ގްރެވިޓީ ބޭންޑުގެ ފުރަތަމަ އަލްބަމް ބައިސްކޯފާ ގުޅިގެން ލޯންޗުކޮށްފި އެވެ.

މި އަލްބަމް ލޯންޗުކޮށްފައިވަނީ މިކަމަށްޓަކައި މާގިރި ހޮޓެލްގައި ރޭ ބޭއްވުނު ހާއްސަ ރަސްމިއްޔާތެއްގަ އެވެ.

މި ރަސްމިއްޔާތުގައި ގްރެވިޓީ ބޭންޑުގެ ހުރިހާ އާޓިސްޓުން ބައިވެރިވެފައިވާއިރު ގްރެވިޓީ ބޭންޑުން ބުނީ އެ ބޭންޑުގެ ފުރަތަމަ އަލްބަމްގެ ތީމަކީ ފަހުލަވާނުން ކަމަށެވެ.

މި އަލްބަމްގެ ލަވަތަކުގެ ޅެންތައް މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައިވަނީ އަދުގެ ޒުވާނުންނަށް މުޖުމަތައުގައި ކުރިމަތިވާ އެކިއެކި ގޮންޖެހުންތަކުގެ މައްޗަށެވެ.

މިރަސްމިއްޔާތުގައި ބައެއް ގްރެވިޓީ ބޭންޑްގެ ބައެއް ލަވަތައް ދައްކާވެސް ލާފަ އެވެ.

ގްރެވިޓީ ބޭންޑުން ބުނީ މި އަލްބަމްގެ މަސައްކަތް ކުރުމުގައިވެސް ގިނަ ދަތިތަކަކާ ކުރިމަތިލާން ޖެހުނު ކަމަށެވެ. އެހެންނަމަވެސް ބޭންޑު އިތުރު ހަރުފަތަކަށް ގެންދިއުމަށް ލިބިފައިވާ ކޮންމެ ފުރުސަތެއްގެ ބޭނުން ވަރަށް ފުރިހަަމައަށް ހިފާފައިވާނެ ކަމަށްވެސް ގްރެވިޓީ ބޭންޑުން ބުނެފައިވެ އެވެ.

މި އަލްބަމް ނެރުމުގައި ގްރެވިޓީ ބޭންޑާއެކު މަސައްކަތްކޮށްފައިވާ ބައިސްކޯފުން ބުނެފައިވަނީ މި ބޭންޑާއެކު މަސައްކަތް ކުރަން ލިބުނު ކަމީ ބައިސްކޯފުން ވަަރަށް އުފާ ކުރާ ކަމެއް ކަމަށެވެ.

މިހާ ފުރިހަމަ މަސައްކަތެއް އާންމުންނާ ހަމައަށް ގެނައުމަށް ބައިސްކޯފާއެކު ކުރި މަސައްކަތް ބަލައިގަނެ ބައިސްކޯފްގެ މެނޭޖުންމަންޓުން ވަނީ ގްރެވިޓީ ބޭންޑަށް ޝުކުރު އަދާކޮށްފަ އެވެ.

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައިވަނީ މިއުޒިކީ ފަންނުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކޮށްފައިވާ އޮގަރު އިބްރާހިމް ވަހީދު އެވެ.

މީގެ އިތުރުން މިއުޒިކީ ފަންނުގައި ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތްކޮށްފައިވާ އެހެން ބައެއް އާޓިސްޓުން ވެސް މި ރަސްމިއްޔާތުގައި ވަނީ ބައިވެރިވެފަ އެވެ.