އެމްްއެމްޕީއާރުސީގެ ޚިޔާނާތުގެ ތެރެއިން ސަރުކާރަށް ގެއްލުން ލިބޭގޮތަށް ދޫކޮށްފައިވާ ފަޅުރަށްތަކާއި، ފަޅުތައް ސަރުކާރަށް ނެގުމަށްޓަކައި އެއްވެސް މަސައްކަތެއް ސަރުކާރުންކޮށްފައިވޭތޯ ސާފުކުރުމަށް، ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދާއި ސުވާލުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށައަޅައިފިއެވެ.

މިނިސްޓަރު އަލީ ވަހީދާއި ސުވާލުކުރުމަށް ހުށައަޅާފައިވަނީ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރެވެ.

ޖާބިރު މިއަދު، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ފޮނުއްވާފައިވާ ސިޓީއެއްގައި ވިދާޅުވީ އެމްއެމްޕީއާރުސީގެ ޚިޔާނާތަކީ މިހާތަނަށް ރާއްޖޭގައި ހިންގި އެންމެ ބޮޑު ޚިޔާނާތްކަމަށާ އެ ޚިޔާނާތުގެ ތެރެއިން ދައުލަތަށް އެތައް މިލިއަން ޑޮލަރެއް ގެއްލިގެންދާނެ ގޮތުގެމަތިން، އެކި ފަރާތްތަކަށް ދީފައިވާ ރަށްތަކާއި، ފަޅުތައް، ސަރުކާރަށް ނަންގަވާނެކަމުގެ ވައުދަކީ ރައީސް ސޯލިހްގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ އެއް ވައުދުކަމަށެވެ.

އެހެންކަމުން އެމްްއެމްޕީއާރުސީގެ ޚިޔާނާތުގެ ތެރެއިން ސަރުކާރަށް ގެއްލުން ލިބޭގޮތަށް ދޫކޮށްފައިވާ ފަޅުރަށްތަކާއި، ފަޅުތައް ސަރުކާރަށް ނެގުމަށްޓަކައި އެއްވެސް މަސައްކަތެއް ސަރުކާރުންކޮށްފައިވޭތޯ އާއި އެކަން ތަންފީޒުނުވާނަމަ އެކަން ލަސްވަނީ ކީއްވެގެންތޯ އަދި މިހާތަނަށް އެކަމަށްޓަކައި އެޅުއްވި ފިޔަވަޅަކީ ކޮބައިތޯ ސާފުކުރުމަށް ޖާބިރު ވަނީ ސުވާލުކުރައްވާފައެވެ.

ޖާބިރުގެ ސިޓީގައި ވަނީ މި ސުވާލުތަކަށް ޖަވާބުދާރީވުމަށް، ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ރައްޔިތުންގެ މަޖިލީހަށް ހާޒިރުވުމަށް ނޯޓިސް ފޮނުވުމަށާއި، ނޯޓިސްގެ މުއްދަތު ހަމަވުމުން މި ސުވާލުތައް ރައްޔިތުންގެ މަޖިލީހުގައި ކުރެވޭނެ ގޮތުގެމަތިން އެކަން އެޖެންޑާކޮށްދެއްވުމަށްވެސް ވަނީ އެދިވަޑައިގެންފައެވެ.

އެމްްއެމްޕީއާރުސީގެ ޚިޔާނާތުގެ ތެރެއިން ސަރުކާރަށް ގެއްލުން ލިބޭގޮތަށް ދޫކޮށްފައިވާ ފަޅުރަށްތަކާއި، ފަޅުތައް ސަރުކާރަށް ނަންގަވާ، އިންސާފު ގާއިމްކޮށްދެއްވާނެކަމަށް ރައީސް ސޯލިހް ވަނީ ރިޔާސީ އިންތިޚާބުގައި ވައުދުވެވަޑައިގެންފައެވެ.

އެމްއެމްޕީއާރްސީ ހިޔާނާތާ ގުޅޭ ގޮތުން އޭސީސީން އާންމު ކުރި ރިޕޯޓުގައިވާ ގޮތުން، ފަތުރުވެރިކަމުގެ ވިޔަފާރިއަށް ރަށްރަށާއި ފަޅުތައް ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ 77.5 މިލިއަން ޑޮލަރުގެ ތެރެއިން އެމްއެމްޕީއާރުސީއަށް ލިބިފައިވަނީ އެންމެ 12.5 މިލިއަން ޑޮލަރެވެ.

އެމްއެމްޕީއާރްސީ ހިޔާނާތުގެ ރިޕޯޓު އާންމު ކުރުމާއެކު، އެ ހިޔާނާތުގައި ފައިސާ ޖަމާވި ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަށް ސަރުކާރުން ވަނީ ފިޔަވަޅު އަޅާފައެވެ.