިންނަށް ވެސް ހިލޭ އެއާޕޯޓަށް ދިއުމުގެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ. އަދި އެހެން އަހަރުތަކާއި ހިލާފަށް މި އަހަރު ހައްޖާޖީންގެ މައުލޫމާތުތައް ހިއްސާކުރުމަށް އޮންލައިން ޕޯޓަލްއެއް ތައްޔާރުކޮށްފައިވާނެ ކަމަށް ވިދާޅުވިއެވެ.

ޝާފިއު ވިދާޅުވީ ދިމާވާ މައްސަލަތައް ހުންނާނެ ކަމަށާއި އެކަންކަން ހައްލު ކުރެވޭނީ ހައްޖަށް ގެންދާ ގުރޫޕްތަކުން ކަމާއި ބެހޭ އިދާރާތަކަށް އެއްބާރުލުން ދެއްވައިގެން ކަމަށެވެ.

"ހައްޖަށް ރައްޔިތުން ގެންދާ ގުރޫޕްތަކުން އެބޭފުޅުންނަށް އެ ލިބިލައްވާ އެންމެފަހުގެ މައުލޫމާތު އަޅުގަނޑުމެންނާ ހިއްސާ ކުރުމުގެ މުހިންމުކަން ފާހަގަކުރަން. އެހެން މި ދެންނެވީ ދަތުރުތައް އިންތިޒާމް ކުރުމަށް ފަސޭހަކުރުމަށް. އެގޮތުން މާލޭ ބަސްޓާމިނަލަށް ދާނީ ކިހާ ބޭފުޅުންނެއް ކަމާއި، ވިލިމާލެއިން ފުރާވަޑައިނަވާނީ ކިހާ ބޭފުޅުންނެއް ކަމާއި އަދި ހުޅުމާލޭ ފެރީ ޓާމިނަލުން ބަސް ނިޒާމްގެ ތެރެއިން އަޅުގަނޑުމެންނާއި އެއްކޮން ދަތުރުކުރައްވާނީ ކިހާ ފަރާތެއްކަން އެންމެ ލަސްވެގެން ފުރުމުގެ އެއް ދުވަސް ކުރިން އަޅުގަނޑުމެންނާއި ހިސާބަށް ގެނެސް ދެވިއްޖެ ކަމަށް ވާނަމަ، ކަންކަން އިންތިޒާމް ކުރުމުގައި ވަރަށް ބޮޑަށް ލުއިފަސޭހަވެގެން ދާނެ" ޝާފިއު ވިދާޅުވިއެވެ.

ޝާފިއު ވިދާޅުވީ ހުޅުމާލެއިން ހައްޖަށްދާ މީހުން ހުޅުމާލޭ ޓާމިނަލަށް ފްލައިޓް ފުރުމުގެ ހަތަރު ގަޑިއިރު ކުރިން ދާންޖެހޭނެ ކަމަށެވެ. އަދި ވިލިމާލެއިން ހައްޖަށްދާ މީހުން ފްލައިޓް ފުރުމުގެ ހަތަރު ގަޑިއިރާއި 15 މިނެޓް ކުރިން ޓާމިނަލަށް ދިޔުމުން އެހެން މީހުންނާ އެއްކޮށް ފެރީގައި ގެނެސްދެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް ހައްޖާޖީން އެއާޕޯޓަށް ގެންދާ ބަހުގައި ދަތުރުކުރެވޭނީ ކޮންމެ ހައްޖާޖީއެއްގެ ވެސް އާއިލާ މެންބަރުންގެ ތެރެއިން އެކަކަށް ކަމަށެވެ. އެހެން މެންބަރުންނާއި ފުރުވަން ދާން ބޭނުންވާ ފަރާތްތަކަށް ވަކިން ބަހެއް ހަމަޖެހޭނެ ކަމަށްވެސް ވިދާޅުވިއެވެ.

ިި

ިިކޮންމެ އަހަރެއްގައި ވެސް ހައްޖަށް މީހުން ފުރާ ދުވަސްވަރަކީ ޓްރެފިކް މައްސަލަތައް އިތުރުވާ ދުވަސްވަރެއްކަން ފާހަގަކުރައްވާ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހުސައިން ސަމީރު ވިދާޅުވީ މިއަހަރު ދިމާވާނެ ޓްރެފިކް މައްސަލަތައް ބޮޑުނުވާނެ ގޮތަށް އިންތިޒާމްތައް ހަމަޖެއްސުމަށް ފުލުހުން ތިބީ ވަރަށް ބޮޑަށް ތައްޔާރުވެގެން ކަމަށެވެ. އެގޮތުން ހައްޖާޖީން ފުރުވުމަށް ބަސްޓާމިނަލަށް ދާ މީހުންގެ ވެހިކަލްތައް ޕާކުކުރުމުގެ އިންތިޒާމް ސްޓޭޑިއަމްގެ ވެލިދަނޑާއި ދިމާލުގައި ހަމަޖައްސައިދިނުމާއި ހައްޖާޖީން ދަތުރުކުރާ ބަސް އެއާޕޯޓް ވީއައިޕީއާއި ހަމައަށް ގެންދާނީ ފުލުންގެ ބެލުމުގެ ދަށުން ކަމަށެވެ.

ވިލިމާލެއިން ހައްޖާޖީންނާއި އެމީހުންގެ އާއިލާތައް މާލެ ގެނައުމަށް ވަކި ހާއްސަ ފެރީ ދަތުރުތަކެއް އެމްޓީސީސީން ވަނީ ހަމަޖައްސާފައެވެ. އަދި މާލެ ޓާމިނަލުން ބަހުގައި އެއާޕޯޓަށް ގެންދިއުމުގެ އިންތިޒާމް އެމްޕީއެލްއިން ވަނީ ހަމަޖައްސާފައެވެ. މީގެ އިތުރުން އެމްއޭސީއެލުން އެއާޕޯޓުން ހައްޖާޖީންނަށް ކެއުންބުއިމުގެ ޚިދުމަތް ދިނުމަށް ކައުންޓަރެއް ބެހެއްޓުމުގެ އިތުރުން ބޯޑިން ގޭޓް އޭރިޔާ ތެރެއިން ހައްޖާޖީނަށް ފެން ފޯރުކޮށްދެވޭނެ ކަމަށް ވެސް އެމްއޭސީއެލުން ބުނެއެެވެ.

ރާއްޖެއިން މިއަހަރު ހައްޖަށްދާ މީހުން ފުރުމަށް ހަމަޖެހިފައިވަނީ ޖުލައި 21 އިން އޯގަސްޓް 5 އަށެވެ. ގޮތުން ފުރަތަމަ ފުރުމަށް ހަމަޖެހިފައިވަނީ ޒައީ ގުރޫޕް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހައްޖަށް ގެންދާ 84 މީހުންނެވެ. އިސްލާމިކް މިނިސްޓްރީން ބުނީ މިއަހަރަކީ މިހާތަނަށް ރާއްޖެއިން އެންމެ ގިނަ މީހުން ހައްޖަށް ދާނެ އަހަރު ކަމަށެވެ. އެގޮތުން ގާތްގަނޑަކަށް ދެ ހާހެއްހާ މީހުން ހައްޖަށް ދާނެ ކަމަށެވެ.

ހައްޖު ކޯޕަރޭޝަން ހިމެނޭގަޮތަށް މިއަހަރު ހައްޖަށް މީހުން ގެންދިއުމަށް ހުއްދަ ދޫކޮށްފައިވަނީ 6 ގުރޫޕަކަށެވެ. ހައްޖު ކޯޕަރޭޝަންގެ އިތުރުން މިއަހަރު ހައްޖަށް މީހުން ގެންދިއުމަށް ހުއްދަ ދޫކޮށްފައިވާ ކުންފުނިތަކަަކީ ތަޒްކިއާ ޕްރައިވެޓް ލިމިޓެޑް، ޒައީމާ ހައްޖު އެންޑް އުމްރާ ގްރޫޕް، މިނާ ހައްޖު އެންޑް އުމްރާ ޕްރައިވެޓް ލިމިޓެޑްގެ އިތުރުން އެކްރޯ ޕްރައިވެޓް ލިމިޓެޑް އަދި އަލްހަރަމައިން ހައްޖު އެންޑް އުމްރާ ގްރޫޕެވެ.