ގަލްފް ކަނޑުން ދަތުރުކުރި އިނގިރޭސިވިލާތުގެ ތެޔޮ ޓޭންކަރެއް އީރާނުން އަތުލައިގަނެ، އީރާނު ކަނޑުގެ ސިފައިންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އީރާނުގެ ރިވޮލިއުޝަނަރީ ގާޑް ކޯޕްސް އިން ބުނީ، ހޮރްމޫޒު ކަނޑުއޮޅިން އިނގިރޭސި ދިދަޖެހި ތެޔޮ ޓޭންކަރު އަތުލައިގަތީ ބައިނަލްއަގްވާމީ ގާނޫނުތަކާ ޚިލާފްވުމުން ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ދީފައެއް ނުވެއެވެ.

އީރާނު ކަނޑުގެ ސިފައިން އަތުލައިގަތް އިނގިރޭސި ތެޔޮ ޓޭންކަރުގެ ނަމަކީ "ސްޓެނާ އިމްޕީރޯ" އެވެ.

އެ ޓޭންކަރުގެ ވެރިފަރާތް ކަމުގައިވާ ސްޓެނާ ބަލްކް އަދި ނޮތަން މެރިން މެނޭޖްމަންޓުން ބުނެފައިވަނީ ޓޭންކަރު މިހާރު ދަތުރު ކުރަމުންދަނީ ހޮރްމޫޒުގެ އުތުރުން އީރާނާ ދިމާއަށް ކަމަށެވެ. އަދި ތެޔޮ ޓޭންކަރާ މިހާރު އެއްވެސް މުއާމަލާތެއް ނުކުރެވޭ ކަމަށްވެސް ބުނެފައިވެއެވެ.

އީރާނު ސިފައިން ތެޔޮ ޓޭންކަރު އަތުލައިގަތް މައްސަލާގައި އިނގިރޭސި ސަރުކާރުން ބުނެފައިވަނީ، އެކަމާބެހޭ އިތުރު މައުލޫމާތު ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

"ގަލްފައި މި ހިނގައިދިޔަ ކަންތަކާ ގުޅިގެން މިވަގުތު އަޅުގަނޑުމެން މިދަނީ އިތުރު މައުލޫމާތު ހޯދުމަށް މަސައްކަތްކޮށް ހާލަތު ވަޒަންކުރަމުން" އިނގިރޭސި ދިފާއީ ވުޒާރާގެ ތަރުޖަމާނު ވިދާޅުވިއެވެ.

ހޮރްމުޒް ކަނޑުއޮޅިން ދަތުރުކުރި އިނގިރޭސިވިލާތަށް ނިސްބަތްވާ ތެޔޮ ޓޭންކަރެއް އީރާނުން މި ހެފެހެއްޓީ، އެ ކަނޑުއޮޅިން ދަތުރުކުރި އެހެން ތެޔޮ ޓޭންކަރެއް މިދިޔަ އާދީއްތަދުވަހު ހިފަހައްޓާފައިވާ ކަމަށް އީރާނުގެ ރިވޮލިއުޝަނަރީ ގާޑް ކޯޕްސް އިން ހާމަކޮށްފައި ވަނިކޮށެވެ.

އެ ޓޭންކަރު ހިފެހެއްޓީ ތެޔޮ ސްމަގްލް ކުރަން އުޅެނިކޮށް ކަމަށާއި، ޓޭންކަރު ހިފަހައްޓާފައިވަނީ އޭގައި ތިބި 12 ކްރޫ މެމްބަރުންނާ އެކުގައި ކަމަށްވެސް އީރާނު ކަނޑުގެ ސިފައިން ބުނެފައިވެއެވެ. ނަމަވެސް އެއީ ކޮން ގައުމެއްގެ ޓޭންކަރެއް ކަމެއް ހާމަކޮށްފައެއް ނުވެއެވެ.