އީރާނު ސިފައިންގެ ޑްރޯންއަކަށް ހަމަލާދީ ހަލާކުކޮށްލާފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވި ވިދާޅުވުން އީރާނުން ދޮގުކޮށްފިއެވެ.

އީރާނުގެ އަސްކަރިއްޔާއިން މިއަދު ބުނީ، ފާރިސީ ކަނޑުގެ ސަރަހައްދުގައި އުދުހެމުންދިޔަ އީރާނުގެ ހުރިހާ ޑްރޯންތަކެއް އެނބުރި ބޭސްތަކަށް އައިސްފައިވާ ކަމަށާއި، އީރާނުގެ ޑްރޯންތަކާއި އެމެރިކާ މަނަވަރުތަކާ އެއްވެސް ކުރިމަތުލުމެއް ހިނގާފައި ނުވާކަމަށެވެ.

"ގަލްފް ކަނޑާއި، ހޮރްމޫޒުގައި ޝެޑިއުލް މިޝަންތަކުގައި ހަރަކާތްތެރިވި ހުރިހާ ޑްރޯންއެއް އެނބުރި ބޭސްތަކަށް ވަނީ އައިސްފައި. އެ ޑްރޯންތަކުގެ ތެރޭގައި އެމެރިކާގެ ރައީސް އެ ވިދާޅުވާ ޑްރޯންވެސް ހިމެނޭ" އީރާނު އަސްކަރިއްޔާގެ ތަރުޖަމާނު ޖެނެރަލް އަބުލްފަޒަލް ޝެކާރީ ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވެއެވެ.

"ހްރުމޫޒު ކަނޑުއޮޅި ސަރަހައްދުގައިވެސް އަދި އެހެން ހިސާބެއްގައިވެސް އުދުހުނު އަހަރެމެންގެ އެއްވެސް ޑްރޯންއެއް މަދުވެފައެއް ނުވޭ" އީރާނުގެ ޚާރިޖީ ވަޒީރުގެ ނާއިބް އައްބާސް އަރަޣާޗީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވެއެވެ.

މިވަގުތު ނިއުޔޯކްގައި ހުންނެވި އީރާނުގެ ޚާރިޖީ ވަޒީރު މުހަންމަދު ޖަވާދު ޒާރިފްވެސް ވިދާޅުވީ، ޑްރޯންއެއް ގެއްލުނުކަން އެނގިވަޑައިގެންފައި ނުވާކަމަށެވެ.

ހޮރްމޫޒު ކަނޑުއޮޅި އޮންނަނީ ފާރިސީ ކަނޑުގެ ތުންފަތްމައްޗަށް ވާގޮތަށް،، އެ ކަނޑުއޮޅިއަކީ ދުނިޔޭގައި އެކްސްޕޯޓްކުރެވޭ ސާފުނުކުރާ ތެލުގެ ފަސްބައިކުޅަ އެއްބައި ދަތުރުކުރާ މަގުވެސްމެއެވެ.

އެ ސަރަހައްދުގައި އެމެރިކާއާއި އީރާނާ ދެމެދު ހިނގަމުންދާ ކޯޅުންތަކުގެ ސަބަބުން ހަނގުރާމައެއް ފަށާފާނޭކަމުގެ ބިރު ވަނީ އުފެދިފައެވެ.

އެމެރިކާގެ ރައީސް ޓްރަމްޕް ބުރާސްފަތި ދުވަހު ވިދާޅުވީ، އީރާނުގެ ޑްރޯންއަށް ހަމަލާދީ ހަލާކުކޮށްލީ، އެ ހިސާބުގައި ދަތުރުކުރި އެމެރިކާ ސިފައިންގެ މަނަވަރު ޔުއެސްއެސް ބޮކްސަރ ކަމަށާއި، އީރާނުގެ ޑްރޯންއަށް ހަމަލާދިނީ އަސްކަރީ މަނަވަރާއި އެއްހާސް ޔާޑު ގާތަށް އައުމުން އިންޒާރު ދޭން ފެށުމުންވެސް ދުރަށް ނުދިއުމުން ކަމަށެވެ.

މިމައްސަލާގައި ޓްރަމްޕްވަނީ އީރާނުން މަސްރަހް ގޯސްކުރަން މަސައްކަތް ކުރާ ކަމަށް ވިދާޅުވެ އީރާނު ކުށްވެރި ކުރައްވާފައެވެ. އަދި ވިދާޅުވީ، އެމެރިކާއިން ޑްރޯންއާ ދެކޮޅަށް ފިޔަވަޅު އެޅީ އަމިއްލަ ދިފާއުގައި ކަމަށެވެ.

ހުޅަނގުގެބޮޑެތި ބާރުތަކާއި، އީރާނާ ދެމެދު 2015 ވަނަ އަހަރު ހެދި ނިއުކްލިއަރ އެއްބަސްވުމުން 2018 ވަނަ އަހަރު އެމެރިކާ ވަކިވެ، އީރާނާ ދެކޮޅަށް ބޮޑެތި އެތައް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމާ ގުޅިގެން މަސްރަހް ވަރަށް ބޮޑަށް ނުތަނަވަސް ވެގެންގޮސްފައި ވެއެވެ.

އެމެރިކާއިން މިހާރުވަނީ، އީރާނާ ގާތުގައި، އެމެރިކާއިން ގަތަރުގައި ހަދާފައިވާ އަސްކަރީ ބޭހަށް އެންމެ ޒަމާނީ ހަތިޔާރާއި، ސިފައިންވެސް ފޮނުވާފައެވެ. އަދި އަސްކަރީ މަނަވަރުތަކާއި، އަސްކަރީ މަތިންދާ ބޯޓްތައްވެސް އެ ސަރަހައްދަށް ފޮނުވާފައިވެއެވެ.

އީރާނު ސިފައިންގެ ޑްރޯންއަށް ހަމަލާދީ ހަލާކުކޮށްލި ކަމަށް ބުނާ އެމެރިކާގެ މަނަވަރު ބޮކްސަރއަކީވެސް، ފާރިސީ ކަނޑުގައި ހަރަކާތްތެރިވާ އެމެރިކާގެ އެތައް އަސްކަރީ މަނަވަރުތަކުގެ ތެރެއިން އެއްމަނަވަރެވެ.

ޔޫއެސްއެސް ބޮކްސަރއިން އީރާނުގެ ޑްރޯން ހަލާކުކޮށްލީ ކޮން ގޮތަކަށްކަމެއް އެމެރިކާގެ ރައީސްވެސް، އަދި އެމެރިކާގެ ދިފާއީ ވުޒާރާއިން ހާމަކޮށްފައެއް ނުވެއެވެ.