މޮރިޝަސްގެ ޕޯޓް ލުއީގައި މިއަދު ފެށި ދިހަވަނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ފިރިހެން 4 ގުނަ 100 މީޓަރު ރިލޭ އިވެންޓުގެ ފައިނަލުން ދިވެހިރާއްޖެއަށް ފަސްވަނަ ލިބިއްޖެ އެވެ.

ސްވިމިންގެ ހަރަކާތްތައް މިއަދު ފެށިއިރު، 4 ގުނަ 100 މީޓަރު ރިލޭ އިވެންޓުގެ ފައިނަލްގައި ރާއްޖެއިން ވާދަކޮށް ޓީމުން ރޭސް ނިންމާފައިވަނީ 4 މިނެޓާ 25.43 ސިކުންތުންނެވެ. ރާއްޖެއަށް ފަސްވަނަ ލިބުނުއިރު، އެއްވަނަ ހޯދީ ވަރުގަދަ ރީޔޫނިއަންއެވެ. އެޓީމުން ރޭސް ނިންމާފައިވަނީ 3 މިނެޓާ 28.49 ސިކުންތުންނެވެ. މި އިވެންޓުގެ ފުލަށް ގޮސްފައިވަނީ ކޮމޮރޯސް އެވެ.

ރާއްޖޭގެ ސްވިމިން ޓީމުގެ ކޯޗު ފިރާސް ބުނީ ޕޫލް ފިނިވުމާއެކު، ފުރަތަމަ ދުވަހުގައި ކުޅުންތެރިންނަށް އެކަން ވަރަށް ބޮޑަށް ދެއްކި ކަމަށެވެ. އެކަމަކު ފެތުންތެރިންގެ މަސައްކަތް ވަރަށް ރަނގަޅު ކަމަށާއި، ކުރިއަށްހުރި އިވެންޓުތަކުގައި ގިނަ ކަންތައްތަކެއް ރަނގަޅުވާނެ ކަމަށް ބުންޏެވެ.

މިއަދު ކުރިއަށްދިޔަ ސްވިމިން އެހެން އިވެންޓުތަކަށް ބަލާލާއިރު، އަންހެން 50 މީޓަރު ފްރީ ސްޓައިލް އިވެންޓުގެ ހީޓް ދޭއްގައި ވާދަކުރި ރާއްޖޭގެ ހަމްނާ އަހުމަދަށް ލިބުނީ މި ހީޓުގެ ފަސްވަނައެވެ. އޭނާ ރޭސް ނިންމީ 33.02 ސިކުންތުންނެވެ. ހަމަ މި ހީޓުގައި ވާދަކުރި ރާއްޖޭގެ އައިޝަތު އުލްޔާ ޝާއިގު ދިޔައީ ފުލަށެވެ. އޭނާ ރޭސް ނިންމީ 33.93 ސިކުންތުންނެވެ. މި ހީޓުގެ އެއްވަނަ ހޯދާފައިވަނީ ސީޝެލްސްގެ ފެތުންތެެރިއެއް ކަމުގައިވާ ފެލިސިޓީ އެވެ.

ފިރިހެން 50 މީޓަރުފްރީ ސްޓައިލް އިވެންޓުގެ ހީޓް ދޭއްގައި ވާދަކުރި ރާއްޖޭގެ މުހައްމަދު އާން ހުސެއިން އަށް ލިބުނީ ފަސްވަނަ އެވެ. އޭނާ ރޭސް ނިންމީ 29.37 ސިކުންތުންނެވެ. މި ހީޓުގެ އެއްވަނަ ހޯދާފައިވަނީ މޮރިޝަސްގެ ފެތުންތެރިއެއް ކަމުގައިވާ ބްރެޑްލީ އެވެ.

އަންހެނުންގެ 50 މީޓަރު ބްރެސްޓް ސްޓްރޯކް އިވެންޓުގެ ހީޓް ދޭއްގައި ވާދަކުރި ރާއްްޖޭގެ ހަމްނާ އަހުމަދު ދިޔައީ ފުލަށެވެ. އޭނާއަށް ރޭސް ނިންމުނީ 43.97 ސިކުންތުންނެވެ. މި ހީޓުގެ އެއްވަނަ ހޯދާފައިވަނީ މޮރިޝަސްގެ ޓެސާ އިޕް ހެން ޗެއުންގް އެވެ.

މީގެ އިތުރުން ފިރިހެނުންގެ 50 މީޓަރު ބްރެސްޓް ސްޓްރޯކް އިވެންޓުގެ ހީޓް އެކެއްގައި ރާއްޖޭގެ މުހައްމަދު ޖޫދު ވަނީ ވާދަކޮށްފައެވެ. އޭނާއަށް ހީޓުގެ ފަސްވަނަ ލިބުނުއިރު، ރޭސް ނިންމާފައިވަނީ 40.87 ސިކުންތުންނެވެ. މި ހީޓުގެ އެއްވަނަ ހޯދީ މޮރިޝަސްގެ އޮލިވް ވޮންގް އެވެ. އަދި ހަމަ ފިރިހެނުންގެ 50 މީޓަރު ބްރެސްޓް ސްޓްރޯކް އިވެންޓުގެ ހީޓް ދޭއްގައި ރާއްޖޭގެ ހުސއިން ނާއި ހަސަން ވަނީ ވާދަކޮށްފައެވެ. އޭނާއަށް ހީޓުގެ ފަސްވަނަ ލިބުނުއިރު، ރޭސް ނިންމާފައިވަނީ 35.51 ސިކުންތުންނެވެ. މި ހީޓުގެ އެއްވަނަ ހޯދީ ސީޝެލްސްގެ ސެމުއެލް އެވެ.