އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާ ޖަމާވި ކުންފުނި އެސްއޯއެފްގެ އެކައުންޓްތައް ބޭންކް އޮފް މޯލްޑިވުސްއިން ދޫކޮށްލީ، އޭރު އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރުގެ މަޤާމުގައި ހުންނެވި ނީޒާ އިމާދުގެ އިރުޝާދަށް ކަމުގައި ބީއެމްއެލްއިން ބުނާ ބުނުމާއި ގުޅިގެން އެކަމަށް ޖަވާބުދާރީވެވަޑައިގަތުމުގެ ފުރުސަތަކަށް ނީޒާ އެދިވަޑައިގެންފިއެވެ.

ނީޒާ އެކަމަށް އެދިވަޑައިގެންފައިވަނީ މާލިއްޔަތު ކޮމެޓީގެ މުގައްރިރަށް އެޑްރެސްކުރައްވާ ފޮނުއްވާފައިވާ ސިޓީއެއްގައެވެ.

އެ ސިޓީގައި ނީޒާ ވަނީ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގައި، ބޭންކުގެ އިސްވެރިން ދައްކަވާފައިވަނީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށް ވިދާޅުވެފައެވެ. އަދި އޭނާއާއި ގުޅޭގޮތުން ބޭންކުގެ އިސްވެރިން ދައްކަވާފައިވާ ވާހަކަތަކަކީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށްވެސް ނީޒާ ވިދާޅުވިއެވެ.

ނީޒާ ވަނީ އެކަމުގެ ހަގީގަތް ސާފުކޮށްދެއްވުމަށް ބޭނުންވާ ކަމަށް ވިދާޅުވެ، އެ ފުރުސަތު ދެއްވުމަށް އެދިވަޑައިގެންފައެވެ.

އެމްއެމްޕީއާރްސީގެ ޚިޔާނާތުގައި ބޭންކު އޮފް މޯލްޑިވުސްގެ ދައުރެއް އޮތް ކަމަށް ކުރެވޭ ތުހުމަތުތަކާއި ގުޅިގެން ބޭންކް އޮފް މޯލްޑިވުސްގެ އިސްވެރިން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ހާޟިރުކޮށް ވަނީ ސުވާލުކޮށްފައެވެ.

މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވައި ބީއެމްއެލްގެ އިސްބޭފުޅުން ވިދާޅުވެފައި ވަނީ ބޭންކުން ކަންކަން ކޮށްފައި ވަނީ ޤާނޫނުތަކާއި ޤަވާއިދާއި އެއްގޮތްވާ ގޮތުގެ މަތިން ކަމަށާއި، އެކަމުގައި ބޭންކުގެ ދައުރެއް ނެތް ކަމަށެވެ.

އަދި އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާ ޖަމާވަމުން އައި ކުންފުނި އެސްއޯއެފްގެ ވިޔަފާރިއާ ނުބައްދަލު އަދަދަކަށް އެކުންފުނިން ޖަމާކުރަން ހުށައަޅަމުންދިޔަ ފައިސާއާއި ގުޅިގެން އެކުންފުންޏާއިވެސް ސުވާލު ކުރި ކަމަށާއި، އަދި ފައިނޭޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) އަށްވެސް އެމައްސަލަ ހުށައެޅުއްވި ކަމަށް ބޭންކުގެ އިސްބޭފުޅުން މާލިއްޔަތު ކޮމިޓީގައި ވަނީ ވިދާޅުވެފައެވެ.

އަދި އެމުއާމަލާތްތައް ނުހުއްޓުވީ އެފްއައިޔޫ އާއި އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރުގެ މަޤާމުގައި އޭރު ހުންނެވި ނީޒާ އިމާދުގެ ލަފާގެ މަތިން ކަމުގައިވެސް ވިދާޅުވެފައިވެއެވެ. އަދި އެކަމާއި ގުޅޭ ޔައުމިއްޔާ ރެކޯޑުތައް އެބަހުރި ކަމަށްވެސް ބޭންކުން ވަނީ ބުނެފައެވެ.

ބީއެމްއެލްއިން ކުރާ ތުހުމަތުތަކަށް ޖަވާބު ދެއްވަން،ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ)ގެ ކުރީގެ ވެރިޔާ އާތިފް ޝަކޫރު ވެސް ވަނީ މާލިއްޔަތު ކޮމިޓީގައި އެދިވަޑައިގެންފަައެވެ.