ފަލަސްތީނަށް އިސްލާމްދީން ފެތުރުނު ދުވަސްވަރު އެންމެ ފުރަތަމަ ބިނާކުރެވުނު މިސްކިތްތަކުގެ ތެރެއިން މިސްކިތެއް އިޒްރޭލުގެ ނެގެވް ސަހަރާގެ ތެރެއިން ފެނިިއްޖެއެވެ.

ނެގެވް ސަހަރާއަކީ އިޒްރޭލުގެ ދެކުނުން މިސްރުގެ ސައިނާއާ ދޭތެރޭގައިވާ ވަރަށް ބިޔަ ހަނަފަސް ސަހަރާއެކެވެ. ބާރަސަތޭކަ އަހަރަށްވުރެ ގިނަ ދުވަސްވީ މި މިސްކިތުގެ އަސަރު ފެނުނީ ބަދަވީންގެ އަވަށެއް ކަމަށްވާ ރާހަތުގެ ކައިރިންނެވެ. އިޒްރޭލުގެ އާސާރީ ތަކެއްޗާބެހޭ މުވައްސަސާއިން ބުނެފައިވަނީ މިސްކިތުގެ ބިންގާ ފެނުނީ އިމާރާތެއް ހެދުމަށްޓަކައި ކޮންނަމުންދަނިކޮށް ކަމުގައެވެ.

މިތަނަކީ މިސްކިތެއްކަން ޔަގީންވީ މިހުރާބުގެއެއްވެސް ހުރުމާއެކު މައްކާއާ ދިމާވާގޮތަށް މިހުރާބުގެ ހުރުމުގެ ސަބަބުންނެވެ.

އިޒްރޭލުގެ ތާރީޚާބެހޭ އިސް ފަރާތްތަކުން ބުނަނީ ރޫމީންގެ މައްޗަށް އަރަބީން ގަދަވެ ފަލަސްތީނު ހިފުމަށްފަހު ބިނާކުރި އެންމެ ފުރަތަމަ މިސްކިތްތަކުގެ ތެރޭގައި މި މިސްކިތް ހިމެނޭނެ ކަމުގައެވެ.

ފަލަސްތީނުގައި ގާއިމުކުރެވުނު އެންމެ ފުރަތަމަ މިސްކިތަކީ ގުދުސްގައި ހުންނަ އަގްސާ މިސްކިތެވެ. ކީރިތި ރަސޫލާގެ އިސްރާއާއި މިއުރާޖުގެ ރޭ ހިންގެވުނީވެސް މައްކާގެ މަސްޖިދުލްހަރާމުން ގުދުސްގެ ހަރަމް އައްޝަރީފަށެވެ. އަދި މުސްލިމުންގެ އެންމެ ފުރަތަމަ ގިބުލަޔަކީވެސް އެއީއެވެ.

ކީރިތި ރަސޫލާ ސުވަރުގެ ވަޑައިގެންނެވިފަހުން ރޫމީންގެ އަތްދަށުން ގުދުސް ފަތަހަ ކުރައްވައި އެތަނަށް ވަޑައިގެން ނަމާދުކުރައްވައި މިސްކިތެއްގެ އަސްލު ސިފަ ގެންނެވީ އިސްލާމުންގެ ދެވަނަ ޚަލީފާ އުމަރުގެފާނެވެ.

އޭގެފަހުން މިސްކިތް ބޮޑުކުރައްވައި ޒީނަތްތެރި ކުރެއްވީ އުމަވީ ޚަލީފާއިންގެ ދުވަސްވަރު ޚަލީފާ އަބްދުލް މަލިކް ބިން މަރްވާނެވެ. އެއީ އުމަވީ ފަސްވަނަ ޚަލީފާއެވެ. .އެފަހަރު އަގްސާ މިސްކިތް ބޮޑުކުރެއްވި ކުރެއްވުމަށްވުރެ ނެގެވް ސަހަރާގެ ތެރެއިން މިފަހަރު ފެނުނު މިސްކިތް ދޮށްޓެވެ.