ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ހުޅުމާލޭގައި ހަދާފައިވާ އައު ލޯކަލް މާރުކޭޓް އަންނަ މަހު ހުޅުވުމަށް ތައްޔާރު ވެއްޖެއެވެ.

އެޗްޑީސީން ބުނީ "ރަށު މާރުކޭޓު" ނަމުގައި ހަދާފައިވާ މިމާރުކޭޓުގެ ގޮޅިތައް ލިބުނު ފަރާތްތަކަށް ގޮޅިތައް ހަވާލްކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަަމަށައި އެގޮތުން މާރުކޭޓު އަންނަ މަހުގެ ފުރަތަމަ ހަފްތާގައި ހުޅުވުމަށް ވާޖެހޭ ތައްޔާރީތައް މިހާރު ވަނީ ފަށާފައި ކަމަށެވެ.

އެޗްޑީސީން ބުނީ، އަލަށް ހުޅުވާ މިމާރުކޭޓުގެ ގޮޅިތަކުގެ ސޭޓުންގެ ގޮތުގައި ބިދޭސީން ތިބޭނަމަ އެގޮޅިތައް އަތުލާނެ ކަމަށާއި ގޮޅިތަކުގެ ސޭޓުންނަށް ތިބެން ޖެހޭނީ ދިވެހިން ކަމަށެވެ. އަދި މިގޮޅިތައް ހިންގުމުގެ ގަވާއިދެއްވެސް ހެދިފައިވާ ކަމަށާއި އެގަވާއިދު ގޮޅިތަކުގެ ވެރިންނާ ހަވާލް ކުރެވެމުން އަންނަ ކަަމަށް ވެސް އެޗްޑީސީން މައުލުމާތު ދެއެވެ.

ނިމިދިޔަ ރޯދަމަހުގެ ކުރިން ހުޅުވަން މަސައްކަތް ކުރި މިމާރުކޭޓު ނުހުޅުވުނީ ނިންމަން ޖެހޭ ބައެއްކަންކަން ނުނިމިހުރުމުން ކަަމަށް ފާހަގަކޮށް އެޗްޑިސީން ބުނީ، މިމާރުކޭޓުން ގޮޅިތައް ނަގާފައިވާ ފަރާތްތަކުން ކޮންމެ މަހަކުވެސް އެޗްޑިސީއަށް 3500 ރުފިޔާ ދައްކަން ޖެހޭ ކަަމަށެވެ. އަދި މިމާރުކޭޓުގެ ގޮޅިތައް ބަހާލާފައިވާ ދެ ބަޔަކީ ޑްރައި ސްޓޯލާއި ވެޓް ސްޓޯލެވެ. މިގޮޅިތަކުގައި 69 އަކަފޫޓް ހުރެ އެވެ.