ރާއްޖޭގެ އެންމެ ކާމިޔާބު ފިލްމު ކުންފުނި ޑާކްރެއިން އެންޓަޓެއިންމަންޓުން މިއަހަރު ގެނެސްދިން ދެވަނަ ފިލްމު "މާމުއި"ގެ ހައުސްފުލް 18ޝޯ އޮލިންޕަހުގައި ވަނީ ދައްކާފައެވެ. މިމަހުގެ 1ވަނަ ދުވަހުން ފެށިގެން 19 ވަނަ ދުވަހުގެ ނިޔަލަށް ދެއްކި ހުރިހާ ޝޯތަކެއްވެސް ދައްކާފައިވަނީ ހައުސްފުލްކޮށެވެ.

މިމަހުގެ 1ވަނަ ދުވަހުން ފެށިގެން 19 ވަނަ ދުވަހުގެ ނިޔަލަށް އެންމެ ރެއެއް ފިޔަވާ އެހެން ހުރިހާ ރެއަކު "މާމުއި"ގެ ޝޯތައް އޮލިންޕަހުގައި ދައްކާފައިވާއިރު، ބައެއް ދުވަސްތަކުގައި ހަވީރުވެސް ވަނީ ޝޯތައް ދައްކާފައެވެ.

ހައުސްފުލް 18ޝޯއަށްފަހު، މިހާރު "މާމުއި"ގެ ޝޯތައް އަތޮޅުތެރޭގައި ދެއްކުމުގެ މަަސައްކަތް ވަނީ ފަށާފައެވެ. އެގޮތުން ޖުލައި 25 އަދި 26 މި ދެ ދުވަހު ތުލުސްދޫގައި ފިލްމު ދެއްކުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން އެހެން ބައެއް ރަށްރަށުގައިވެސް ފިލްމު ދެއްކުމުގެ ތައްޔާރީތައް ދަނީ ވަމުންނެވެ.

މީގެ ކުރިންވެސް "މާމުއި"ވަނީ ބައެއް ރިސޯޓްތަކުގައިވެސް ދައްކާފައެވެ.

ހައުސްފުލް 18ޝޯއަށްފަހު، ޑާކްރެއިންގެ މިހާރުގެ އަމާޒަކީ "ނޮވެންބަރ"އެވެ. މިއީ ޑާކްރެއިންގެ 13ވަނަ ފީޗާ ފިލްމެވެ. ލޯބީގެ އަސަރުގަދަ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާ "ނޮވެންބަރ"ގެ ކާސްޓް މިހާރު ވަނީ އިއުލާނުކޮށްފައެވެ.

ވީނިއުސްއަށް މައުލޫމާތު ދެއްވަމުން ޑާކްރެއިންގެ ވެރިޔާ މުހައްމަދު އަލީ (މޮގާ) ބުނީ "ނޮވެންބަރ"ގައި މުހިންމު ރޯލުތަކުން ފެނިގެންދާނީ ޖުމައްޔިލް ނިމާލް އާއި މަރިޔަމް މަޖުދާކަމަށެވެ. އަދި "މާމުއި"ން ބެލުންތެރިންގެ މެދުގައި މަގުބޫލުކަން ހޯދި އަލީ ޝިފާއުގެ އަނބިކަނބަލުން އައިޝަތު ޔާދާވެސް "ނޮވެންބަރ"އިން ފެނިގެންދާނެކަމަށެވެ. އަދި ކުރީގެ ފިލްމީ ތަރި އިސްމާއީލް ވަޖީހުވެސް މި ފިލްމުން ފެނިގެންދާނެކަމަށެވެ.

މިއީ އައިޝަތު ފުއާދު އާއި އަހުމަދު ތޮލާލްގެ ސްކްރީން ޕްލޭއަކަށް ތައްޔާރުކުރާ ފިލްމެކެވެ.

"ނޮވެންބަރ"ވެސް ޑައިރެކްޓްކުރާނީ ކުޅަދާނަ ޑައިރެކްޓަރު އަލީ ޝިފާއު (ޗިއްޕެ)އެވެ.

"މާމުއި"ގެ ބޮޑު ކާމިޔާބާއަށްފަހު، ބެލުންތެރިން މިހާރު އިންތިޒާރުކުރަނީ ޑާކްރެއިންގެ "ނޮވެންބަރ"އަށްކަން ކަށަވަރެވެ.