ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާއާއި ގުޅިގެން ހެކި ހުށަހެޅުމަށް ފަަސް ދުވަސް ދީފި އެވެ.

ރައީސް ޔާމީންގެ ޝަރީއަތް މިއަދު މެންދުރުފަހު 1:00 ޖަހާއެހާއިރު ޝަރީއަތް ފެށުމަށްފަހު މިއަދުގެ އަޑުއެހުން ނިންމާލީ ދެގަޑިއިރާއި 30 މިނެޓަށްފަހު އެވެ.

ޝަރީއަތުގެ މަޖިލީހުގައި ދައުލަތުން ދައުވާ ހުށަހަޅަމުން ދައުލަތުގެ ވަކީލާ ވިދާޅުވީ މަނީ ލޯންޑަރިންގެ ދައުވާ ރައީސް ޔާމީންގެ މައްޗަށް އުފުލީ އިސްލާމިކް ބޭންކްގައިވާ އެމަނިކުފާނުގެ އެކައުންޓަށް ދެ ފަހަރެއްގެ މަތިން ޖަމާކުރި ފައިސާގެ އަދަދު އެއް މިލިއަން ޑޮލަރަށް އަރާއިރު އެއީ ނާޖާއިޒު ގޮތުން ހޯދި ފައިސާަކަން އެނގިހުރެ އެފައިސާ ބޭނުންކޮށްގެން މާލީ މަންފާތަކެއް ހޯދާފައިވާތީ ކަމަށެވެ.

ދައުލަތުގެ ދައުވާ ސާބިތުކުރުމަށް ހެކިންގެ ގޮތުގައި ކުރީގެ ނައިބް ރައީސް އަހްމަދު އަދީބާއި، ކުރީގެ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރާއި، އޭސީސީގެ ކުރީގެ ރައީސް ހަސަން ލުތުފީ އާއި އޭސީސީގެ މިހާރުގެ ރައީސް މުއައްވިޒް ރަޝީދާއި އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތުގެ އިތުރުން އެހެން ބައެއް މީހުންގެ ނަންތައް ވެސް ދައުލަތުން ވަނީ ކޯޓަށް ހުށަހަޅާފަ އެވެ.

ދައުލަތުން ހުށަހެޅި ދެ ހެއްކެއް ބަލައިނުގަތުމަށްވެސް މައްސަލަ ބައްލަވަމުން ގެންދަވާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ހައިލަމް ވަނީ ނިންމަވާފަ އެވެ. ހެކީގެ ގޮތުގައި ބަލައިނުގަތުމަށް ނިންމީ ޔާމީންގެ އެކައުންޓަށް ފައިސާ ޖަމާކުރި ކުންފުނި، އެސްއޯއެފްގެ އެއް ހިއްސާދާރު މުހައްމަދު އައްލާމް ލަތީފާއި ޔާމީންގެ އެކައުންޓަށް އެސްއޯއެފްގެ ޗެކް ޖަމާކުރަން ދިޔަ އަހްމަދު އިސްފާހު އެވެ. ގާޒީ އެގޮތަށް ނިންމެވީ ރައީސް ޔާމީންގެ މައްޗަށް ދައުވާކުރާ މައްސަލައަކީ ތަހުގީގުކުރެވިފައިވާ މައްސަލައެއް ކަމަށް ދައުލަތުން ބުނުމުންނާއި، ދައުލަތުން ހުށަހަޅަން ބޭނުންވި ދެ ހެެކިން ހުށަހެޅީ ތަހުގީގުގެ ފަހުން ކަމަށްވާތީ އެވެ.

ރައީސް ޔާމީންގެ ފަރާތުން މިއަދު ވަނީ ދިފާއުގައި ފަސް ކަމެއް ހުށަހަޅުއްވާފަ އެވެ. އެގޮތުން ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނޭ އަބްދުﷲ ޝިޔާޒު ވަނީ ރައީސް ޔާމީނާ ދެކޮޅަށް ދައުލަތުން ހެކީގެ ގޮތުގައި ހުށަހެޅި ކުރީގެ ނައިބް ރައީސް އަހްމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތު ބަލައިނުގަތުމަށް އެދިވަޑައިގެންފަ އެވެ. ރައީސް ޔާމީންގެ ފަރާތްޕުޅުން އެގޮތަށް އެދުނީ އެ ދެ ބޭފުޅުންނަކީ ވެސް ޖިނާއީ ކުށް ސާބިތުވެފައިވާ ބޭފުޅުންނަށް ވާތީ އެކަން ފާހަގަކުރެއްވުމަށްފަހު އެވެެ. ވަކީލް ވިދާޅުވީ ދައުލަތުން ހުށަހަޅާފައިވާ ދައުވާ ފޯމު ވެސް ސާފު ނުވާ ކަމަށާއި މުޅި ދައުވާ ވެސް ބަލައިނުގަންނަ ކަމަށެވެ. އަދި ހަވާލާދީފައިވާ ކުށަކީ ގާނޫނުގައި ބަޔާންކޮށްފައިވާ ކުށެއް ނޫން ކަމަށާއި ދައުވާ ގުޅިފައިވާ މައްސަލައިގައި އެމްއެމްއޭގެ ނިންމުމެއް ނެތް ކަމުގައިވެސް ވިދާޅުވި އެވެ. ރައީސް ޔާމީންގެ ފަރާތްޕުޅުން ކަންތައްތަކެއް ޝަރީއަތަށް ހުށަހެޅުއްވި ނަމަވެސް ގާޒީ ވަނީ އެ ހުށަހެޅުއްވުންތައް ބަލައިނުގަތުމަށް ވެސް ނިންމަވާފަ އެވެ.

ޝަރީއަތުގެ މަޖިލީހުގައި ވާހަކަދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނުގެ މައްޗަށް ކޮށްފައިވަނީ ކުރެވޭނެ ދައުވާއެއް ނޫން ކަމަށެވެ. އެކައުންޓަށް ފައިސާ ޖަމާކުރި މީހުންނަކީ އެމަނިކުފާނު ދަންނަ ބައެއް ނޫން ކަމަށާއި ނަމަވެސް ކުރީގެ ނައިބް ރައީސް އަހްމަދު އަދީބްގެ އަތުގައި އެމަނިކުފާނުގެ ފައިސާ ހުރުމުން އެ ފައިސާ ޖަމާކުރުމަށް އަދީބަށް 2015 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި ދަންނަވާފައިވާނެ ކަަމަށްވެސް ވިދާޅުވި އެވެ.

ދައުލަތުގެ ދައުވާގައި ބުނާ ފައިސާ އަކީ ނުހައްގުން ލިބުނު ފައިސާ ކަމަށް ދައުލަތުން ބުނާއިރު އެ ފައިސާ ދައުލަތާ ހަވާލުނުކުރީ ކީއްވެގެންތޯ ދެންނެވުމުން ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނުގެ އެކައުންޓަށް ޖަމާވި ފައިސާ ހަވާލުކުރަން އެއްވެސް ފަރާތަކުން އަންގާފައި ނުވާ ކަމަށެވެ. އަދި އެމަނިކުފާނުގެ އެކައުންޓަށް ވަދެފައިވާ ފައިސާ ވަދެފައިވަނީ ބޭންކިންގެ އުސޫލުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ކަމަށް ގަބޫލުކުރެއްވޭ ކަމަށްވެސް ރައީސް ޔާމީން ވަނީ ވިދާޅުވެފަ އެވެ.

ރައީސް ޔާމީންގެ ޝަރީއަތް މިއަދު ކުރިއަށް ދިޔައީ ޓީވީތަކުން ލައިވްކޮށްގެން ކަމަށްވާއިރު މިއީ ރާއްޖޭގައި ކޯޓު ރޫމެއްގައި ބޭއްވި ޝަރީއަތުގެ މަޖިލީހެއް ލައިވް ޓެލެކާސްޓް ކުރި ފުރަތަމަ ފަހަރެވެ. އެހެންނަމަވެސް 3 ނޮވެމްބަރު 1988ގެ އުދުވާނީ ހަމަލާ އާއި ގުޅިގެން ހިންގި ޝަރީއަތްތަކުގެ އަޑު ދިވެހިރާއްޖޭގެ އަޑު މެދުވެރިކޮށް ލައިވް ބްރޯޑްކާސްޓް ކުރި އެވެ.

މަނީ ލޯންޑަރިންގެ މައްސަލައިގައި އެންމެ ފަހުން، ރައީސް ޔާމީނު ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފައިވަނީ މިހިނގާ ޖުލައި މަހުގެ 11 ވަނަ ދުވަހު،،، އެދުވަހު ރައީސް ޔާމީނު ކޯޓަށް ހާޒިރު ކުރީ އިދާރީ ބޭނުމެއްގައި ކަމަށް ކުރިމިނަލް ކޯޓުން ވަނީ ބުނެފަ އެވެ.

ރައީސް ޔާމީންގެ މައްޗަށް ދައުލަތުން ދައުވާކުރާ މަނީ ލޯންޑްރިންގެ މައްސަލައިގެ އަޑުއެހުމެއް އެންމެ ފަހުން ބޭއްވީ މިދިޔަ އޭޕްރީލް މަހުގެ 25 ވަނަ ދުވަހު އެވެ.

ރައީސް ޔާމީންގެ މައްޗަށް ކުރާ ދައުވާގައި ބުނެފައިވަނީ އެމްއެމްޕީއާރްސީގެ 1.3 ބިލިއަން ރުފިޔާގެ ބޮޑު ހިޔާނާތުގެ ފައިސާއިން، އެމަނިކުފާނު މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގައި ހުޅުވާފައިވާ އެކައުންޓަކަށް އެސްއޯއެފުން އެއް މިލިއަން ޑޮލަރު ޖަމާކުރުމުން އެ ފައިސާއިން މަންފާ ހޯއްދަވައި ލޯންޑާ ކުރައްވާފައިވާ ކަމަށެވެ.

ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާ ސާބިތުވެއްޖެނަމަ ފަސް އަހަރާއި 15 އަހަރު ދެމެދުގެ ޖަލު ހުކުމެއް އެމަނިކުފާނުގެ މައްޗަށް އިއްވާނެ އެވެ.