ބްރިޓިޝް އެއަރވޭސްއާއި، ލުފްތާންސާއިން މިސްރުގެ ވެރިރަށް ގާހިރާއަށް ކުރަމުންދިޔަ ދަތުރުތައް ވަގުތީގޮތުން ހުއްޓާލައިފިއެވެ.

އެ ދެ އެއަރލައިނުން ގާހިރާއަށް ކުރަމުންދިޔަ ދަތުރުތައް ހުއްޓާލީ ސަލާމަތީ ކަންބޮޑުވުންތަކެއް ފެންމަތިވުމާ ގުޅިގެން ކަމަށްވެއެވެ. ނަމަވެސް އެއަރލައިންތަކުގެ ކުއްލި މި ނިމުން އައީ ސަލާމަތީ ކޮންކަހަލަ ކަންބޮޑުވުމެއް އުފެދިގެން ކަމެއް ހާމަކޮށްފައެއް ނުވޭ،، އޭގެ ތަފްސީލެއް ހާމައެއް ނުކުރެއެވެ.

"އަޅުގަނޑުމެން ދަތުރުކުރާ ދުނިޔޭގެ ހުރިހާ އެއަރޕޯޓްތަކުގެ ސަލާމަތީ އިންތިޒާމުތައް އަބަދުވެސް މުރާޖައާ ކުރަމުން ގެންދަން. އެގޮތުން، ގާހިރާއަށް ކުރަމުންދިޔަ ވައިގެ ދަތުރުތައް މި ހުއްޓާލީ ހަތްދުވަހަށް. އެއީ ސަލާމަތީ އިންތިޒާމުތައް އިތުރަށް ވަޒަންކުރުމަށް" ބްރިޓިޝް އެއަރވޭސްއިން ނެރުނު ބަޔާނެއްގައި ބުނެފައި ވެއެވެ.

ބްރިޓިޝް އެއަރވޭސްއިން މުރާޖައާ ކުރަމުންދިޔައީ ސަލާމަތީ ކޮން އިންތިޒާމުތަކެއްތޯއާއި، ދަތުރުތައް ސަސްޕެންޑްކުރި މައްސަލައިގެ އިތުރު ތަފްސީލް ދިނުމަށް އަލްޖަޒީރާއިން އެދުމުން ބްރިޓިޝް އެއަރވޭސްގެ ތަރުޖަމާނު ވިދާޅުވީ "ސަލާމަތީ ކަންކަމާ ގުޅޭ މައުލޫމާތު ހިއްސާ ނުކުރާ" ކަމަށެވެ.

މިއުނިކާއި، ފްރޭންކްފަރޓްއިން ގާހިރާއަށް ދަތުރުކުރާ ލުފްތާންސާގެ ތަރުޖަމާނު ވިދާޅުވީ، އެ އެއަރލައިނުން އެންމެ އިސްކަންދެނީ ސަލާމަތީ ކަންތައްތަކަށް ކަމަށެވެ. އެގޮތުން، ގާހިރާއަށް ދަތުރުކުރުން ވަގުތީގޮތުން ސަސްޕެންޑްކުރީ ރައްކާތެރި ފިޔަވަޅެއްގެ ގޮތުން ކަމަށާއި، އެއީ އިތުރު ބެލުންތަކެއް ބަލަން ކަމަށް ވިދާޅުވިއެވެ. އިތުރު ތަފްސީލް ދީފައެއް ނުވެއެވެ.

މިސްރުގެ ތިން އެއަރޕޯޓެއްގައި ސަލާމަތީ ކަންކަން ބަލަހައްޓާ ފަރާތްތަކުން ރޮއިޓަރސްއަށް މައުލޫމާތު ދެމުން ބުނެފައިވަނީ، ގާހިރާ އެއަރޕޯޓްގެ ސަލާމަތީ ފިޔަވަޅުތައް ހުރިގޮތް އިނގިރޭސި އޮފިޝަލުން ޗެކްކުރަމުން ގޮސްފައިވާ ކަމަށާއި، އޭގެ ތަފްސީލެއް ދީފައި ނުވާކަމަށެވެ.

ކައިރޯ އެއަރޕޯޓް ކޮމްޕެނީގެ ޗެއަރމަން އަހްމަދު ފައުޒީ، މިސްރުގެ އަލް ޝޮރޫކް ނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ފްލައިޓްތައް ސަސްޕެންޑް ކުރުމުގެ ކުރިން، ސަލާމަތީ އެއްވެސް ކަންބޮޑުވުމެއްގެ ވާހަކަ ބްރިޓިޝް އެއަރވޭސްއިން ހިއްސާ ކޮށްފައި ނުވާކަމަށެވެ.