އިންޑިޔާގެ އުއްތަރު ޕްރަދޭޝްގެ އަންހެނަކު ތިން ބޯ ހުރި އަންހެންކުއްޖަކު ވިހައިފިއެވެ.

ޑޮކްޓަރުންނަށް ވެސް ހައިރާންކަން ގެނެސްދިން މި ކުއްޖަކު އުފަންވީ އުއްތަރު ޕްރަދޭޝްގެ އެޓާ ޑިސްޓްރިކްޓްގެ ސިއްހީ މަރުކަޒެއްގައި މިޖުލައި މަހުގެ އެގާރަވަނަ ދުވަހުއެވެ. ކުއްޖާގެ މަންމަ އެތަނުގައި އެޑްމިޓްކުރީ ދުވަސްފުރެން ގާތްވަމުން އައިއިރު ބަނޑުގައި ރިއްސުން ބޮޑުކަމުންނެވެ. އޭނާ ވިހޭ ކުއްޖާގެ ސިފަ ފެނުމުން އާއިލާގެ މީހުންގެ އިތުރަށް ޑޮކްޓަރުންނަށްވެސް ލިބުނީ ސިހުމެކެވެ. މޫނު ހުރި ބޮލުގެ ފަހަތުގައި އިތުރު ދެ ބޯ ހުއްޓެވެ.

އާދައިގެ ސިއްހީ މަރުކަޒަކުން މަންމަޔާއި ދަރިފުޅަށް ދެވޭނެ މާބޮޑު ފަރުވާއެއް ނެތުމުން އިމަޖެންސީގައި އެދެމައިން ވަނީ އެޓާގެ ޑިސްޓްރިކްޓް ހަސްފަތާލަށް ބަދަލުކޮށްފައެވެ. އެތަނުގެ ޑޮކްޓަރުން މިހާރު ދަނީ އެކިކަހަލަ ސްކޭންތައް ހަދައި ކުއްޖާގެ ތިންބޮލުގެ ތެރެއިން ދެބޯ ވަކިކުރުމުގެ އޮޕަރޭޝަން ކުރާނެ ގޮތެއް ދިރާސާ ކުރަމުންނެވެ.

ޑިސްޓްރިކްޓް ހަސްފަތާލުގެ ފަރާތުން ޑރ ރާޖޭޝް ތާކުރު ވިދާޅުވީ އެއްބޮލަށް ވުރެ ގިނަ ބޯ ހުރުމަކީ ވަރަށް މަދުން ނޫނީ ދިމާނުވާ ހާލަތެއް ކަމަށާއި ކުއްޖާގެ ހަށިގަޑުވެސް މުޅިޔަކުން ފުރިހަމަ ނޫން ކަމަށެވެ. އޮޕަރޭޝަން ކުރެވޭނެކަން ނުވަތަ ނޫންކަން އެނގޭނީ ޓެސްޓުތައް ނިމުމުން ކަމަށްވެސް ވިދާޅުވިއެވެ.

އެއްބޮލަށްވުރެ ގިނަ ބޯ ހުންނަ ކުދިން އުފަންވުމަކީ އެފްރިކާ އާއި އޭޝިޔާގައި ދޭތެރެޔަކުން ހިނގާ ކަމެކެވެ. މިފަދަ ކުދިން އޮޕަރޭޝަން ކުރިޔަސް ދުނިޔޭގައި ގިނަ ދުވަހަކު ނުތިބެއެވެ. ދުނިޔޭގައި ތިއްބަސް ސިކުނޑި ބަރާބަރުވުން އޮންނަނީ ނާދިރުކަމެއްގެ ގޮތުގައެވެ.