އެފްރިކާގެ ގައުމުތަކުގެ ފުޓްބޯޅަ މުބާރާތުގެ ފައިނަލްގައި ރޭ ސެނެގޯލާ ވާދަކޮށް އެކެއް ސުމަކުން މޮޅުވެގެން އަލްޖީރިއާ ތަށި އުފުލާލައިފިއެވެ.

ގާހިރާގެ އިންޓަރނޭޝަނަލް ސްޓޭޑިއަމްގައި ކެމެރޫނުގެ ރެފްރީ އަލިއޫމް އަލިއޫމް އިންސާފުކުރި މިމެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލް އަލްޖީރިއާއަށް ކާމިޔާބުކޮށްދިނީ ފުރަތަމަ ހާފުގެ ދެވަނަ މިނިޓުގައި ބަގުދާދު އަބޫނިޖާހެވެ. އޭނާއަކީ ގަތަރުގެ އައްސާދު ކުލަބަށް ކުޅޭ ފޯވާޑެކެވެ. މިއީ ސެނެގޯލްގެ ޑިފެންޑަރެއްގެ ގައިގައި ޖެހިފައި ގޯލްތެރެއަށް ވަދެފައިވާ ބޯޅައެކެވެ. މިގޯލަށްފަހު އަލްޖީރިޔާ ކުޅުނީ މައިގަޑުގޮތެއްގައި ޑިފެންސިވް ކުޅުމެކެވެ.

އަލްޖީރިއާ ޑިފެންސް ކުރުމުގެ ތެރޭގައި ސެނެގޯލަށް ޕެނަލްޓީއެއްވެސް ލިބުނެވެ. އެކަމަކު ވީޑިއޯ ބަލައިގެން އެ ނިންމުން ރެފްރީ ވަނީ ފަހުން ބަދަލުކޮށްފައެވެ.

މިއީ އަލްޖީރިޔާ މި މުބާރާތުގެ ޗެމްޕިއަންކަން ހޯދި ދެވަނަ ފަހަރެވެ. ފައިނަލްގައި ސެނެގޯލާ ވާދަކުރުމުގެ ކުރިން ގްރޫޕް ފިޔަވަހީގައިވެސް މިދެޓީމު ބައްދަލުކޮށް ހަމަ މިނަތީޖާއިން މޮޅުވެފައިވަނީ އަލްޖީރިއާއެވެ. މީގެ ކުރިން އަލްޖީރިއާ ތަށި ހޯދާފައިވަނީ 1990 ވަނަ އަހަރުގައެވެ.

މުބާރާތް ނިމުނުއިރު ފަސް ގޯލް ޖަހައިގެން ރަން ބޫޓު ހޯދީ ނައިޖީރިއާގެ ފޯވާޑް އޮޑިއޯން އިގާލޯއެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެެރިޔަކަށް ހޮވިފައިވަނީ އަލްޖީރިއާގެ މިޑްފީލްޑަރ އިސްމާއީލް ބިންނާސިރެވެ. އޭނާއަކީ އިޓަލީގެ ލީގުގައި އެމްޕޯލީއަށް ކުޅޭ ކުޅުންތެރިއެކެވެ.

މި މުބާރާތް ދެން އޮންނާނީ އަދި ދެ އަހަރު ފަހުން ކެމެރޫނުގައެވެ. އެމުބާރާތުގައި މިފަހަރެކޭވެސް އެއްގޮތަށް ސައުވީސް ޓީމު ވާދަކުރާނެއެވެ. އެފްރިކާގެ ގައުމުތަކުގެ ފުޓްބޯޅަ މުބާރާތުގެ ފޯރި އިތުރަށް ވަރުގަދަވާ ސަބަބަކީ ގިނަފަހަރު ކަޅާއި ދޮނުގެ ކުރިމަތިލުމަކަށްވެސް ވެގެންދާތީއެވެ. އެފްރިކާގެ އުތުރުބިތުގެ އަރަބި ގައުމުތަކަކީ ދޮން އެފްރިކާއެވެ. އެއަށްވުރެ ދެކުނަށް ކަޅު އެފްރިކާއެވެ.

އެފްރިކާގެ އަރަބި ދޮން ގައުމުތަކުން މިހާތަނަށް އެގާރަ ފަހަރު މުބާރާތް ކާމިޔާބުކޮށްފައިވާއިރު މިސްރު ވަނީ އޭގެތެރެއިން 7 ފަހަރު ތަށި ހޯދާފައެވެ. ކަޅު އެފްރިކާގެ ގައުމުތައް ބާވީސް ފަހަރު ތަށި ހޯދާފައިވާއިރު އޭގެ ތެރެއިން އެންމެ ކާމިޔާބު ގައުމަކީ ފަސް ފަހަރު ތަށި ހޯދާފައިވާ ކެމެރޫނެވެ.