އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ނަސްލީގޮތުން ދިމާކުރައްވައި ބަހުގެ ހަމަލާތައް ދެއްވަމުން ގެންދެވި ނަމަވެސް، ނާއުންމީދުވެވަޑައި ނުގަންނަވާ ކަމަށާއި، ބިރުފުޅުވެސް ނުގަންނަ ކަމަށް، އެމެރިކާގެ ކޮންގްރެސްގައި މިނެސޯޓާ ތަމްސީލު ކުރައްވާ މުސްލިމް މެމްބަރު އިލްހާން އުމަރު ވިދާޅުވެއްޖެއެވެ.

އިލްހާން އުމަރު މިހެން ވިދާޅުވީ، ވޮޝިންޓަންގައި ހުންނަވާފައި، ކޮންގްރެސްގައި އޭނާ ތަމްސީލުކުރައްވާ މިނެސޯޓާއަށް އިއްޔެ ވަޑައިގަތުމުން މަރްހަބާ ދެންނެވުމަށް އެއްވެފައިތިބި އެތައްސަތޭކަ ސަޕޯޓަރުންނާ މުޚާތަބުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

"އަހަރެމެން ނާއުންމީދެއް ނުވޭ، އަދި ބިރެއްވެސް ނުގަނޭ" އިލްހާން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ސޯމާލިއާއިން ހިޖުރަކުރި ރެފިއުޖީއަކު ކޮންގްރެސްއަށް ދިއުމުން ބިރުވެރި ހުވަފެން ރައީސަށް ފެނިވަޑައިގަންނަވަނީ ކަމަށެވެ.

ކޮންގްރެސްގައި ތިއްބަވާ ދޮން ނަސްލު ނޫން އެހެން ނަސްލުތަކުގެ މެންބަރުން ސަރުކާރަށް ފާޑުނުކިޔައި އެމީހަކު އައިތާކަށް ދިއުމަށް ޓްރަމްޕް އެންމެ ފުރަތަމަ ގޮވާލެއްވީ މިދިޔަ ހަފްތާ ތެރޭގައެވެ.

ޓްރަމްޕް މި އިޝާރާތް ކުރެއްވި ބޭފުޅުންނަކީ ޑިމޮކްރަޓިކް ޕާޓީގެ ނިއުޔޯކް ތަމްސީލު ކުރައްވާ އެލެގްޒަންޑްރިއާ އޮކާޝިއޯ-ކޯޓެޒް އާއި މިނެސޯޓާ ތަމްސީލު ކުރައްވާ އިލްހާން އުމަރާއި، މިޗިގަން ތަމްސީލު ކުރައްވާ ރާޝިދާ ތާލިބު އަދި މަސަޗޫސެޓްސް ތަމްސީލުކުރައްވާ އަޔާނާ ޕްރިސްލީއަށެވެ.

މި ހަތަރު ބޭފުޅުންގެ ތެރެއިން ކޯޓޭޒާއި، އަޔާނާ ޕްރިސްލީ އަދި ރާޝިދާ ތާލިބަކީ އެމެރިކާއަށް އުފަން އެމެރިކާގެ ރައްޔިތުންނެވެ. އިލްހާން އުމަރަކީ ސޮމާލިޔާއަށް އުފަން، އެކަމަކު ވަރަށް ކުޑައިރު ރެފިއުޖީއެއްގެގޮތުގައި އެމެރިކާއަށް ހިޖުރަކޮށް އެމެރިކާގެ ރައްޔިތަކަށް ވެފައިވާ ބޭފުޅެކެވެ.

މި ބޭފުޅުންނާ ގުޅޭގޮތުން ޓްރަމްޕް މިދިޔަ ހަފްތާގައި ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ އެބޭފުޅުންނަށް އެމެރިކާގައި ދިރިއުޅެވޭތީ އަސްލާއި ނަސްލު އޮޅިގެން އުޅޭކަމަށެވެ.

ޓްރަމްޕް މި ހަފްތާގައި، ޚާއްސަ ގޮތެއްގައި ވަނީ އިލްހާން އުމަރަށް ވަރުގަދަ ބަހުގެ ހަމަލާތަކެއް ދެއްވާފައެވެ. އަދި ނަސްލީގޮތުން އެ އެ ބޭފުޅުންނާ ދިމާކުރެއްވި މައްސަލާގައި ހިތާމަ ނުކުރައްވާ ކަމަށާއި، އޭނާ ފާޅުކުރެއްވީ އެމެރިކާ ގިނަ ރައްޔިތުންވެސް ގަބޫލުކުރައްވާ ގޮތް ކަމަށް ޓްރަމްޕް ވިދާޅުވެފައި ވެއެވެ.

އިލްހާމް އިއްޔެ ވިދާޅުވީ، ޓްރަމްޕަށް ކުރިއަށް އޮތް ތާނގައިވެސް ޖެހިވަޑައިގަންނަވާނީ ބިރުވެރި ހުވަފެން ބައްލަވަން ކަމަށާއި، ސަބަބަކީ ޓްރަމްޕްގެ ސިޔާސަތުތަކަކީ ރައްޔިތުންނަށް ބިރުވެރި ހުވަފެންތަކަށް ވުން ކަމަށެވެ.