އެމެރިކާގެ ގައުމީ ކަސްރަތު މުބާރާތުގައި ފަސްހާސް ކިލޯމީޓަރުގެ ދުވުމެއް ސާޅީސް ދެ މިނިޓުން ފުރިހަމަކޮށްގެން 96 އަހަރުވީ މުސްކުޅިޔަކު ދުނިޔޭގެ އާރިކޯޑެއް ގާއިމްކޮށްފިއެވެ.

ޔޫއެސްއޭ ޓްރެކް އެންޑް ފީލްޑް މާސްޓާރސް އައުޓް ޑޯރ ޗެމްޕިއަންޝިޕްގެ 5000 މީޓަރު ދުވުން އުމުރުން 96 އަހަރުގެ ރޯއި އިންގްލާރޓް ފުރިހަމަކުރީ 42 މިނިޓް 30.23 ސިކުންތުންނެވެ. މިއީ 95 އަހަރާއި 99 އަހަރާ ދެމެދުގެ އުމުރުފުރައިގެ އާ ރިކޯޑެކެވެ. އަދި މިއީ ކުރީގެ ރިކޯޑަށްވުރެ 8 މިނިޓު އަވަސް ރިކޯޑެކެވެ.

ރޯއި އިންގްލާރޓް އަކީ މިނޫން އެހެން ބައެއް ދުވުންތަކުގައިވެސް މިއުމުރުފުރައިން ހަތަރު ފަސް ރިކޯޑެއް މިހާރުވެސް ގާއިމުކޮށްފައިވާ ދުވުންތެރިއެކެވެ. އޭގެތެރޭގައި 800 މީޓަރާއި 1500 މީޓަރު ދުވުން ހިމެނެއެވެ.

ރޯއި އިންގްލާރޓްއަކީ އެމެރިކާގެ ވާޖީނިއާއަށް ނިސްބަތްވާ މީހެކެވެ. ކޮންމެ ހަފުތާއަކުވެސް މަދުވެގެން ތިންދުވަހު އޭނާ ދުވާ މެޝިނެއްގެ އެހީގައި ދުވެއުޅެއެވެ. އޭނާ ބުނެފައިވަނީ މުބާރާތުގައި ދުވުމަކީ އުނދަގޫކަމެއް ނަމަވެސް ދުވުން ނިމުނީމާ އެވާ އުފަލަކީ ވަރަށްވެސް ބޮޑު އުފަލެއްކަމުގައެވެ. ހަޔާތުގެ ކުރީކޮޅު މިކަހަލަ ކާމިޔާބީއެއްގެ ރަހަ ނުފެނިހުރެފައި މި އުމުރުގައި މިކަންކަން ހާސިލްވަމުން މިދަނީ ގަދައަޅައި ކުރާ ބުރަ މަސައްކަތުގެ ނަތީޖާއެެއްގެ ގޮތުން ކަމަށްވެސް ބުނެފައިވެއެވެ.

ރޯއި އިންގްލާޓަކީ ރިޓަޔަރކޮށްފައިވާ ގާނޫނީ ވަކީލެކެވެ. އާއިލާޔާއެކު ދިރިއުޅުމުގެ ބަދަލުގައި އޭނާ އުޅެމުންދަނީ އެހެނިހެންވެސް އެފަދަ މުސްކުޅިންނާއެކު ރިޓަޔަރމަންޓް ހޯމެއްގައެވެ.